ބަނގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ވާގޮތަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާއިން މިކަން ހާމަކުރީ، މިވަގުތު އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް ބަނގްލަދޭޝްގެ ޚާއްސަ ކޯޓުން އިއްވި މަރުގެ ހުކުމާ ގުޅިގެންނެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝައިޚް ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އިންޑިއާ ސަރުކާރުން ނޯޓުކޮށްފައިވާ ކަމަށާއި، އަދި ބަނގްލަދޭޝްގެ ރައްޔިތުންގެ މަސްލަތަށް އެންމެ ރަނގަޅު ގޮތަށް އިންޑިއާއިން ކަންކުރާނޭ ކަމަށެވެ.
ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ އެކު އާރުލާ ގޮތެއްގައި އިންޑިއާއިން މަސައްކަތް ކުރާނޭ ކަމަށްވެސް، ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޝައިޚް ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމަށްފަހު ޝައިޚް ހަސީނާއާއި، އަދި ކުރީގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާން ކަމާލް އިންޑިއާ ހަވާލު ކުރުމަށް ބަނގްލަދޭޝްއިން ގޮވާލާފައިވާ ގޮވާލުމަށް އިންޑިއާ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަކި އެއްޗެއް ނުބުނެއެވެ.
ޝައިޚް ހަސީނާ ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ އަދި ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ޝައިޚް ހަސީނާގެ ފަރާތުން ވާހަކަ ދައްކަމުން ގެންދާ ގާނޫނީ ފަރާތްތަކުން ބުނަމުން ގެންދަނީ، ހަސީނާގެ މައްޗަށް ހިންގި ޝަރީއަތުގައި އޭނާގެ ދިފާއަށް ހުށަހެޅި ފުންނާބުއުސް އެއްވެސް ވަކީލަކަށް ކޯޓުން ފުރުސަތު ދީފައި ނުވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާއިން ޝައިޚް ހަސީނާ ބަނގްލަދޭޝްއާ ހަވާލެއް ނުކުރާނެއެވެ. ޝައިޚް ހަސީނާގެ ފިރިހެން ދަރިކަލުންވެސް މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އެކަން ހާމަކުރައްވާފައި ވެއެވެ.
ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގައި ޝައިޚް ހަސީނާއާއި އިންޑިއާއާ ދެމެދު ވަރަށް ގާތް ގުޅުންތަކެއް ބޭއްވެވިއެވެ. ޝައިޚް ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދިނީވެސް އެހެންވެގެންނެވެ.
އިންޑިއާއިން ޝައިޚް ހަސީނާ، ބަނގްލަދޭޝްއާ ހަވާލު ނުކޮށްފިނަމަ ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެކަމަށް ބެލެވިފައި ވާއިރު، ޝައިޚް ހަސީނާ ދެކެ ލޯބިވާ ފަރާތްތަކުން ހިންގަފާނެ ހަމަނުޖެހުންތަކާ ހެދި މުޅި ބަނގްލަދޭޝް މިހާރު އޮތީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.



