އައު ރޫހީ ލީޑަރަށް އީރާނު ރައްޔިތުންނާއި، އަސްކަރިއްޔާ ބައިއަތު ހިފައިފި، ބޮންތައް އޮއްސަމުންދާއިރުވެސް އާންމުން މަގުތަކަށް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ “އެސެމްބްލީ އޮފް އެކްސްޕާޓްސް” އިން އެގައުމުގެ އައު ރޫހީ ލީޑަރަކަށް، އަވަހާރަކޮށްލެވުނު ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން ސައްޔިދު މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމާއެކު، އީރާނުގެ ރައްޔިތުން އެގައުމުގެ އެކި ކަންކޮޅުތަކުގެ މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.

އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ބާރުތަކުން އީރާނުގެ ރަށްތަކަށް ވަރުގަދައަށް ބޮންއަޅަމުން ގެންދިއުމާ އެކުވެސް، އެއްވެސް ބިރެއް ސިހުމެއްނެތި އާންމު ރައްޔިތުން މަގުތަކަށް ނުކުންނަމުން އެބަ ގެންދެއެވެ. އަދި ޝުކުރުގެ ސަޖިދަވެސް ޖަހަމުން ގެންދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެރިރަށް ތެހެރާނުގެ އިތުރުން، އިސްފަހާންއާއި، މަޝްހަދާއި، ޝީރާޒް އަދި އެހެން ރަށްތަކުގެ މަގުތަކަށްވެސް ނުކުމެ، އައު ލީޑަރަށް އެމީހުންގެ ތާއީދު އޮތްކަން ހާމަކުރަމުން އެބަ ގެންދެއެވެ.

މީގެއިތުރުން، އީރާނުގެ އަސްކަރިއްޔާއިންވެސް ވަނީ، އައު ރޫހީ ލީޑަރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އައު ލީޑަރަށް ވަފާތެރިވެ ތިބިކަން ރަސްމީކޮށް ހާމަކޮށްފައެވެ.

އީރާނު އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އައު  ރޫހީ ލީޑަރަކީ އަދުލުވެރި، ޢިލްމުވެރި، މާތް ބޭފުޅެއް ކަމަށާއި، އައު ލީޑަރަކަށް އޭނާ އައްޔަން ކުރުމަކީ އެކްސްޕާޓުންގެ އެސެމްބްލީން ނިންމި ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށެވެ.

އައު ރޫހީ ލީޑަރަށް މަރްހަބާ ކިޔައި އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުޖުތަބާ ޚާމަނާއީއަކީ އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ.

އީރާނުގެ ރޫހީ ލީޑަރުގެ މަގާމަށް އައު ބޭފުޅަކު މިހާ އަވަހަށް އައްޔަން ކުރާނޭ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށް ވެއެވެ. އެހެންކަމުން، “އެސެމްބްލީ އޮފް އެކްސްޕާޓްސް” ގެ ނިންމުން އީރާނު ރައްޔިތުންނަށްވެސް ވީ ސަޕްރައިޒްއަކަށެވެ.

އީރާނުގެ އަވަހާރަ ކޮށްލެވުނު ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުން މުޖުތަބާ ޚާމަނާއީ، އައު ލީޑަރަކަށް އައްޔަން ކުރެވުއިރު، އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައި ވަނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާ ދޭންފެށި ފުރަތަމަ ދުވަހުއެވެ.

އެމެރިކާއާއި އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅާއި، މަންމާފުޅާއި، އަނބިކަނބަލުންނާއި އަދި ދަރިކަލަކުވެސް އަވަހާރަވިއެވެ. އެ ހަމަލާގައި ޚުދު މުޖުތަބާ ޚާމަނާއީވެސް ޒަޚަމްވެވަޑައި ގެންނެވިއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ކުރިންވެސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމާއި، އީރާނުގެ ސަރުކާރާއި، އަސްކަރިއްޔާގެ އިސް މަގާމުތަކަށް މީހުން ކަނޑައެޅުމުގައި ބައްޕާފުޅަށް މަޝްވަރާ ދެއްވަމުން ގެންދެވީ މުޖުތަބާ ޚާމަނާއީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ރޫހީ ލިޑަރުގެ ޒިންމާ އަދާކުރައްވަމުން ގެންދެވީ އަލީ ޚާމަނާއީއާއި، ދަރިކަލުން މުޖުތަބާ ޚާމަނާއީއާ ދެބޭފުޅުންނެވެ.

އެހެންކަމުން، އީރާނުގެ ތެރޭގައި މުޖުތަބާ ޚާމަނާއީއަށް އެނގިވަޑައި ނުގަންނަވާ ކަމެއް، އެނގިވަޑައި ނުގަންނަވާ ބޭފުޅަކު ނުހުންނާނެ ކަމަށް ވެއެވެ.

މުޖުތަބާ ޚާމަނާއީއަކީ ބައްޕާފުޅަށް ވުރެންވެސް ހަރުކަށި ވިސްނުންފުޅުތަކުގެ ވެރި ބޭފުޅެއް ކަމަށް ވެއެވެ.

އާއިލާގެ ބޭފުޅުން އަވަހާރަ ކޮށްލުމާއި، ދުޝްމަނުން އީރާނަށް ހަމަލާތައް ދެމުންގެންދާ މި ދަނޑިވަޅުގައި ރޫހީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އިސްކުރުމަކީ، އީރާނުން މިހާރު ދެމުންގެންދާ ރައްދު ހަމަލާތައް އިތުރަށް ހަރުކަށިވެ، އަދި ވަރުގަދަ ވެގެން ދާނެކަމުގެ ނިޝާނެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެއީ، އާއިލާގެ ބޭފުޅުން އަވަހާރަކޮށްލުމުން މުޖުތަބާ ޚާމަނާއީ، އެކަމުގެ ބަދަލުހިފަންވެސް ރައްދު ދެއްވާނެކަމަށް ގަބޫލުކުރެވޭތީއެވެ.

ބުނެވޭގޮތުގައި، މުޖުތަބާ ޚާމަނާއީއަކީ އީރާނުން ނިއުކްލިއަރ ބޮން އުފައްދަންވެސް ތާއީދުކުރައްވާ ބޭފުޅެކެވެ.

އައު ރޫހީ ލިޑަރަކަށް މުޖުތަމާ ޚާމަނައީ މި އައްޔަން ކުރެވުނީ، އައު ރޫހީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީ އައްޔަން ކޮށްގެން ނުވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ. އެއީވެސް މުޖުތަބާ ޚާމަނާއީގެ ވިސްނުންފުޅު ހުންނަގޮތް ޓްރަމްޕަށްވެސް އެނގޭތީއެވެ.

ޓްރަމްޕާއި، ނަތަންޔާހޫ އަދި ހުޅަނގުގެ ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދަނިކޮށް އީރާނުން އެގައުމުގެ އައު ރޫހީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމަކީ ދުޝްމަނުންނަށް ގޮންޖަހަން ކުރި ކަމެއް ކަމަށް ބެލެވިފައި ވެއެވެ. އީރާނުގެ ކަންކަމަކީ ބޭރުގެ ބާރުތަކަށް ގޮތްކިޔޭނެ ކަމެއް ނޫންކަން ހާމަކޮށް ނިންމި ނިންމުމެއް ކަމަށްވެސް ބެލެވިފައި ވެއެވެ.

އީރާނުގެ ރޫހީ ލީޑަރުގެ މަގާމަކީ އީރާނު ސަރުކާރުގެ މަގާމެއް ނޫނެވެ.

އީރާނުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ 1979 ވަނަ އަހަރު އެގައުމަށް ގެނައި އިސްލާމީ އިންގިލާބަށްފަހު ގާއިމްކޮށްފައިވާ “ރިވޮލިއުޝަނަރީ ކައުންސިލުން” ނެވެ.

ރައްޔިތުން އިންތިޚާބުކުރާ ރައީސަކު އެކުލަވާލާ ސަރުކާރަކުން ގައުމުގައި ވެރިކަން ކުރި ނަމަވެސް، އީރާނުގެ ސަލާމަތާއި، މިނިވަންކަމާއި، އިސްތިގްލާލާއި އަދި އީރާނަށް ދިމާވާ ހައްސާސް ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ވިދާޅުވާ ބޭފުޅަކީ ރޫހީ ލީޑަރެވެ. ރޫހީ ލީޑަރުގެ ނިންމެވުމަށް އީރާނު ސަރުކާރާއި، އީރާނުގެ އަސްކަރިއްޔާ އަދި އީރާނުގެ ހުރިހާ ރައްޔިތުންވެސް އިހްތިރާމާއެކު ބަލައިގަނެއެވެ.

އައު ރޫހީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމާ ގުޅިގެން އެމެރިކާ އަދި އިސްރާއީލުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނެވޭގޮތުގައި ޓްރަމްޕާއި ނަތަންޔާހޫގެވެސް ވިސްނުމަކަށް ވާނީ މުޖުތަބާ ޚާމަނާއީ ވީހާވެސް އަވަހަކަށް އަވަހާރަ ކޮށްލުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ