ނަމާދުގެ ކުރީ ސަފުގައި ތިބޭ ކުޑަކުދިން އެ ސަފުން ބޭރުކޮށް ފަހަތު ސަފަށް ބަދަލުކުރާ މަންޒަރަކީ މަދުންނަމަވެސް ދިވެހި މުޖުތަމަޢުން ފެންނަ ކަމެކެވެ. މިގޮތުން ބައެއްފަހަރު އެކުދިން ކުރީ ސަފުން ބޭރުކުރަނީ އެ ސަފުން ބޮޑެތި މީހުންނަށް ޖާގަ ދިނުމުގެ ގޮތުންނެވެ.
ކަންމިހެން ހިނގަމުންދާތީ، ނަމާދުގެ ކުރީ ސަފުން ކުޑަކުދިން ބޭރުކުރުމާ މެދު ބައެއް ބޮޑެތި ޢިލްމުވެރިން ދެކެލައްވާގޮތް ބަޔާންކޮށްލަމެވެ.
އެގޮތުން މި މަޢުލޫގައި
- އިބްނު ޙަޖަރުލް ހައިތަމީ ރަޙިމަހުﷲ “އަލްފަތާވާ”ގައި ބަޔާންކުރައްވާފައިވެއެވެ.
“ކުޑަކުއްޖާ، ބޮޑެތިމީހުންނަށްވުރެ ކުރީން ފުރަތަމަ ޞަފަށް އަރައިފިނަމަ، އެކުދީން ޞަފުން ބޭރުކުރުން ބޮޑެތިމީހުންނަށް ހުއްދަވެގެން ނުވެއެވެ.” “الفتاوى” (1/229)
އަލްމާވަރްދީ ރަޙިމަހުﷲ “އަލްއިންޞާފު” ގައި ބަޔާންކުރައްވާފައިވެއެވެ. - “އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރު ކުރެއްވި ބަސްފުޅަކީ، ކުޑަކުއްޖާ އޭނާ އިސްވި މަޤާމުން، ފަހަތަށް ނުޖެއްސުމެވެ. ވިދާޅުވިއެވެ. އެންމެ ޞައްޙަ ބަސްފުޅަކީ އެއީ އެވެ.” “الإنصاف” (2/41)
- އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “އެންމެ ޞައްޙަ ގޮތަކީ ކުޑަކުދީން ކުރީ ޞަފަށް އަރައިފިނަމަ އެކުދީން ފަހަތަށް ނުޖެއްސުމެވެ. އެކުދީން ފުރަތަމަ ޞަފަށް ނުވަތަ ދެވަނަ ޞަފަށް އަރައިފިނަމަ އެކުދީންގެ ފަހުގައި މިސްކިތަށް އައިމީހުން އެކުދީން ފަހަތަށް ޖައްސައިގެންނުވާނެއެވެ. އެއީ އެހެންމީހުން އެ ޙައްޤަކާހަމައަށް ވާޞިލުނުވި ޙައްޤަކަށް އެކުދީން ވާޞިލްވެއްޖެއެވެ. އެކަމުގައި ވާރިދުވެފައިވާ ޢާއްމު ޙަދީޘްތަކަށް ބަލާއިރު، އެކުދީން ފަހަތަށް ޖެއްސުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ އެކުދީން އެގޮތަށް ޞަފުން ފަހަތަށް ޖެއްސުމުގެ ސަބަބުން އެކުދީން ހިތުގައި ނަމާދާމެދު ނަފުރަތު އުފެދުމާއި، ނަމާދުގެ ކުރީ ޞަފުހޯދުމަށް ނަމާދަށް މައިރާ ދިޔުމަށް ގަދައަޅާ މަސައްކަތްކުރުމުން ދުރުހެލިވެދާނެއެވެ. އެހެންކަމުން އެކުދީން ދުރަށްޖެއްސުމަކީ އެއްގޮތަކަށްވެސް ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ.
- ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
“ހަމަކަށަވަރުން ކުޑަކުދީންވެސް ތަނަކަށް އިސްވެއްޖެނަމަ އެކުދީންނަށް އެތަން ޙައްޤުކަން ބޮޑުވެގެންވެއެވެ. އެއީ އެކަމުގައި ވާރިދުވެފައިވާ ޢާއްމު ދަލީލުތަކުގައިވާ ގޮތުގެ މަތީންނެވެ. އެހެންބަޔަކު އިސްނުވާ ތަނަކަށް ބަޔަކު އިސްވެއްޖެނަމަ އެ އިސްވިބަޔަކު އެތަނަށް ޙައްޤުކަން ބޮޑުވެގެންވާކަމަށް އައިސްފައިވާ ދަލީލުތަކެވެ. މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަކެވެ. އެތަނުގައި ﷲ ގެ އަޅުތަކުން ހަމަހަމަވެގެންވެއެވެ. ކުޑަކުއްޖާ ފުރަތަމަ ޞަފަށް އަރައިފިނަމަ، އަދި އެތަނުގައި އެކުއްޖާ އިށިއިނދެއްނަމަ، އެކުއްޖާ ހުންނަންޖެހޭނީ ހަމަ އެތަނުގައެވެ. އަދި ކުރީ ޞަފުން ކުޑަކުދިން ފަހަތަށް ޖައްސައި، ހުރިހާ ކުޑަކުދިން އެއްޞަފަކަށް އެރުވުމަށް އަހަރެމެން ބުނާނަމަ، އެކަމުގެ ސަބަބުން އެކުދީން ނަމާދުގައި ސަކަރާތްޖެހުމަށް މަގުފަހިވެއެވެ.” “الشرح الممتع” (3/4)