ޓްރަމްޕްގެ އިންޒާރަށް ގަންނާކުރެއްވިބިރުން، ޖަރުމަނުން ގްރީންލޭންޑަށް ފޮނުވި ސިފައިން އަނބުރާ ގެންގޮސްފި

ޚަބަރު ފަހުގެ ދުނިޔެ

ގްރީންލޭންޑްގެ ހިމާޔަތަށް ޖަރުމަނުވިލާތުން ގްރީންލޭންޑަށް ފޮނުވި 15 ސިފައިން ކުއްލިގޮތަކަށް އަނބުރާ ގެންގޮސްފިއެވެ.

މިކަން ރިޕޯޓް ކޮށްފައިވަނީ ޖަރުމަނުގެ ބިލްޑް ނޫހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގްރީންލޭންޑަށް ޖަރުމަނުވިލާތުން ފޮނުވި ސިފައިން އެ ރަށުން ފުރާ މަންޒަރު ފެންނަ ފޮޓޯތައް ނަގައި ބިލްޑް ނޫހުންވަނީ ފޮޓޯތައް އާންމުކޮށްފައެވެ.

ނޫހުން ބުނެފައިވަނީ، ގްރީންލޭންޑްގައި ތިބި ޖަރުމަނުވިލާތުގެ 15 ސިފައިން އެނބުރި ގައުމަށް އައުމުގެ އަމުރު އައީ މިއަދު ހެނދުނު ކަމަށެވެ. އަމުރު އައުމާއެކު ސިފައިންވަނީ ފުރާފައެވެ.

އެކަމާހެދި، ގްރީންލޭންޑްގެ ކަމާބެހޭ ފަރާތްތަކާއެކު ބާއްވަން ތާވަލް ކޮށްފައި އޮތް ބައްދަލުވުންތަކާއި، މަޝްވަރާތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ސިފައިން އެނބުރި އައުމަށް ޖަރުމަނު ސަރުކާރުން އެންގީ ކީއްވެގެންކަމެއް ރަސްމީކޮށް ހާމަކޮށްފައި ނުވާކަމަށް ބިލްޑް ނޫހުން ބުނެފައި ވެއެވެ. އަދި ސިފައިންނަށްވެސް ސަބަބެއް އަންގާފައި ނުވާކަމަށް ވެއެވެ.

އެކަމަކު، ޖަރުމަނު ސަރުކާރުން ސިފައިން އެނބުރި ގައުމަށް އައުމަށް ކުއްލި ގޮތަކަށް އެންގި އެގުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާ އިންޒާރާ ބައެއް ފަރާތްތަކުން ގުޅުވައެވެ.

އެއީ، ގްރީންލޭންޑަކީ އެމެރިކާގެ ތަނަކަށް ހެދުމަށް އޭނާ ނިންމާފައިވާ ނިންމުމާ ދެކޮޅު ހަދައި ގްރީންލޭންޑް ސިފައިން ފޮނުވާފައިވާ ޔޫރަޕްގެ ގައުމުގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގާނޭކަމަށް ޓްރަމްޕް ދީފައިވާ އިންޒާރެވެ.

މުހުލަތެއް ދިނުމަށްފަހު ޓްރަމްޕް ބުނެފައިވަނީ، އެ މުއްދަތުގެ ފަހުންވެސް އެ ގައުމުތަކުން އެމެރިކާއާ ދެކޮޅު ހަދާނަމަ ޓެރިފް އަނެއްކާވެސް ބޮޑުކުރާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެގައިވަނީ، ގްރީންލޭންޑަށް ސިފައިން ފޮނުވާފައިވާ ޔޫރަޕްގެ ހުރިހާ ގައުމެއްގެ ސިފައިން ވަގުތުން ގްރީންލޭންޑުން ބޭލުމަށް އަމުރު ކޮށްފައެވެ.

ޓްރަމްޕް ބުނެފައިވަނީ، އެހެން ގައުމުތަކުގެ ސިފައިން ގްރީންލޭންޑަށް ފޮނުވުމަކީ “ސުލްހައަށް އޮތް ނުރައްކަލެއް” ކަމަށެވެ.

ގްރީންލޭންޑް އެމެރިކާގެ ބަޔަކަށް ހެދުމަށް ޓްރަމްޕް ނިންމާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ގްރީންލޭންޑަކީ މިހާރު ޑެންމާކްގެ ރަށެކެވެ. ޑެންމާކް އަތުން ގްރީންލޭންޑް އަތުލައި އެމެރިކާގެ ތަނަކަށް ހަދަންއުޅޭ މައްސަލާގައި ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާއިރު، ޔޫރަޕްގެ އިއްތިހާދާއި އެމެރިކާއާ ދެމެދު އިގްތިސާދީ ހަނގުރާއެއް ފަށާފާނޭކަމުގެ ކޮޅުމަތި މިހާރު ދަނީ ފެންނަމުންނެވެ. އެމެރިކާއާއެކު ހެދުމަށް ނިންމާފައިވާ ވިޔަފާރީގެ މުހިންމު އެއްބަސްވުމެއް ކުރިއަށް ނުގެންދަން އީޔޫއިން ވިސްނަމުންދާކަން ރޭގައި ހާމަވެފައި ވެއެވެ.

އެމެރިކާއިން ގްރީންލޭންޑް އަތުލިޔަސް ޑެންމާކަށް އަދި އީޔޫއަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ޔޫރަޕްގެ ގައުމުތަކުގެ ހިމާޔަތަށް އުފައްދާފައިވާ ނޭޓޯއަށް ބޮޑު ހޭދައެއް ކުރަނީ އެމެރިކާއިން ކަމަށް ވާއިރު، ނޭޓޯގައި ގިނައިން ހުރީވެސް އެމެރިކާގެ ހަތިޔާރެވެ.

ގްރީންލޭންޑްގެ ހިމާޔަތަށް ނުވަތަ ޑެންމާކަށް އެހީވުމަށް ނޭޓޯއެއް ނާންނާނެކަން ކަށަވަރުވެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ