ބިން ނުދީގެން 57 ރަށެއްގެ ކައުންސިލުން މަޝްރޫއުތައް އޮތީ ހުއްޓުވާފައި: ރައީސް

ފަހުގެ ސިޔާސީ

ސަރުކާރުގެ ވިސްނުމާ އިދިކޮޅު 57 ރަށެއްގެ ކައުންސިލުން މަޝްރޫއުތައް ފެށިޔަ ނުދީ ހުއްޓުވާފައި އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި “ދިވެހިންގެރާއްޖެ ތަރާވީސް” ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ދިމާވާ ދަތިތައް ނައްތާލަ ދިނުމަށް ރައްޔިތުން އެހީތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން، މިހާރު ވެސް ކައުންސިލްތަކުން ވަރަށް ގިނަ ދަތިތައް ކުރިމަތި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް އެބަކުރަން. އެކި ރަށްރަށުގައި މަސައްކަތް ފެށިފައި މިހުރީ. ފެށިފައި ހުރިއިރު، މިއަދު އަޅުގަނޑު ހިސާބު ބަލާލިއިރުގައި، މި ދައްކަނީ މާ ކުރީގެ ވާހަކައެއް ނޫން. 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ފަށަން އުޅެ ނުފެށިފައި އެބަހުރި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުން ހުރި ކައުންސިލްތަކުން ހުއްޓުވާފައި، އެކި އުޒުރުތައް ދައްކައިގެން ބިން ހަވާލު ނުކޮށްގެން،” ރައީސް ވިދާޅުވިއެވެ.

“ބިން ހަވާލު ކުރަނީ ކައުންސިލުން. އެ ބިން ހަވާލު ނުކުރީމަ 57 މަޝްރޫއެއް ނުފެށި މިއޮތީ ކައުންސިލްގެ އެއްބާރުލުން ނުލިބިގެން. މިއީ އެންމެ މިސާލެއް. މިފަދަ އެތައް ކަމެއް އެބަހުރި ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން އަޅުގަނޑު ވީ ވައުދުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި،”

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާއެކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މި އިހްލާސްތެރި މަސައްކަތް ކުރެއްވުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދާ ހަމައަށް ވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑަށް ތި ކުރައްވާ އިތުބާރަށް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހާއްސަކޮށް، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހޮއްވަވައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުން ކަމަށްވާތީ އެ ބޭފުޅުން ހޮވައިގެން ވައުދުތައް ފުއްދަން ފަސޭހަ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް އިދިކޮޅު ބަޔަކު ހޮވައިގެން އެ ކައުންސިލްތަކާ ވާހަކަ ދައްކަން ޖެހި، ވަގުތުތަކެއް ބޭކާރުވެ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ލަސްތަކެއް ވާން ބޭނުންފުޅު ނުވާ ކަމަށެވެ. އެއީ ރައްޔިތުން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މަސައްކަތް ކުރަނީ ނަތީޖާއިން. ނަތީޖާ ނެރެން މަސައްކަތް ކުރަނީ. ވާހަކަ ދައްކަން ބޭނުން ވަނީ ނަތީޖާ އިން،” ރައީސް ވިދާޅުވިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ