އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން، އަމިއްލަ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލުގެ ދިފާއުގައި އީރާނުން ދެމުންގެންދާ ރައްދު ހަމަލާތައް ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަކޮށް ފުޅާކުރަމުންނެވެ.
އީރާނުން ދެމުންގެންދާ ރައްދު ހަމަލާތަކަށް މަޑުޖެހުމެއް ނާންނަ ކަމަށާއި، އީރާނު މައިތިރި ނުވާކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އީރާނުން ރައްދު ހަމަލާތައް ފެށިތާ މިއަދަށް 12 ވަނަ ދުވަހަކަށް ލައިގަތްއިރު، އީރާނުން ވައުދުވި ގޮތަށް ގެންދަނީ އިސްތިއުމާރީ އިސްރާއީލު މުޅީން ސުންނާފަތި ކުރަމުންނެވެ.
އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއާއި ޖާސޫސީ އަދި ޓެކްނޯލޮޖީގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ތެލް އަވީވް، އީރާނުން ގެންދަނީ ބިމާހަކުރަމުންނެވެ. ތެލް އަވީވަކީ އިސްރާއީލުގެ ކުރީގެ ވެރިރަށެވެ.
އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް އައި ފުރަތަމަ ދައުރުގައި، ޓްރަމްޕްވަނީ ހިފާފައިވާ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީގޮތުން ބަލައިގެންފައެވެ. ޓްރަމްޕާއި ނަތަންޔާހޫ އެކަން ކުރީ މުޅި ދުނިޔެ އެކަމާ ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.
އެހެންވެ، ތެލް އަވީވްގެ އިތުރުން، އީރާނުގެ ރައްދު ހަމަލާތައް ހުޅަނގު ގުދުސްގައި ހުރި އިސްތިއުމާރީ ސަރުކާރުގެ އެތައް ތަނަކަށްވެސް ގެންދަނީ އަމާޒު ކުރަމުންނެވެ. އަދި އިސްރާއީލުގެ ސިނާއީ އެންމެ މުހިންމު ސިޓީ ކަމަށްވާ ހައިފާވެސް ގެންދަނީ ސުންނާފަތި ކުރަމުންނެވެ.
އީރާނުން ރެއަކަށްފަހު ރެއެއް އިސްރާއީލަށް ދެމުންގެންދާ ރައްދު ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާއިރު، މުޖުރިމު ނަތަންޔާހޫއާއި، އޭނާގެ އާއިލާއާއި، ނަތަންޔާހޫގެ ސަރުކާރުގެ ވެރިންނާއި، އަސްކަރިއްޔާގެ ވެރިންނަށްވެސް ގެންދަނީ ސީދާ ހަމަލާތައް ދެމުންނެވެ.
އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އެތައް ވެރީންނެއް މަރާލެވިފައިވާ ކަމަށް އީރާނުން ގަބޫލު ކުރާއިރު، އީރާނުގެ ހަމަލާތަކުގައި މީހުން މަރުވާ ވާހަކައާއި، ލިބޭ ގެއްލުންތައް ފެންނަ ވީޑިއޯއާއި ފޮޓޯތައް އާންމުކުރުން ހުއްޓުވަން ގާނޫނީ ހަރުކަށި ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ.
ހަރުކަށި ފިޔަވަޅުތަކާ އެކުވެސް ވީޑިއޯތައް ލީކްވާތީ، އިސްތިއުމާރީ އަސްކަރީން ރަށު ތެރެއަށްވެސް ނުކުމެ، ބޭރުގެ މީޑިއާތަކާއި، އަދި އާންމުން ފޯނުން މަންޒަރުތައް ރެކޯޑްކުރުން ހުއްޓުވުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއީލުން އެދިގެން ހުޅަނގުގެ ޚަބަރުފަތުރާ ބޮޑެތި ވިއުގަތަކުން ގެންދަނީ، އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބޭ ގެއްލުންތައް ސިއްރު ކުރަމުންނެވެ. އެމެރިކާގެ ސީއެންއެންއާއި ފޮކްސް އަދި އިނގިރޭސި ބީބީސީ އިސްރާއީލުގައި ހަރަކާތްތެރިވި ނަމަވެސް، މުޅިންވެސް ދައްކަމުން ގެންދަނީ އީރާނުގެ ގޯސް ވާހަކައެވެ. އިސްރާއީލުގެ އާންމުންނަށް އީރާނުން ހަމަލާދޭ ވާހަކައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފުރަތަމަ ދުވަހު އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ހަމަލާތައް ފެށި ހަތްދުވަހުގެ މުއްދަތަށް ކަމަށެވެ. ހަތްދުވަސްތެރޭ އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ގޮތަށް އީރާނުގެ ވެރިކަން ބަދަލުކުރާނޭ ކަމަށެވެ. އީރާނުގެ ފުރަތަމަ ރައްދު ހަމަލާތައް ފެނި، ޓްރަމްޕްގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވިއެވެ. ދެން ވުނީ 4 ހަފްތާ ކަމަށެވެ. އިއްޔެ ބުނީ ވަރަށް އަވަހަށް ނިންމާނޭ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން ހަމަލާދިން ފުރަތަމަ ދުވަހު އަވަހާރަ ކޮށްލީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއެވެ. އެކަމަކު އެއީ އީރާނުގެ ރައީސެއް ނޫނެވެ.
ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އީރާނުގެ ސަރުކާރު ވައްޓާލާނެ ކަމަށް ޓްރަމްޕާއި ނަތަންޔާހޫ ދެކެމުންއައި ހުވަފެން ވީ ބިލާހަކަށެވެ. އީރާނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނޭ ކަމަށާއި، މިނިވަންކަން ހޯދުމަށް މަގުތަކަށް ނުކުތުމަށް ޓްރަމްޕާއި ނަތަންޔާހޫ ގޮވާގޮވާ ކަރުބުޑުން ހަންދިޔައިރުވެސް އީރާނުގެ ރައްޔިތުން ކަހާތަން ހިރުވާވެސްނުލިއެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި، އީރާނުގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކާއި އާންމު ތަންތަނަށް ބޮންއަޅައި އެތައް އާންމުން މަރާލުމުން އީރާނުގެ ރައްޔިތުން ރުޅި އައުމުގެ ސަބަބުން ޓްރަމްޕާއި ނަތަންޔާހޫގެ ޕްލޭން-އޭ ފެއިލްވީއެވެ. ކަންދިމާކުރިގޮތުން ޓްރަމްޕާއި ނަތަންޔާހޫގެ ޕްލޭން-ބީ އެއް ނެތެވެ. އެހެންވެ، މަސައްކަތް ފެށީ މުޅި އީރާނަށް ބޮންއަޅައި، އީރާނު ކުޑަކަކޫމައްޗަށް ތިރިކުރުމަށެވެ. ނަމަވެސް، އީރާނުގެ ވަރުގަދަކަމާއި، ކުޅަދާނަކަމާއި، އީރާނު އަސްކަރިއްޔާގެ ހުނަރުވެރިކަމާއި، ގާބިލްކަމާއި އެމީހުން ބޭނުންކުރަމުންދާ ހަތިޔާރުގެ މޮޅުކަން ފެނި އަދި އެމެރިކާގެ ތަންތަނަށާއި، އިސްރާއީލަށް ދެމުންގެންދާ ގެއްލުންތައް ބޮޑުކަމުން، ޓްރަމްޕާއި ނަތަންޔާހޫ މިހާރު ވިސްނަމުން ގެންދަނީ، އީރާނުގެ މައްޗަށް ކުރި ހޯދިއްޖެކަން އިއުލާން ކުރާނެ މޮޅު ގޮތަކާ މެދުގައި ކަމަށް ވެއެވެ.



