ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަނގްލަދޭޝްގައި ގާއިމްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައިދެއްވީ ޝެއިހް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި އަބްދުއްރަޙްމާން ފަރީދު އެވެ.
ބަންގްލަދޭޝްގައި ހުޅުވި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
ޝެއިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައިވެސް މިސްކިތެއް ގާއިމްކުރަންވަނީ ނިންމާފަ އެވެ. ޝެެއިހް ފަރީދު މަސައްކަތް ކުރައްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާއިން އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ.
ޝައިޚް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ މަސައްކަތެއްގައި މެލޭޝިއާއަށް ފައިބައިވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓުމުން ފަރުވާދެމުން ދަނިކޮށެވެ.
ޝައިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެެވެ. އެކި މައުލޫތަކަށް ޝައިހް ފަރީދު ދެއްވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
ޝައިހް ފަރީދަކީ، އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް ބަންދުވެސް ކުރިއެވެ. ޝައިހް ފަރީދަކީ، އެމްޑީޕީގެ ފުރަތަމަ ދުވަސްކޮޅު އިސް މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި ބޭފުޅެކެވެ. އެގޮތުން ޝައިހް ވަނީ އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.


