ރޭ ފަތިހު ކެޑޭޓް ކޮލެޖަށް ދޭން އުޅުނު ހަމަލާއާއި، ވެރިރަށް އިސްލާމްއާބާދަށް މިއަދު ދިން ބޮމުގެ ހަމަލާގެ އަޑީގައި އޮތީ އިންޑިއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، މިއަދުގެ ދެ ހަމަލާއަކީވެސް އިންޑިއާއިން ސަރަހައްދުގައި ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އެންމެ ނުބައި ނަމޫނާ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ވިދާޅުވީ، މިއީ، އިންޑިއާގެ މިފަދަ ނުބައި ރޭވުންތައް ދުނިޔެއިން ކުށްވެރި ކުރަންވީ ވަގުތު ކަމަށެވެ.
ބޮން ގޮއްވާލުމާއި އިންޑިއާއާ ހުރި ގުޅުމާ ގުޅޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ހެއްކެއް ނުދައްކަވައެވެ.
އެކަމަކު ވިދާޅުވެފައިވަނީ، ޓެރަރިޒަމްގެ ވަބާ މުޅިން ނައްތާލެވެންދެން އެމީހުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލައްވާނޭ ކަމަށެވެ.
ބޮޑުވަޒީރު ޝަހްބާޒްއާ ހަވާލާދީ މި ވާހަކަތައް ހާމަކޮށްފައިވަނީ އެކްސް ޕްލެޓްފޯމްގެ ޕާކިސްތާނު ސަރުކާރު އެކައުންޓުންނެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޯޓުހައުސް އިމާރާތުގެ ބޭރުގައި މީހަކު ބޮމުގެ ހަމަލާއެއް ދީފައިވަނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެންނެވެ.
މި ހަމަލާގައި 12 މީހުން މަރުވެ އިތުރު 27 ޒަޚަމްވެފައި ވާއިރު، މި ހަމަލާގެ ތަހްގީގު ޕާކިސްތާނުން ވަނީ ފަށާފައެވެ.
އަދި މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަވާނޭ ކަމަށްވެސް ބޮޑުވަޒީރު ވައުދުވެވަޑައި ގެންފައި ވެއެވެ.
އަފްޣާނިސްތާނުގެ ބޯޑަރާ ގާތުގައި ހުންނަ ޕާކިސްތާނު ސިފައިން ހިންގާ ކެޑޭޓ ކޮލެޖަކަށް ހަތިޔާރު އެޅި ބަޔަކު ފަތިހު ވަދެގަނެ ކެޑޭޓުން ރަހީނުކުރަން މަސައްކަތް ކޮށްފައި ވެއެވެ.
ނަމަވެސް، ޕާކިސްތާނު ސިފައިންވަނީ އެމީހުންނަށް ހަމަލާދީ، އޭގެ ތެރެއިން ދެމީހުން މަރާލައި ދެންތިބި ތިންމީހުން ހައްޔަރު ކޮށްފައެވެ.



