ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މިކަމަށް ބޭނުންވާނެ ލިއެކިއުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި އަދާހަމަތައްވެސް އެޕްމެދުވެރިކޮށް ބަލާލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާނަމަ އެފަރާތަކަށް 2000 ޑޮލަރާއި ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލައަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކާނެއެވެ.
ޞިއްޙީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރު ގަންނަ އެދި ހުށަހަޅާއިރު، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ހުށަހަޅާނަމަ، އާސަންދަ ނުވަތަ އެންސްޕާ އެހީ ލިބުނުކަމުގެ ލިއުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި 3 ވަނަ ފަރާތެއްގެ އެކައުންޓަށް ނުވަތަ ބަލިމީހާއާއި އެކު ދަތުރުކުރާ އެހީތެރިއަކަށް ފައިސާ ޖަމާ ކުރާނަމަ ބަލިމީހާއި ފައިސާ ޖަމާކުރާ ފަރާތާއި އޮތް ގުޅުން އެނގޭނެ ލިއުމެއް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވަނީ އަމިއްލައަށް ދަތުރުކުރާނަމަވެސް ޞިއްޙީ ފަރުވާއަށް ބޭނުންވާކަން އެނގޭނެހެން ޑޮކްޓަރުގެ ލިއުމަކާއި ހޮސްޕިޓަލް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމުގެ ލިއުމެއް ހުށަހަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާއިރު، ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށްވަނީ އިތުރުކޮށްފައެވެ. މިއާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިއަދަދުން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް މީގެ ކުރިން ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ.


