އީރާނަށް ހަމަލާ ދިނުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުރިހަމައަށް ތައްޔާރު ވެވިފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ރައީސް ޑޮނަލްޑް ޓްރަމްޕަށް އަންގާފައިވާ ކަމަށް ވެއެވެ.
އަދި ރައީސް އަމުރު ކުރުމާއެކު އީރާނަށް ހަމަލާދޭން ފަށާނޭ ކަމަށް ބުނެފައިވާ ކަމަށްވެސް ވެއެވެ.
މެދުއިރުމަތީގެ އެތައް ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތަކަށްވެސް އެމެރިކާއިން ހަތިޔާރާއި ސިފައިން ޖަމާކޮށްފައި ވެއެވެ. އަދި ފަސޭހައިން އީރާނަށް ހަމަލާ ދެވޭގޮތަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހުރި އަސްކަރީ ބޭސްތަކަށްވެސް ހަތިޔާރު ޖަމާކޮށްފައި ވެއެވެ.
މީގެ އިތުރުން، އެމެރިކާއިން ހަނގުރާމައަކަށް މީގެކުރިން ދުވަހަކުވެސް ތައްޔާރު ނުވާ ވަރަށް ތައްޔާރުވެ، މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދަށް ވަރުގަދަ ބިޔަ ލަޝްކަރުތައް ޖަމާކޮށްފައި ވެއެވެ.
މި ލަޝްކަރުގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާގައި ގެންގުޅޭ އެންމެ ބޮޑެތި ހަނގުރާމަމަތީ މަނަވަރުތައް ހިމެނޭ ދެ ސްޓްރައިކް ގްރޫޕް ހިމެނެއެވެ. އެއް ގްރޫޕަކީ އަބްހަރަމް ލިންކަން މަނަވަރާއި، އެއާއެކު ހިމެނޭ ހަނގުރާމައިގެ މަނަވަރުތައް ހިމެނޭ ލަޝްކަރެވެ. ދެން ހިމެނެނީ ޖެރަލްޑް ފޯޑާއި، އެއާއެކު ހިމެނޭ މަނަރުތަކުގެ ލަޝްކަރެވެ.
މި ލަޝްކަރުތަކުގައި، ބޮންއަޅާ މަތިންދާ ބޯޓުތަކާއި، މިސައިލުން ހަމަލާދޭ ހެލިކޮޕްޓަރާއި، މަނަވަރާއި، ސަބްމެރިންތަކާއި، މިސައިލުން ދިފާއުވާ އައްޑަނަތައް ހިމެނެއެވެ. އަދި އެތައްހާސް ސިފައިންވެސް ހިމެނެއެވެ. ވައިގެތެރޭގައި ޖެޓުތަކަށް ތެޔޮ އަޅައިދޭ 100 އެއްހާ މަތިންދާ ބޯޓު ސަރަހައްދަށް ގެންގޮސްފައި ވެއެވެ.
ކަނޑުގެ ލަޝްކަރުތައް މިހާރުވަނީ އީރާނަށް ހަމަލާ ދެވޭ ވަރަށް އީރާނާ ގާތަށް ގޮސްފައެވެ.
އެމެރިކާއިން އީރާނަށް ހަމަލާދޭން އަރަބި ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދާއި ބިން ބޭނުން ނުކުރެވޭނޭކަން އެ ގައުމުތަކުން އަންގާފައި ވުމާއެކު އެމެރިކާއިން މިހާރުވަނީ ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ބަދަލުގައި ޔޫރަޕުން އީރާނަށް ހަމަލާދޭން ތައްޔާރީތައް ވެފައެވެ.
އެމެރިކާއަށް ވައިގެމަގުން އީރާނަށް ހަމަލާ ދެވޭނީ އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ލިބިގެން ކަމަށް ވާއިރު، ޔޫއޭއީއާއި ޖޯޑަންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ވަރަށް މުހިންމު ވާނެއެވެ. އީރާނަށް ހަމަލާދޭން އެދެ ގައުމުގައި ހުރި އަސްކަރީ ބޭސްތައް ބޭނުން ނުކުރެވޭނޭ ކަމެއް އެގައުމުތަކުން ނުބުނެއެވެ.
އަނެއްކޮޅުން، އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލު ސިފައިން ބައިވެރިވާނޭކަންވެސް ގައިމުވެފައި ވެއެވެ. އިސްރާއީލު ސިފައިންވެސް ވަނީ އީރާނަށް ހަމަލާދޭން ފުރިހަމައަށް ތައްޔާރުވެފައެވެ.
އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ އެއްވެސް އަސްކަރީ ބޭހެއް އަދި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަނެއްވިޔަސް ސަލާމަތް ނުވާނޭކަމަށް އީރާނުން ވަނީ އަންގާފައެވެ. އަދި އިސްރާއީލަށްވެސް ހަމަލާ ދޭނޭކަން އީރާނުން އަންގާފައި ވެއެވެ.
އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އިސްރާއީލާއި އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ މަސްލަހަތުތަކުގެ ލިސްޓުވެސް ނަގައި ހަމަލާދޭން ތައްޔާރުވެފައިވާކަން އީރާނުން ހާމަކޮށްފައި ވެއެވެ.
ހާމަވެފައިވާ ރިޕޯޓްތަކުން އެނގޭގޮތުގައި، ރައްދު ހަމަލާ ދިނުމުގައި އީރާނު އަސްކަރިއްޔާ ތައްޔާރުވެފައި ވަނީ، އެއްފަހަރާ ވަރުގަދަ ހަމަލާތަކެއްދީ ވީހާވެސް ގިނަ އެމެރިކާ ސިފައިން މަރައި އަދި އެމެރިކާގެ ބޭސްތައް ސުންނާފަތި ކޮށްލުމަށެވެ.
މެދުއިރުމަތީގެ ހުރިހާ ގައުމަކަށާއި، އަދި ޔޫރަޕްގެ ބައެއް ހިސާބުތަކަށް ފޯރާވަރުގެ ބެލިސްޓިކް މިސައިލް އީރާނުގައި އެބަހުއްޓެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތައް ގޮއްވާލުމަކީ އީރާނަށް ވަރަށް ފަސޭހައިން ކުރެވޭނޭ ކަމެކެވެ.
މިކަމުގެ ބިރަށް، އެމެރިކާއިން މިހާރު ވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކުން ސިފައިންނާއި، ހަނގުރާމައިގެ މަތިންދާ ބޯޓުތަކާއި، ނާޒުކު އެހެން ހަތިޔާރުތައް ދުރަށް ގެންދަން ފަށާފައެވެ.
މެދުއިރުމަތީގެ ބޭސްތަކުގެ ބަދަލުގައި އެމެރިކާއިން ބޮޑަށް ބަރޯސާވާނީ ކަނޑުގެ ލަޝްކަތުތަކާއި، ޔޫރަޕްގެ ބޭސްތަކަށް ކަމަށް ވެއެވެ.
އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދޭނޭކަން މިހާރު ވަރަށް ބޮޑަށް ބެލެވެން ފަށާފައި ވާއިރު، ހަތިޔާރުތައް ޖަމާކުރުމަށްފަހު އެމެރިކާ ސިފައިން މިހާރު ކުރަމުންދަނީ އޮޕަރޭޝަނަލް ތައްޔާރީތަކެވެ.
ކަށަވަރު ނުވަ ރިޕޯޓްތައް ބުނަނީ، އެމެރިކާއިން ހޯމަ ނުވަތަ އަންގާރަ ދުވަހު އީނާރަށް ހަމަލާދޭން ފަށާނޭ ކަމަށެވެ.
އެމެރިކާއަށް ރައްދުދޭން އީރާނުގެ ކަނޑުގެ ސިފައިންނާއި، ވަޔާއި އަދި އެއްގަމު ސިފައިންގެ ލަޝްކަރުވެސް ތައްޔާރުވެފައި ވާއިރު، އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ވަނީ ވަރަށް ވަރުގަދަ އަސްކަރީ ތަމްރީނުތަކެއްވެސް ހަދައި ފަހުނޭވާޔާހަމައަށް ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރުވެފައެވެ.
މިދިޔަ އަހަރާ ޚިލާފަށް އީރާނުން ޒަމާނީ އެތައް ހަތިޔާރެއް ހޯދައި، ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ހޯދައި އަދި ހައިޕަރސޮނިކް ބެލިސްޓިކް އެތައްހާސް މިސައިލް ތައްޔާރު ކޮށްފައި ވާއިރު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތަކުގެ ބާރު ފުރަތަމަ ހަމަލާއިންވެސް ކަނޑުވާލުމަށް ތައްޔާރުވެފައިވާކަން އީރާނުން ހާމަކޮށްފައި ވެއެވެ.
އެކަމަށް ބޭނުންކުރާނެ އާދަޔާ ޚިލާފް މޮޅެތި މިސައިލާއި ހަތިޔާރުވެސް އީރާނުންވަނީ ދުނިޔެއަށް ދައްކާލާފައެވެ.
މިހާރު މަންޒަރު ފެންނަ ގޮތަށް ބަލާއިރު، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެއީ އީރާނާއި އެމެރިކާއާ ދެމެދު އެކަނި ކުރެވޭ ހަނގުރާމައަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިގެންދާނެކަން މިހާރު ޔަގީނާ ގާތަށް ބުނަން އެނގެއެވެ. ހަނގުރާމައިގެ ނުރައްކާ މުޅި ސަރަހައްދަށް އެބައޮތެވެ.



