ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލު ވެރިވެގަތުމާ ދެކޮޅު ހަދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ ބުނެފައެވެ.
ވައިޓްހައުސްއިން ބުނެފައިވަނީ، ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަކީ އޭނާ ތާއީދުކުރާ ކަމެއް ނޫންކަން ރައީސް ޓްރަމްޕް ވަރަށް ސާފުކޮށް އިސްރާއީލަށް އަންގާފައިވާ ކަމަށެވެ.
ހުޅަނގު އައްސޭރީގައި ހަމަޖެހުން ގާއިމްވެފައި އޮތުމަކީ އިސްރާއީލުގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށާއި އަދި އެކަމަކީ، ޓްރަމްޕްގެ ސުލްހައިގެ ޕްލޭނަށްވެސް މުހިންމު ކަމެއް ކަމަށް ވައިޓްހައުސްއިން ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕާއި ވައިޓްހައުސްއިން މި މޭރުމުން މިގޮތަށް މި ދަނޑިވަޅުގައި ވާހަކަ ދައްކާފައި މިވަނީ، މެދުއިރުމަތި ޚާއްސަކޮށް ގަލްފްގެ ގައުމުތައް ރުއްސަން ވެގެން ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުން ކުރަން ނިންމާ ކޮންމެ ކަމެއް އެމެރިކާ ނުރުހުނަސް ކުރަމުންދާކަން މާޒީގައި ހިނގާފައިވާ ކަންކަމުން ޔަގީން ވެއެވެ. އިސްރާއީލުގެ މައްޗަށް އެމެރިކާއަށް އެއްވެސް ބާރެއް ނޯންނަކަންވެސް އެނގި ހާމަވެފައި ވެއެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހެދުމަކީ އދގެ ގަރާރުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅީން ޚިލާފް ކަންކަމެވެ. އެހެން ނަމަވެސް، އިތުރު ބިންތަކަށް ވެރިވެގަނެ ޔަހޫދީ އާބާދީތައް ހެދުން އިސްރާއީލުން ފުޅާކުރަމުން ގެންދަނީ އެމެރިކާގެ ރުހުމާއި ތާއީދާ އެކުގައެވެ.
ޔަހޫދީ އާބާދީތައް ހެދުމުގެ މަޝްރޫއުތައް އިސްރާއީލުން އިއުލާން ކުރުމުން އެކަމާ ދެކޮޅަށް އެމެރިކާއިން ފުރަތަމަ ވާހަކަ ދެއްކި ނަމަވެސް، ފަހުން އެކަމަށް ރުހުން ދެއެވެ.
އިސްރާއީލުން މި ފަހަރު މިވަނީ މުޅި ހުޅަނގު އައްސޭރި ކަހަލަ ގޮތަކަށް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ ޕްލޭނެއް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ފަލަސްތީނު ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެތައް ބިމެއްވެސް ހިމެނެއެވެ.
މިކަމާ މުޅި ދުނިޔެ ދެކޮޅު ހަދަމުން ގެންދާނީ އެމެރިކާއިންވެސް ބަހެއް ބުނެލީއެވެ.
އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ގެންދަނީ މެދުއިރުމައްޗަށް ވަރުގަދަ ލަޝްކަރެއް ޖަމާކުރަމުންނެވެ. އަދިވެސް ގެންދަނީ ސަރަހައްދަށް އެތައް ހަތިޔާރަކާއި ސިފައިން ޖަމާކުރަމުންނެވެ.
އީރާނަށް ހަމަލާދިނުމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށްވެސް ގެންދަނީ ހަތިޔާރު އެއްކޮށް ޖަމާކުރަމުންނެވެ.
ޔޫރަޕްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހަނގުރާމައިގެ އެތައް ހަތިޔާރެއްވެސް މިހާރު ގެންދަނީ މެދުއިރުމައްޗަށް އުފުލަމުންނެވެ.
އީރާނަށް އަސްކަރީ ހަމަލާދޭން އެމެރިކާއަށް މެދުއިރުމަތީގެ ގައުމުތަކުގެ އެއްގަމާއި އަދި ވައިގެ ސަރަހައްދުވެސް ބޭނުންވާނެއެވެ.
އީރާނަށް ހަމަލާދޭން އެއްގަމު ސަރަހައްދު އަދި ވައިގެ ސަރަހައްދުވެސް ނުދޭނޭ ކަމަށް އެ ގައުމުތަކުން ބުނެފައި ވާއިރު، އެހެން ގައުމުތަކުންވަނީ އެކަމަށް ހުއްދަ ދީފައެވެ.
އިރާނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާއާއި އިސްރާއީލު ތައްޔާރު ވަމުންދާއިރު، ގަލްފް ނުވަތަ މެދުއިރުމަތީގެ ގައުމުތަކުގެ ރުހުން އެމެރިކާއަށް އޮތުން ވަރަށް މުހިންމު ވާނެއެވެ.
ހުޅަނގު އައްސޭރީގެ މައްސަލާގައި އެމެރިކާ އިސްރާއީލު ކޮޅަށް ޖެހިއްޖެނަމަ އެ ގައުމުތައް ހިތްމަމަ ނުޖެހޭނެތީ އަރަބީން ރުއްސަން ހީލަތްތެރި ގޮތެއްގައި ވާހަކަ ދައްކަނީކަން ގިނަމީހުން ގަބޫލު ކުރެއެވެ.
މުޖުރިމު ނަތަންޔާހޫ މިހާރުވެސް ވަނީ އެމެރިކާއަށް ދިއުމަށް ފުރާފައެވެ. ނަތަންޔާހޫއާއި ޓްރަމްޕް ބައްދަލުކޮށް ކުރާނެ ކަމަކީ ފަލަސްތީނާއި، މެދުއިރުމަތި އަދި މުސްލިމުންނާ ދެކޮޅު ރޭވުންތައް ރާވައި ސައްލާކުރުން ކަންވެސް އެންމެނަށް އެނގެއެވެ.



