މިލާނުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަތުން ބަލިވެ އޭސީ މިލާނުގެ ބަލިނުވުމުގެ ސިލްސިލާއަށް 27 މެޗަށްފަހު ނިމުން އަތުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން ބަލިވީ ޔުވެންޓަސް އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވެ މިލާނުން 15 މެޗު ފުރިހަމަކުރިއިރު، މިދިޔަ ސީޒަނުގައި އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ 12 މެޗު ހަމަކޮށްފައެވެ. އެހެންކަމުން ޔުވެންޓަސް މެޗުގެ ކުރިން ލީގުގައި މިލާން އެންމެ ފަހުން ބަލިވި މެޗަކީ މިދިޔަ އަހަރުގެ މާޗު މަހުގެ އަށްވަނަ ދުވަހު ޖެނޯއާ އަތުން 2-1 ން ބަލިވި މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް މިލާން ނުކުތީ އަނިޔާ އާއި ކޮވިޑް-19 ގެ ސަބަބުން، ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ފަސް ކުޅުންތެރިން ނެތިއެވެ. އޭގެ ތެރޭގައި ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗުވެސް ހިމެނެއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއެސާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޑެވިޑޭ ކަލަބްރިއާ ވަނީ މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޔުވެންޓަސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ކިއެސާއެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެސްޓަން މެކެނީ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މިލާން ބަލިވި ނަމަވެސް، އެ ޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. މިލާނަށް ކުޅުނު 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓަ މިލާނަށް 16 މެޗުން ވަނީ 36 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ރޯމާއަށް 16 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ހަތަރުވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ