ޖޭއެސްސީގެ މެންބަރުކަމަށް ޝަފީޢު ޢައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙަސަން ޝަފީޢުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙަސަން ޝަފީޢުއާއި ޙަވާލުކޮށްދެއްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. ފެމިލީ ކޯޓުގެ ގާޟީކަން އަދާކުރެއްވުމަށްފަހު، ސިވިލް ކޯޓުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި އަލްއުސްތާޛު ޙަސަން ޝަފީޢު މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ޤާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރެއްވީ 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު ހިމެނިވަޑައިގެންނެވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އިންތިޚާބުކުރެއްވީ ޖެނުއަރީ 8ވަނަ ދުވަހުއެވެ. ޖޭއެސްސީގައި 10 މެންބަރުން ތިއްބަވައެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ