އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ހިންގަމުންދާ ކުރިމަތިލުންތައް ހުއްޓުމަކަށް ގެނެސް ސުލްހަވުމަށް ވާހަކަ ދައްކަން މެދުވެރިއެއްގެ ދައުރު އަދާކުރަން އީރާނުން ހުށަހަޅައިފިއެވެ.
އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި މިކަން ހާމަކުރެއްވީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ މެސެޖްގައި ވިދާޅުވެފައިވަނީ، އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވާހަކަތައް ބޭއްވުމާއި، އެއްބާރުލުން ދިނުމުގެ މަސައްކަތުގެ މެދުވެރިޔަކަށް ވުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ މި މެސެޖްގެ ކުރިން އީރާނު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި، ދެގައުމުންވެސް އެއްބަޔަކު އަނެއް ބައެއްގެ ސަރަހައްދީ އިމާއި، ގައުމީ އިސްތިގްލާލަށް އިޙްތިރާމް ކުރުމަށާއި، މަސްރަހް އިތުރަށް ގޯސްވެ ނުތަނަވަސްވާނެ އެއްވެސް ކަމެއް ނުކުރުމަށް ޕާކިސްތާނާއި އަފްޣާނިސްތާނަށްވެސް ގޮވާލާފައި ވެއެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނަކީވެސް ސަރަހައްދީ އިމުން އީރާނާ ގުޅިފައިވާ ދެގައުމެވެ.
އީރާނާއި ޕާކިސްތާނާ ދެމެދު ވަރަށް ގާތް ގުޅުންތަކެއް އޮވެއެވެ. އަދި އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންނާވެސް އީރާނާ ގުޅުން އޮވެއެވެ. އެކަމަކު، އަފްޣާނިސްތާނުގައި އޮތް ތާލިބާން ސަރުކާރު އީރާނުން ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.
ސަރަހައްދީ އިން ހުރަސްކޮށް ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުންފެށިގެން މަސްރަހް ވަރަށް ނުތަނަވަސްކޮށް އޮތުމަށް ފަހުގައެވެ.
ސަރަހްދީ އިން ހުރަސްކޮށް ދެފަރާތުން ފުރަތަމަ ހަމަލާތައް ދޭންފެށި ނަމަވެސް، ޕާކިސްތާނު ސިފައިން މިހާރު ދަނީ ވައިގެމަގުންވެސް އަފްޣާނިސްތާނު ތެރެއަށް ހަމަލާތައް ދެމުންނެވެ.
ތާލިބާން ސަރުކާރުން ބުނެފައިވަނީ، އަފްޣާނިސްތާނު ސިފައިންވެސް ޕާކިސްތާނު ސިފައިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ.
ހަމަލާތަކުގައި ދެފަރާތުންވެސް ސިފައިން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނާއި ޕާކިސްތާނުންވެސް ހާމަކޮށްފައި ވާއިރު، އަދަދުތަކުގައި ބޮޑެތި ފުށުއެރުންތައް އެބަހުއްޓެވެ.
މައްސަލަ ހައްލުކުރަން ވާހަކަ ދައްކަން މެދުވެރިއެއްގެ ދައުރު އަދާކުރަން އީރާނުން ހުށަހެޅިއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއީ ގުޓަރޭސްވެސް ވަނީ، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދެގައުމަށް ގޮވާލައްވާފައެވެ.
ސަރަހައްދީ އިން ހުރަސްކޮށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ރަޝިޔާއާއި އިރާގުންވެސް ގޮވާލާފައި ވާއިރު، މި ރަމަޟާން މަހުގެ ތެރޭގައި ޕާކިސްތާނު ސިފައިން އަފްޣާނިސްތާނަށް ވައިގެ ހަމަލާތައް ދިނުން އިންޑިއާއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.
މަސްރަހް އިތުރަށް ގޯސްވަމުންދާތީ ޗައިނާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


