ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ދެމީހުން ނިސްބަތްވަނީ ދެ ގްރޫޕަކަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ނިޔާވެފައިވަނީ، ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ދެ ޢުމްރާވެރިން ކަމަށެވެ. މިއީ 2 ފިރިހެނުން ކަމަށް އިސްލާމީ ކަންތައްކާއި ބެހޭ ވުޒާރައިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވީ، މި ދެމީހުންގެ ޖަނާޒާގެ ކަންތައްތައްވެސް މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ.
ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޗުއްޓީގައި ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހިން ޢުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޑިސެމްބަރު މަހާއި ޖަނަވަރީ ޢުމްރާއަށް ރާއްޖެއިން ދިޔަ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެއެވެ. ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރާނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރާނެއެވެ.


