ޖަލަށް ވަންނަ މީހުން ސްކޭންކުރުމަށް މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފިއެވެ. މާފުށީ ޖަލުގައި ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.
މިއީ މާފުށީ ޖަލުގައި ބެހެއްޓި މިފަދަ ފުރަތަމަ މެޝިނެވެ. މި މެޝިނަކީ ސަރުކާރުން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިން މެޝިނެކެވެ.
ބޮޑީ ސްކޭނަރަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި، ފަހުގެ ބޮޑީ ސްކޭނިންގ މެޝިނެކެވެ. “ސޮޓަރ އާރް.އެސް ބޮޑީ ސްކޭނަރ” މެޝިންއަކީ އިންސާނުގެ ހަށިގަނޑުގައި ރައްކާކޮށް އެއްޗެހި އެތެރެކުރާ ޙާލަތުގައި އެކަން ދެނެގަނެވޭނެ މެޝިނެކެވެ. އެގޮތުން މަސްތުވާތަކެތި، އެކިކަހަލަ އާލާތްތައް އަދި ފޯނު ފަދަ ތަކެތިވެސް، މި ސްކޭން މެޝިނުން ދެނެގަނެވޭނެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި މެޝިން މެދުވެރިކޮށް، މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި އެހެނިހެން ބޭނުންތަކުގައިވެސް ޖަލަށް ވަންނަ މީހުން ސްކޭން ކުރާނެކަމަށެވެ.
ފުލުހުން މީގެކުރިން ހާމަކޮށްފައިވާގޮތުގައި ޖަލުގެ ތެރެއިން ގިނަ ޢަދަދެއްގެ ސްކޭމް ކޯލްތައް ދާކަން ވަނީ ފާހަގަކޮށްފައެވެ. ބަލާ ފާސްކުރުމުގެ މަސައްކަތްތަކުގައި އެފަދަ ފޯނު ހޯދާ، ކޯލްތައް މަދުވެކުރެވިފައިވީނަމަވެސް، ޖަލަށް ވަންނައިރު އެއްވެސް ވަރަކަށް ސްކޭން ނުކުރާކަމުގެ ކަންބޮޑުވުން، ދާޚިލީ ވަޒީރު 2024ވަނަ އަހަރު މަޖިލީހުގައިވެސް ފާޅުކުރައްވާފަވެއެވެ.
މިކަން ޙައްލުކުރުމަށް ޖަލަށް ފުލް ބޮޑީ ސްކޭން މެޝިނެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެއާއިއެކު މި މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް އޭރުވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
މާފުށީ ޖަލު ވުޖޫދުކޮށް، 1998 ވަނަ އަހަރުން ފަށައިގެން އެ ޖަލުގައި އަންނަނީ ގައިދީން ބަލަހައްޓަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައިވެސް، ސަވައިލެންސްގެ މަސައްކަތްތައް ދަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން ކަނޑުމަގުން އެތެރެކުރާ މުދާ ސްކޭންކުރުމަށް، މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވަނީ ވިދާޅުވެފައެވެ.


