އިސްތިއުމާރީ އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން އޮންނަނީ، އެއްގަމާއި، ކަނޑާއި އަދި ވައިގެމަގުން ޣައްޒާ އެއްކޮށް ބަންދުކޮށްފައެވެ. އެއީ، ހަމާސްއިން ޣައްޒާގައި ވަކި ވެރިކަމެއް އިއުލާންކުރި ހިސާބުންނެވެ.
ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެ ކުރެވެނީ އަދި ބޭރު ކުރެވެނީވެސް އިސްރާއީލުން ހުއްދަ ދީގެންނެވެ. އަމިއްލަ ފައިދާއެއް އޮތުމުން، ޣައްޒާގެ ބޮޑު ބަޔަކަށް ކަރަންޓާއި ބޯފެނުގެ ޚިދުމަތް ދެމުން ގެންދިޔައީ އިސްރާއީލުންނެވެ. އިސްރާއީލަށް ބިލުދައްކާ ގޮތަށެވެ.
ޣައްޒާއާ ވަކިން އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ބޭސްފަރުވާއަކަށް ވިޔަސް، ޣައްޒާގެ ރައްޔިތަކަށް ދެވެނީ ވިސާ ޖަހާ އުސޫލުން ފޯމު ފުރައި، އިސްރާއީލުން ހުއްދަދިން ދުވަހަކުންނެވެ. އަނބުރާ ޣައްޒާއަށް އާދެވެނީވެސް އެ އުސޫލުންނެވެ.
އެތައް އަހަރެއް ވަންދެން ޣައްޒާ ވަށައިގެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދިރިއުޅުމުގެ ހާލަތު ދަށްވެ، ޟަރޫރީ އަސާސީ ޚިދުމަތްތައް ނުލިބި، ވަޒީފާ ނެތުމުގެ ސަބަބުން ޣައްޒާގެ އާންމު ހާލަތު ވަރަށް ދަށެވެ. ފަގީރު ހާލަތު ބޮޑެވެ. އެކަމާހެދި ޣައްޒާގެ ގިނަ ރައްޔިތުންނަށް ކާއެތިކޮޅެއް ފޯރުކޮށްދެނީ އދގެ އޭޖެންސީތަކުންނެވެ. އދއިން ސިފަކޮށްފައިވަނީ ޣައްޒާއަކީ ދުނިޔޭގެ އެންމެބޮޑު “އޯޕަން ޖަލުގެ” ގެ ގޮތުގައެވެ.
ޣައްޒާގެ އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭއިރު، ޣައްޒާގެ އުތުރާއި، އިރުމަތި އޮންނަނީ އިސްރާއީލާ އިންވެގެންނެވެ. ޣައްޒާގެ ދެކުނު އޮންނަނީ މިސްރާ އިންވެގެންނެވެ. ޣައްޒާގެ އަނެއްފަޅިއަކީ ކަނޑުގެ އައްސޭރިއެވެ.
ފަލަސްތީނުގެ ބިމުން އިސްތިއުމާރީ އިސްރާއީލު ބޭރުކުމަށް އަހުދުވެގެން އުފެއްދި ހަމާސްގައި ސިޔާސީ ގޮތްޕަކާއި އަސްކަރީ ގޮޕްތެއް އޮވެއެވެ. ސިޔާސީގޮތުން ހަމާސް ހަރަކާތްތެރިވާން ހުރަސްއެޅީ އެމެރިކާއާއި އިސްރާއީލުންނެވެ. އެހެންވެ، ހަމާސްއަށް ދެން ޖެހުނީ ހަތިޔާރު ނަގާށެވެ.
ހަމާސްގައި ފުންނާބުއުސް އިންޖިނޭރުން އެބަތިއްބެވެ. އަސްކަރީ ތަޖުރިބާކާރުން އެބަ ތިއްބެވެ. ސައިންސްވެރިން އެބަ ތިއްބެވެ.
އަމިއްލައަށް ހަތިޔާރު އުފައްދަން ހަމާސްއިން ފެށީ ހަމާސްގެ އަމިއްލަ މެމްބަރުންގެ އެހީގައެވެ. އެއީ، މެމްބަރުން ބޭރު ގައުމުތަކަށް ފޮނުވައިގެން އެކަމުގެ އިލްމު އުނގަންނައިދީގެންނެވެ. ހަމާސްއިން ރޮކެޓާއި މިސައިލް އުފައްދައެވެ. ބޮން އުފައްދައެވެ.
އަދި ބުނެވޭގޮތުގައި، ޣައްޒާ – މިސްރު ވަކިކުރާ އިމުގެ ބިމުއަޑިން ބިންގަރާސްތައް ހަދައިގެން ހަމާސްއިން ޣައްޒާއަށް ކޮންމެވެސް ވަރަކަށް ހަތިޔާރުވެސް އެތެރެ ކުރެއެވެ. ހަތިޔާރު ފިޔަވައި، ޣައްޒާއަށް ބޭނުންވާ މުހިންމު ސާމާނުވެސް ބިންގަރާސްތަކުގެ ތެރެއިންލާފައި ޣައްޒާއަށް އެތެރެކުރާ ކަމަށް ވެއެވެ.
އިސްތިއުމާރީ އިސްރާއީލުން ތުހުމަތު ކުރަނީ، މިސްރު ތެރެއިންލާފައި ޣައްޒާއަށް އެތެރެކުރަނީ އީރާނުގެ ހަތިޔާރު ކަމަށެވެ. ހަމާސްއަށް ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. ހަމާސްއަށް ހަނގުރާމައިގެ ތަމްރީނުދީ، އަދި ހަތިޔާރު އުފައްދަން ދަސްކޮށްދެނީވެސް އީރާނުން ކަމަށް ތުހުމަތު ކުރެއެވެ.
ބައެއް ފަހަރު، ހަމާސްއަށް ހަތިޔާރު ދޭކަމުގެ ތުހުމަތު މިސްރު މީހުންނަށްވެސް ކުރެއެވެ.
ކޮންމެއަކަސް، ހަމާސްއިން އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ދޭތެރެ ދޭތެރެއިން ވަރުގަދަ ހަނގުރާމަތައް ކޮށްފައިވާރު، ހަމާސްގެ އަތުގައި ހުންނަނީ ރޮކެޓާއި އެންމެ އާދައިގެ ހަތިޔާރެވެ. މަޖާޒީގޮތުން ބުނާނަމަ އިސްރާއީލާ ދެކޮޅަށް ހަމާސްއިން ބޭނުންކުރަނީ “ފަޓާހެވެ”.
ހަމާސްގެ އަސްކަރީ ގޮފީގައި ވައިގެ ބާރެއް އަދި ކަނޑުގެ ބާރެއްވެސް ނޯވެއެވެ. އެމީހުންގެ އަތުގައި ޓޭންކެއް، ނުވަތަ ހަނގުރާމައިގެ އެހެން ވެހިކަލްތަކެއްވެސް ނުހުރެއެވެ.
އެއާ ޚިލާފަށް އިސްތިއުމާރީ ބާރުން ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރަނީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާ އެކުގައެވެ. ހަނގުރާމައިގެ ޖެޓުތަކާއި، ބޮންއަޅާ ބޯޓުތަކާއި، ހަމަލާދޭ ޑްރޯންއާއި، އެންމެ ޒަމާނީ އަސްކަރީ ޓޭންކްތަކާއި، ބުލްޑޯޒަރުތަކެވެ. ޖާސޫސީ އެތައް އާލާތެކެވެ. އަސްކަރީ ފުރިހަމަ ތަމްރީނު ހަދައިގެން ތިބި އެތައްހާސް ސިފައިންނެވެ.
ޣައްޒާއަށް އުދުވާނީ ހަމަލާތައް ދޭންފަށާ ކޮންމެ ފަހަރަކު ޣައްޒާގެ އެތައް ހިސާބެއް ސުންނާފަތި ކޮށްލައެވެ. ބިންގަރާސްތައް ގޮއްވާލައެވެ. ހަމާސްގެ މުޖާހިދުންނާއި، ޣައްޒާގެ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެތައްސަތޭކަ ނުވަތަ އެތައްހާސް ބަޔަކު ޝަހީދު ކޮށްލައެވެ.
މިހާތަނަށް އެންމެ ދިގުލައިގެން ގޮސްފައިވަނީ، މިހާރު ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކެވެ. ހަމަލާތައް ތިންވަނަ އަހަރަކަށް ލައިގެންފައި ވާއިރު، ސީދާ އަމާޒު ހިފާފައި ހުރީ ޣައްޒާގެ ނަސްލު ނައްތާލުމަށެވެ. ޣައްޒާގައި އަލުން މީހުން އާބާދު ނުވެވޭ މިންވަރަށް ޣައްޒާ ސުންނާފަތިކޮށް ބިމާހަމަކޮށްލުމަށެވެ.
އިސްތިއުމާރީ ސިފައިން އެއްގަމުމަގުން ޣައްޒާއަށް އަރައިގަތީ، މިފަހަރު ފައިބާނީ ހަމާސްގެ “ވަސްވެސް” ޣައްޒާއިން ފޮހެލުމަށް ފަހުގައި ކަމަށް ވައުދުވަމުންނެވެ. ހަމާސްގެ ވިއުގަ ރޫޅާލާނޭ ކަމަށް ވައުދުވެ އަހުދުވަމުންނެވެ.
ނަމަވެސް، ވީކަމެއް ހަރާމުން ހަރާމެވެ. ޣައްޒާއިން ހަމާސްގެ ބާރު އަދިވެސް ކަނޑުވައެއް ނުލެވެއެވެ. ހަމާސްގެ މުޖާހިދުން އަތުލައެއް ނުގަނެވެއެވެ. އެމީހުން އުޅޭތަނެއް އަދި އެމީހުންގެ ހަތިޔާރުތައް ހުންނަ ތަންތަނެއްވެސް އިސްރާއީލަކަށް ހޯދައެއް ނުގަނެވެއެވެ.
ހަމާސްގެ ވެރިން ދުނިޔޭގައި ތިއްބެވި އިރުވެސް ވިދާޅުވަމުން ގެންދެވީ، އިސްރާއީލުން އެމީހުން އެބޭފުޅުން އަވަހާރަކޮށްލިޔަސް، އަވަހާރަކޮށްލާ ކޮންމެ ބޭފުޅަކަށް އެފަދަ އިތުރު އެއްހާސް މީހުން އުފެދޭނޭ ކަމަށާއި، އިސްތިއުމާރާ ދެކޮޅަށް ކުރަމުންދާ ޖިހާދު ނުހުއްޓުވޭނޭ ކަމަށެވެ. ހަމާސްއަކީ ފިކުރެއް ކަމަށާއި، ފަލަސްތީނު ހުރިހާ ރައްޔިތުން މަރާލައިގެންނޫނީ އެ ފިކުރު ފޮހެނުލެވޭނޭ ކަމަށްވެސް ބުނެއެވެ.
ދުނިޔޭގެ ގައުމެއްގެ އަސްކަރިއްޔާއަކަށް ނުވާ، އަދި ހަތިޔާރުގެގޮތުން މާބޮޑު ގާބިލްކަމެއްނެތް އަދި ބޭރުގެ ބާރެއްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ހަމާސް ބަލިކުރަން އެތަކެއް ފަހަރު ނުކުމެ އެކަން ނުކުރެވުނު ބަޔަކު، ހަނގުރާމަކޮށްގެން އީރާނުގެ ވެރިކަން ވައްޓައި، އީރާނު ބަލިކުރަން ދިމާކޮށްގެން އުޅޭއިރު، އެ ވާހަކަ އެންމެންވެސް ދައްކަމުން އެބަ ގެންދެއެވެ. އީރާނު އަސްކަރިއްޔާގެ ހުނަރުވެރިކަމާއި، ގާބިލްކަމާއި، އީރާނުން ބޭނުންކުރަމުންދާ ހަތިޔާރުގެ މޮޅުކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. އަދި އީރާނުން އިސްރާއީލުގެ ރަށްތަކަށް ހަދަމުންގެންދާ ގޮތްވެސް ދުނިޔެ ދަނީ ބަލަމުންނެވެ. އިސްރާއީލަކީ ދުނިޔޭގައި ނެތްވަރުގެ ބާރުގަދަ އަސްކަރިއްޔާއެއް އޮތް، އަދި ދުނިޔެއަށް ސިހުން ލިބޭވަރުގެ ޖަސޫސީ ބާރެއްއޮތް ބައެއް ކަމަށް ބުނެ ކަނޑަމުންދިޔައީ ހުސް ފޮނިކަން މިހާރު އެ ދަނީ ފެންނަމުންނެވެ.
ނަތަންޔާހޫއާއި، އޭނާގެ ސަރުކާރުގެ ވެރިންވަނީ އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކަށް ބިރުން ބިންގަރާސްތަކަށް ވަދެ ފިލާފައެވެ. އީރާނުގެ ހަމަލާތަކުގައި ނަތަންޔާހޫގެ ސަރުކާރުގެ އެތައް ވެރީންނާއި، އަސްކަރިއްޔާގެ އެތައް ވެރީން މަރާލައިފި ކަމުގެ ރިޕޯޓްތައް ފެތުރެމުން ދާއިރު، އިސްރާއީލު ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބާއްވައި ހޫނު ބަހުސްތަކެއް ހޯމަދުވަހު ވަނީ ކޮށްފައެވެ. ނަތަންޔާހޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބައެއް މެމްބަރުން ހުށަހެޅިއިރު، އަރަބި ނަސްލުގެ މެމްބަރެއް ކަމަށްވާ އައިމަން އުދޭ ވަނީ “ހަމާސްއާ ދެކޮޅަށް ހަނގުރާމަކޮށް އަދި ޣައްޒާގެ ވެރިކަމުން ހަމާސް ދުކުރުމުގައި ފެއިލްވެފައި ތިބި ބަޔަކު، އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން މޮޅުވާނީ ކޮންގޮތަކުންތޯ” ބަހުސްގެ ތެރޭގައި ސުވާލު ކޮށްފައެވެ.
މިސުވާލު، އިސްރާއީލުގެ ބައެއް މީހުންވެސް ކުރަމުން އެބަ ގެންދެއެވެ. އަދި ދުނިޔެއިންވެސް ކުރަމުން އެބަ ގެންދެއެވެ.



