ފޮޓޯގެ ކަނާތްފަރާތުގައި އެހުރީ އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރއެވެ. އޭނާއަކީ ޓްރަމްޕްގެ އެޑްވައިޒަރެކެވެ. އެއީ ޔަހޫދީއެކެވެ. ދެން އެހުރީ ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. އެވެސް ޔަހޫދީއެކެވެ. މި ދެމީހުންނަކީވެސް ވިޔަފާރިވެރި ދެ މަހުޖަނުންނެވެ. މައިގަނޑު ވިޔަފާރިއަކީ ރިއަލް އެސްޓޭޓް ވިޔަފާރިއެވެ. އެދެމީހުން ކުރާ ކޮންމެ ކަމެއްގައި ވިޔަފާރީގެ މަސްލަހަތު ހިމެނެއެވެ. މެދުއިރުމަތީގައި އެމީހުންގެ ވިޔަފާރި ފުޅާކޮށް އޮވެއެވެ.
އީރާނުގެ ނިއުކްލލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުނު ވާހަކަތަކަށް ޓްރަމްޕް ފޮނުވީ މިދެމީހުންނެވެ. މިއީ، އެފަދަ ހައްސާސް ވާހަކަތަށް އެއްވެސް ވަރެއްގެ ތަޖުރިބާއެއް ހުރި، އަސްކަރީ ކަންކަމުގައި ގޮތްފާޑުކިއުމުގެ ހައިސިއްޔަތެއްނެތް، އެފަދަ ކަމެއްގައި ކުރިން އުޅެފައިވެސް ނުވާ، އަސްކަރީ ޚިދުމަތުގައިވެސް އުޅެފައިނުވާ ދެމީހުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުނު ނުސީދާ ވާހަކަތަށް ގޮސް، ދެކެވުނު ވާހަކަތަކާއި، އެކަމުގައި ކަންކުރަންވީގޮތް ޓްރަމްޕަށް ކިޔައިދެމުން ގެންދިޔައީ މިދެމީހުންނެވެ. އަޅަންވީ ފިޔަވަޅުތައް ޓްރަމްޕަށް ބުނެދެމުން ގެންދިޔައީ މިދެމީހުންނެވެ.
އީރާނުގެ މައްސަލާގައި ޓްރަމްޕަށް ދެން މަޝްވަރާ ދެމުންގެންދިޔައީ އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތުއެވެ. އެވެސް ޒަޔަނިސްޓް ތޮފިއަޅައިގެން ހުރި، މުސްލިމުން ދެކެ ނުހަނު ރުޅިއަރާ މީހެކެވެ. މުސްލިމުންގެ އަދުއްވެކެވެ.
އީރާނުގެ މައްސަލާގައި ޓްރަމްޕަށް މަޝްވަރާ ދެމުންގެންދިޔަ ހަތަރުވަނަ މީހަކީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއެވެ. އެވެސް ޒަޔަނިސްޓެކެވެ. ޓްރަމްޕަށްފަހު އެމެރިކާގެ ވެރިކަމަށް އަންނާން ވިއްދާފައި ހުރި މީހެކެވެ.
މި ހަތަރު މީހުންނަކީވެސް އިސްރާއީލަށް ވަފާތެރި ހަތަރު މީހުންނެވެ. އެމެރިކާ ސަރުކާރުގެ ތެރެއިން އިސްރާއީލަށް ހުރިހާކަމެއް މަގުފަހިވާ ގޮތަށް ކަންކަން ތަރުތީބުކޮށް، އަމަލީގޮތުން އެކަންކަން ކުރަމުންދާ ހަތަރު މީހުންނެވެ.
އިސްރާއީލާ ގުޅިގެން އީރާނަށް އަސްކަރީ ހަމަލާތައް ދޭން އެމެރިކާއިން ފެށީ މި ހަތަރުމީހުން ދިން މަޝްވަރާއާއި ލަފާގެ މަތިންނެވެ. އީރާނަށް އިސްވެ ހަމަލާދޭން ފެށި ސަބަބެއް ކަމަށް ޓްރަމްޕާއި އަދި މި ހަތަރު މީހުންވެސް ބުނެފައިވަނީ އީރާނުން އެމެރިކާގެ މަސްލަހަތުތަކަށް އިސްވެ ހަމަލާދޭން އުޅޭކަން އެނގިގެން “އެކަމުގެ ދިފާއުގައި” ކަމަށެވެ. އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ހަމަލާ ނުދިންނަމަ އީރާނުން ހަމަލާދޭނޭ ކަމަށްވެސް އެމީހުން ބުނެފައި ވެއެވެ.
އިސްރާއީލާ ގުޅިގެން އެމެރިކާ އީރާނަށް ހަމަލާދޭން ފެށީ، އެކަން ނުކުރުމަށް އެމެރިކާގެ ޖާސޫސީ މައި އިދާރާ ސީއައިއޭއާއި، އެމެރިކާގެ އަސްކަރިއްޔާގެ އިސް އެތައް ޖެނެރަލުންނާއި، އަސްކަރީ އެތައް ތަޖުރިބާކާރުންނާއި އަދި ކުރީގެ އަސްކަރީ ޖެނެރަލުންވެސް ޓްރަމްޕަށް ގޮވާލަމުން ގެންދަނިކޮށެވެ. އެމީހުން ބުނަމުންދިޔައީ، ދިގުލައިގެންދާ ހަނގުރާމައެއް ކުރެވޭ ވަރަށް އެމެރިކާގައި ހަތިޔާރު ނެތްކަމަށާއި، އީރާނުގެ އަސްކަރީ ގާބިލްކަން ޔަގީން ނުވާއިރު، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތަކާއި، ކަނޑުގެ ބޭސްތަކާއި، އެމެރިކާ ސިފައިންގެ ފުރާނައަށްވެސް ބޮޑެތި ނުރައްކާ ފޯރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ނަމަވެސް، ޖާސޫސީ ވެރިންނާއި، އަސްކަރިއްޔާގެ ވެރިން ދިން އެއްވެސް މަޝްވަރާއެއް ޓްރަމްޕް ގަބޫލެއް ނުކުރިއެވެ. ޓްރަމްޕް ގަބޫލުރީ، މިފަދަ ކަމެއްގެ އެއްވެސް ތަޖުރިބާއެއްނެތް ކުޝްނަރ، ވިޓްކޮފް، ހެގްސެތު އަދި ރޫބިއޯ ދިން ލަފައެވެ. އެމީހުން ލަފާދިނީ އީރާނަށް ހަމަލާދޭން ފެށުމަށެވެ. މި ހަތަރު މީހުންވެސް ހީކުރީ އިސްރާއީލު ހަމަލާތަކުގައި ބައިވެރިވާތީ އެމެރިކާއަށް ރައްކާތެރިކަން ލިބޭނޭ ކަމަށެވެ.
އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމުން އީރާނުން ދިން ފުރަތަމަ ރައްދު ހަމަލާވެސް ވެގެންދިޔައީ ޓްރަމްޕަށާއި، އޭނާގެ އަރިސް މުޝީރުންނާއި، އެމެރިކާ އަސްކަރިއްޔާގެ އިތުރުން، އިސްތިއުމާރީ ބާރުވެސް ސިއްސައިގެންދިޔަ ވަރުގެ ރައްދަކަށެވެ. އެކަން އެނގިގެން ދިޔައީ އީރާނުން ފުރަތަމަ ރައްދު ހަމަލާތަކާއެކު ޓްރަމްޕް ދެއްކި ވާހަތަކުންނެވެ.
އީރާނުގެ ހަމަލާދޭ ޑްރޯން ފައުޖާއި، ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، އެނޫންވެސް އެންމެ ޒަމާނީ މިސައިލްތަކުން ދޭންފެށި ރައްދު ހަމަލާތަކުގައި އިސާހިތަކު އެމެރިކާގެ ބޭސްތައް ފުނޑި، ސިފައިންތައް މަރުވެ، ޒަޚަމްވެ، ރާޑަރު ސިސްޓަމްތަކާއި، މިސައިލުން ދިފާއުވާ އައްޑަނަތައް ފުނޑި، އިސްރާއީލު ސުންނާފަތިވެ، އެމެރިކާ ނޭވާހޮޅިއަށް އެޅުނެވެ. އީރާނުން ދިން ވަރުގަދަ ހަމަލާތައް އަމާޒުވެ ލިބުނު ބޮޑެތި އެތައް ގެއްލުންތަކާހެދި އަދި ގަންނާކުރެއްވި ބިރުން އަރަބި ކަނޑަށް ޖަމާކޮށްފައި އޮތް ދުނިޔޭގައި ނެތްވަރުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުވެސް، އީރާނާ ދުރަށް ސައިޕްރަސްއަށް ފޮނުވާލީއެވެ.
އެމެރިކާއާއި އިސްރާއީލުން މުޅި އީރާނަށް ބޮންއަޅައި އެތައް އާންމުން މަރައި ބޮޑެތި ގެއްލުންތައް ދެމުން ގެންދިއުމާއެކުވެސް އީރާނުން ކެނޑިނޭޅި ދެމުންގެންދާ ރައްދު ހަމަލާތަކާއި، އެމެރިކާ އަދި އިސްރާއީލަށް ދެމުންގެންދާ ގެއްލުންތައް ބޮޑުކަމުން، އެމެރިކާގެ އެތެރެއިންނާއި ބޭރުން ބޮޑެތި ޕްރެޝަރތައް ކުރިމަތިވެ ހުރިހާކަމެއް އަތަށްގޮވަންފެށުމުން ޓްރަމްޕް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޒިންމާއިން ރެކެވޭތޯއެވެ.
ޓްރަމްޕް އަމިއްލަ އަނގައިން ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނީ، ޖެރެޑް ކުޝްނަރއާއި، ސްޓީވް ވިޓްކޮފާއި، ޕީޓް ހެގެސެތު އަދި މާކޯ ރޫބިއޯ ދިން މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެމީހުން ދިން މަޝްވަރާތަކުން، އީރާނުން އެމެރިކާގެ ތަންތަނަށް އިސްވެ ހަމަލާދޭން އުޅޭކަމަށް ގަބޫލު ކުރެވިގެން ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކާއި، އަސްކަރިއްޔާގެ ވެރިން ޓްރަމްޕަށް ލަފަޔާއި މަޝްވަރާ ދީފައިވަނީ މިގޮތަކަށް ނޫނެވެ. ވީމާ، އީރާނަށް އިސްވެ ހަމަލާ ދިނުމުގައި ޓްރަމްޕަށް މިވަނީ ގޯސް ހެދިފައެވެ.
މާކޯ ރޫބިއޯއާއި، އެމެރިކާގެ އެހެންވެސް ބައެއް ވެރިންގެ ވާހަކަތަކުން ހާމަވެފައިވަނީ، އީރާނަށް ހަމަލާދިނުމަށް ބައިވެރިވާން އެމެރިކާއަށް މަޖުބޫރުކުރީ މުޖުރިމު ނަތަންޔާހޫ ކަމެވެ. އެހެންވެ، މިއީ، އެމެރިކާގެ އެއްވެސް މަސްލަހަތެއް އޮތް ހަނގުރާމައެއް ނޫން ކަމަށާއި، މިއީ އިސްރާއީލަށްޓަކައި އެމެރިކާއިން ކޮށްދޭ ހަނގުރާމައެއް ކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ. ޚުދު ނަތަންޔާހޫވެސް ބުނެފައިވަނީ، އީރާނާ ދެކޮޅަށް ހަނގުރާމަކުރަން އޭނާ މަސައްކަތް ކުރާތާ 40 އަހަރު ވެއްޖެ ކަމަށެވެ. އިސްރާއީލުގެ ކުރީގެ ވެރިންނާއި، މިހާރުގެ ވެރިންވެސް ބުނަމުންދަނީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ އެމީހުންގެ އެތައް ދުވަހެއްގެ މަސައްކަތް ކަމަށެވެ. މި ވާހަކަތަކުންވެސް، ޓްރަމްޕްގެ ނިންމުން އައިގޮތް ވަރަށް ސާފެވެ.
ޕްރެޝަރ ބޮޑުވެ، ގޮތްހުސްވުމުން ޓްރަމްޕް މިހާރު މަސައްކަތް ކުރަމުންގެންދަނީ ހަނގުރާމަ ނިންމާނެ ގޮތެއް ފެނޭތޯއެވެ. ވާހަކަ ދައްކަން އީރާނު ބޭނުން ނުވާކަން އެނގުމުން ދެން ބެލީ އެހެން މަގެއް ފެނޭތޯއެވެ.
އީރާނުގެ ރައްޔިތުން ބޭނުންވާ ކަމަކަށް ނުވާތީ، އީރާނުގެ ވެރިކަން ބަދަލުކޮށްލުމުގެ ޚިޔާލު ޓްރަމްޕް މިހާރު ދޫކޮށްލައިފިއެވެ. އެހެންވެ، މިހާރު މަސައްކަތް ފަށާފައިވަނީ، އީރާނުގެ ރަށްތަކަށް ވަރުގަދައަށް ބޮންއަޅައި، ކައިރި މުސްތަގްބަލެއްގައިވެސް އީރާނު ހިންދެމިނުލެވޭ ވަރަށް ގެއްލުން ދިނުމަށްފަހު “ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް” އިއުލާން ކުރުމަށެވެ. ޓްރަމްޕް ބުދަދުވަހު ބުނީ، އޭނާ ބޭނުންވާނަމަ އީރާނުގެ ދުވަސް ދުއްވާލަން ނަގާނީ އެންމެ ގަޑިއިރެއް ކަމަށެވެ. އެކަމަށް ލަހެއްފަހެއް ނުނަގާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޓްރަމްޕްގެ މި ވާހަކަތައް ތަޖުރިބާކާރުން ސިފަކުރީ، މިއީ އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނޭ ކަމަށް ދިން އިންޒާރެއްގެ ގޮތުގައެވެ. ނަތަންޔާހޫވެސް ވަނީ މިފަދަ އިންޒާރެއް ކުރިން ކޮށްފައެވެ.
އެމެރިކާއާއި އިސްތިއުމާރީ ސިފައިން އީރާނަށް ހަމަލާދިނުމުގައި މިހާރު ބޭނުން ކުރަމުންދާ ބޮމަކީ، ނިއުކްލިއަރ ބޮމުގެ ނުރައްކަލާ ގާތްކުރާ ވަރުގެ ގެއްލުންބޮޑު އަދި ނުރައްކާތެރި ގޮވާތަކެތި ހިމެނޭ ބޮންތަކެއްކަން ވަނީ އެނގިފައެވެ. އެއީ، އެ ބޮންތައް ގޮވައިގެންދާއިރު ވައިގެތެރެއަށް އަރައިގެންދާ އަލިފާނާއި ދުންގަނޑު ހުންނަގޮތުންނެވެ. އަދި ލިބޭ ގެއްލުންތައްވެސް ބޮޑުކަމުންނެވެ.
ދުނިޔޭގެ އެންމެ ހަތިޔާރު ގިނަ، އެންމެ މޮޅު އަދި އެންމެ ބާރުގަދަ ކަމަށް ބުނާ އެމެރިކާގެ އަސްކަރިއްޔާއާއި އަދި ހިތުންމޮޅު އިސްތިއުމާރީ އަސްކަރިއްޔާއާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ހަނގުރާމަކޮށް އެމެރިކާއާއި އިސްރާއީލު ބަލިވެގެން ދިއުމަކީ ޓްރަމްޕްގެ ލަގޮނޑިއަށް ކެތްކުރެވޭވަރު ކަމެއް ނޫންކަން އެންމެނަށްވެސް އެނގެއެވެ. އެހެންވެ، އީރާނުގެ ދުވަސް ދުއްވާލަން ޓްރަމްޕް “ކޮންމެފަދަ ކަމެއްވެސް” ކޮށްފާނެ ކަމަށް ބުނެ އެކަމަށް ސަމާލުވެ ތިބުމަށް މަސްރަހް ދިރާސާކުރާ މިނިވަން ފަރާތްތަކުން ބުނަމުންވެސް ގެންދެއެވެ.



