ވިސާއާ ނުލައި އިންޑިއާގެ އާންމުން އީރާނަށް ދަތުރު ކުރެވޭގޮތަށް އޮތް އޮތުން އީރާނު ސަރުކާރުން އުވާލައިފިއެވެ.
އެގޮތުން، އީރާނަށް އަންނަ އިންޑިއާ ރައްޔިތުންނާއި، އަދި އީރާނުގައި ޓްރާންސިޓްކުރާ އިންޑިއާ ރައްޔިތުންވެސް އީރާނަށް އައުމުގެކުރިން ސައްހަ ވިސާ ހުށަހަޅަން ޖެހޭގޮތަށް އީރާނު ސަރުކާރުން ވަނީ ހަދާފައެވެ.
މި އުސޫލަށް އަމަލުކުރަން ފަށަނީ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މިއީ، ހިއުމަން ޓްރެފިކިންއާއި، ކިޑްނެޕްކުރުމާއި، ވަޒީފާ ދޭނޭކަމަށް ބުނެ ފޭކް ސްކީމްތައް ހިންގާ ނެޓްވޯކްތަކުން، އެގޮތަށް ދަތުރުކުރާ އާންމުންގެ ނާޖާއިޒް ބޭނުންހިފާތީ އެކަން ހުއްޓުވަން އަޅާ ފިޔަވަޅުތަކެއް ކަމަށް އީރާނު ސަރުކާރުން ބުނެފައި ވެއެވެ.
ޚާއްސަކޮށް ކުށްތަކުގައި ހިމެނޭ މީހުން ވިސާ ފްރީ ޕްރޮގްރާމްގެ ނާޖާއިޒް ބޭނުން ހިފުން ހުއްޓުވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އީރާނު ސަރުކާރުން އިއުލާން ކުރީ އުސޫލުގައި އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ އުއްތަރް ޕްރަދޭޝް، ކެރަލާ އަދި ޕަންޖާބަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އީރާނު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ އަސަރު އިންޑިއާއި އިރާނާ ދެމެދު ކުރެވޭ ދަތުރުތަކަށް އަސަރެއް ނުކުރާނޭ ކަމަށެވެ.
ވަޒީފާ ދޭނޭ ކަމަށް ބުނެ އިންޑިއާގެ ރަށްތަކުން އާންމުން ގެނެސް، ކިޑްނެޕް ކުރުންފަދަ އަމަލުތައް ހިންގާތީ، އެފަދަ ފޭކް ސްކީމްތަކުގައި ނުޖެހުމަށް ތެހެރާނުގައި ހުންނަ އިންޑިއާ އެމްބަސީން އިންޒާރުވެސް ކޮށްފައި ވެއެވެ.
ވިސާ ފްރީ ޕްރޮގްރާމް އީރާނުން ކެންސަލް ކުރީ އިންޑިއާ ސަރުކާރުގެވެސް އެދުމުގެ މަތިން ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެކަމަކު، ވިސާ ފްރީ ޕްރޮގްރާމްގެ ނާޖާއިޒް ފައިސާ އިންޑިއާގެ ޖާސޫސީ އޭޖެންސީތަކުން ނަގާކަމުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ.
އީރާނުގެ އެންމެ ބޮޑު ދުޝްމަން، އިސްރާއީލާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުންތައް މިފަހުން އިތުރަށް ވަރުގަދަކޮށް، އިންޑިއާ އާއި އިސްރާއީލާ ދެމެދު ދިފާއީ އަދި ޖާސޫސީ ދާއިރާތަކުން އެއްބާރުން ވަރަށް ބޮޑަށް އިތުރުވެސް ކޮށްފައި ވެއެވެ.



