ޣައްޒާގައި ވެރިކަންކުރަން އެކުލަވާލާ “ބޯރޑު އޮފް ޕީސް” އިއުލާން ކުރާނީ އަންނަ އަހަރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް މިކަން ހާމަކޮށްފައިވަނީ، ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޓްރަމްޕް ބުނީ، އެ ބޯރޑުގައި ހިމެނޭނެ ދުނިޔޭގެ ލީޑަރުންގެ ލިސްޓް އިއުލާން ކުރާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.
ޓްރަމްޕް ބުނީ، އޭނާ އެކުލަވާލާ ‘ޣައްޒާ ބޯރޑު އޮފް ޕީސް” ގައި ހިމެނުމަށް ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން އެދިވަޑައި ގަންނަވާ ކަމަށެވެ.
‘ޣައްޒާ ބޯރޑު އޮފް ޕީސް” އަކީ، ޣައްޒާގައި ވަގުތީގޮތުން ވެރިކަން ކުރުމަށް އެމެރިކާގެ ރައީސް ހުށަހެޅި، ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ދަށުން އުފައްދަން ނިންމާފައިވާ ބޯރޑެކެވެ.
އެމެރިކާގެ ރައީސްގެ ޕްލޭން އދއިންމިހާރު ފާސްކޮށްފައިވާއިރު، ޣައްޒާގެ ވެރިކަން ވަގުތީ ބޯރޑަކާ ހަވާލު ކުރުމަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
އެމެރިކާއިން ހުށަހެޅި ‘ޣައްޒާ ބޯރޑު އޮފް ޕީސް” ގެ ރިޔާސަތުގައި އިންނާނީ އެމެރިކާގެ ރައީސް ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އޭގެ އިތުރުން، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރވެސް ހިމެނުމަށް ފުރަތަމަ ކަނޑައަޅާފައި ވީނަމަވެސް، އަރަބި ގައުމުތަކުގެ ވެރިންގެ އެދުމުގެމަތިން ޓޯނީ ބްލެއަރގެ ނަން މިހާރު ބޯރޑުން އުނިކޮށްފައިވާ ކަމަށް މީޑިއާ ވަސީލަތްތަކުން ބުދަދުވަހު ރިޕޯޓް ކޮށްފައި ވެއެވެ.
ޓޯނީ ބްލެއަރއާމެދު ފަލަސްތީނު ރައްޔިތުންގެ އިތުރުން، އަރަބީންނާއި އަދި މުސްލިމުންވެސް ވަރަށް ދެކޮޅެވެ. ސަބަބަކީ، މުސްލިމުންނާމެދު އޭނާ ގެންގުޅޭ ދެކޮޅުވެރި ސިޔާސަތުގެ ސަބަބުންނެވެ.
ޣައްޒާގައި މިހާރު ވެރިކަންކުރާ ހަމާސްއަށް، ވަގުތީ ވެރިކަމުގައި އެއްވެސް ދައުރެއް ދީފައެއް ނުވެއެވެ. އަދި ފަލަސްތީނު ސަރުކާރަށްވެސް އެއްވެސް ދައުރެއް ދީފައެއް ނުވެއެވެ.
ހަމާސްއިން ބުނަމުން ގެންދަނީ، ޣައްޒާގައި ވެރިކަން ކުރާނެ ބަޔަކު ކަނޑައަޅާނީ ފަލަސްތީނު ރައްޔިތުން ކަމަށެވެ.
އެމެރިކާގެ ރައީސްގެ ޕްލޭންގައި ވަނީ، ޣައްޒާގެ ވެރިކަން ހިންގުން ވަގުތީ ބޯރޑަކާ ހަވާލު ކުރުމަށްފަހު ޣައްޒާއަށް ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއްވެސް ފޮނުވުމަށެވެ.
އެ ފައުޖުގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، ޣައްޒާ ތެރޭގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ޣައްޒާއަކީ ހަތިޔާރު ނެތްތަނަކަށް ހެދުން ހިމެނެއެވެ.
މިއީ، ސީދާ ހަމާސްގެ އަތުން ހަތިޔާރު އަތުލައި، ޣައްޒާއިން ހަމާސްގެ ބާރު ކަނޑުވާލަން ރާވާފައިވާ ކަމެއް ކަމަށް ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ.



