ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ޕޯޓަލް ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް ޕޯޓަލް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަކޮށް، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނެ ވަގުތެއް ލިބި، ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ތައްޔާރުވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް އީސީން ބުނެފައިވެ އެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލްއަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށާއި އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށްވެސް އީސީން މައުލޫމާތުދީފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިން ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން އީސީން ބުނެފައިވަނީ، އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ، މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންވާނެ ކަމަށާއި އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އައިޑީ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށެވެ. އަދި ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށްވެސް އީސީން ބުނެފައިވެ އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ އެވެ.
މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރިނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުން ކަމަށް އީސީން ބުނެފައިވެ އެވެ.


