ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ތިން އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ. އަދި ވިހާވެސް ގިނަ ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ދިނުމަށް މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބު އޮބްޒާވްކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިލެކްޝަނުން ވަނީ އިތުރުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައިވާތީ އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަލަށް ދިން މުއްދަތަކީ މާދަމާގެ ދަންވަރު 12:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ “ސިމެދަ ޕޯޓަލް” މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމާޢަތްތަކަށް ފާސްދޫކުރުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް ފާސް ދޫކުރެވޭނީ އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތައަށްވުރެ އިތުރުނުވާ ގޮތަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
އަންނަ މަހު ބާއްވާ އިންތިޚާބުގައި ގިނަ އަދަދެއްގެ ފޮށި ބަހައްޓާއިރު އޮބްޒާވަރަކަށް ވުމަށާއި މޮނީޓަރަކަށް ވުމަށް ގިނަ އަދަދެއް ބަޔަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް އޮބްޒާވަރުންނަށް ވުމަށް 1،400އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.


