އީރާނުން ހޮރްމޫޒް ކަނޑުއޮޅި “ބަންދު” ކުރުމުން އެމެރިކާގެ އަސްކަރީ މަނަވަރުތައް ހިމާޔަތް ދޭނޭ ކަމަށާއި، އެމެރިކާގެ މަނަވަރުތަކުގެ ހިމާޔަތުގައި ތެޔޮ ޓޭންކަރުތައް ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރުމަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގިއެވެ. އަދި އެމެރިކާގެ ހަނގުރާމައިގެ ވަޒީރުވެސް އެކަން ކުރާނޭ ކަމަށް ވައުދުވެ ޔަގީންކަންވެސް ދިނެވެ.
ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކަށް ހިމާޔަތްދޭން ކަމަށް ބުނެ އެމެރިކާއިން އިތުރު އެތައްސަތޭކަ ސިފައިންނާއެކު، ކަނޑުގެ އިތުރު ލަޝްކަރެއް އަރަބި ކަނޑަށް މިސްރާބު ޖެހިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ، އެމެރިކާ ސިފައިންގެ ހިމާޔަތުގައި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓެންކަރުތަކަށް ހަމަލާދޭން އީރާނަށް ނުކެރޭނޭ ކަމަށާއި، ހަމަލާދޭން ދިމާކޮށްފިނަމަ އެމެރިކާ ސިފައިން ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށެވެ.
އެމެރިކާއިން ދިން ޔަގީންކަމަށް، އަރަބި ކަނޑުގައި ކިޔޫގައި ޖެހިގެން ތިބި ބައެއް ތެޔޮ ޓޭމްކަރުތައް ހޮޒްމޫޒު ހުރަސްކުރަން މަސައްކަތްވެސް ކުރިއެވެ. އެކަމަކު، އެމެރިކާ ސިފައިން އެ ޓޭންކަރުތަކަށް ހިމާޔަތްދޭކަށް ނާދެއެވެ.
އީރާނުން ތަކުރާރުކޮށް ދެމުންގެންދިޔަ އިންޒާރުތަކާ އެއްގޮތަށް އީރާނުންވަނީ ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި އަށެއްކަ ޓޭންކަރަށް ހަމަލާދީ ގޮއްވާލާފައެވެ. އީރާނުން ހަމަލާދިން ބައެއް ޓޭންކަރުތަކަކީ އެމެރިކާއާ ސީދާ ގުޅުންހުރި ޓޭންކަރުތަކެވެ. ބައެއް ޓޭންކަރުތަކަކީ އީރާނުގެ އެންގުމާ ޚިލާފްވެ، އެމެރިކާއިން ދިން ޔަގީންކަމަކަށް ހުރަސްކުރަން އުޅުނު ޓޭންކަރުތަކެވެ.
އީރާނުން ހަމަލާދޭން ފެށުމާއެކު، ހޮޒްމޫޒު ކަނޑުއޮޅި އަނެއްކާވެސް ހުއްޓުމަކަށް އައީއެވެ.
އީރާނުން ބުނަމުންގެންދަނީ، އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި އެއްވެސް ތެޔޮ ޓޭންކަރަކަށް ހޮރްމޫޒު ކަނޑުއޮޅި ހުރަސް ނުކުރެވޭނޭ ކަމަށެވެ. އަދި އެ ކަނޑުއޮޅިން ދަތުރު ކުރެވޭނީ އީރާނުން ހުއްދަދޭ ގައުމުތަކުގެ ޓޭންކަރުތަކަށް އެކަނި ކަމަށެވެ.
އީރާނުން ދެމުންގެންދިޔަ އިންޒާރުތައް ބޮލާލާޖަހައި އެމެރިކާ އުޅުނީ ގަދަބާރުން އެ ކަނޑުއޮޅި ހުޅުވާލުމަށެވެ.
އެމެރިކާއިން ފޮނުވަން އުޅުނު ކަނޑުގެ ސިފައިންގެ ހަތަރުވަނަ ލަޝްކަރު ވަކި ހިސާބަކުން މަޑުޖެހުނީ، އީރާނުން ހޮރްމޫޒު ކަނޑުއޮޅީގެ ކަނޑުއަޑީގައި މައިން އަޅަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރުމާ ގުޅިގެންނެވެ. އެއީ، އެމެރިކާ ސިފައިންނަށް ފޫނުބެދޭވަރުގެ ގެއްލުންތައް ލިބިދާނެތީ އެކަމުގެ ބިރަށެވެ.
އީރާނުގެ ކަނޑުގެ ސިފައިން މަނަވަރުތަކަށް ބަރޯސާނުވާ ކަމާއި، އެމީހުން ހަމަލާދޭން ބޭނުންކުރަނީ މިސައިލް ހަރުކުރި އަދި މީހަކާ ނުލާގޮސް ހަމަލާދޭ ކުދި ބޯޓުތައް ކަމާއި، އަދި ހޮރްމޫޒު ކަނޑުއޮޅީގެ އަޑީގައި މައިންތައް އަޅައި ތައްޔާރުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރުމުން އެމެރިކާގެ ވިސްނުން ބަދަލުކުރީ ކަމަށް ބެލެވިފައި ވެއެވެ.
އެމެރިކާ ސިފައިންގެ ހިމާޔަތުގައި ހޮރްމޫޒު ކަނޑުއޮޅި ހުޅުވާނޭ ކަމަށްބުނެ ޓްރަމްޕާއި، ހެގްސެތު އަދި އެމެރިކާގެ އެހެންވެސް ވެރިން ބޮޑާ ބަސްތަކެއް ބުނުމަށްފަހު ޓްރަމްޕް އެންމެފަހުން މިހާރު މިވަނީ، ހޮރްމޫޒު ކަނޑުއޮޅިން މަންފާލިބޭ ހުރިހާ ގައުމުތަކުން އަސްކަރީ މަނަވަރުތައް ފޮނުވައި ދިނުމަށް އެދި އިލްތިމާސްކޮށްފައެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ޓްރަމްޕް ވަނީ ބައެއް ގައުމުތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ގައުމުތަކަކީ، ފްރާންސް، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ އަދި ޔޫކޭއެވެ. ހަމަ އެއާއެކު، ހޮރްމޫޒް ކަނޑުއޮޅިން މަންފާކުރާ އެހެން ގައުމުތަކުންވެސް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް އެދިފައި ވެއެވެ. ޓްރަމްޕްގެ ގޮވާލުމަށް އެންމެ ފުރަތަމަ އިޖާބަދިން ކަމަށް ރިޕޯޓްތައް ބުނަނީ ފްރާންސެވެ. އެހެން ގައުމަކުން އަދި އެއްޗެއް ނުބުނެއެވެ.
ހިރްމޫޒު ކަނޑުއޮޅިއަށް ވަންނަ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނުމަށް އީރާނަށް ލިބިގެންވާ ގާބިލްކަމުގެ ވާހަކަ ޚުދު ޓްރަމްޕްގެ މެސެޖްގައިވެސް ބަޔާންކޮށްފައި ވެއެވެ. އީރާނުގެ ގާބިލްކަމަށް ޓްރަމްޕްވެސް އިއުތިރާފް ވެފައި ވެއެވެ.
އެމެރިކާއިން އިސްވެ ފެށި ހަނގުރާމައެއްގެ ސަބަބުން އެމެރިކާއަށް ކުރިމަތިވި ބޮޑުތަދު ފިލުވަން އެހެން ގައުމުތަކުގެ އެހީއަށް އެދި ޓްރަމްޕް މިދަނީ ރޮއިހޭރެމުންނެވެ.
އެމެރިކާއާއި އަދި އެމެރިކާގެ ބައިވެރިންގެ އަސްކަރީ މަނަވަރުތަކުގެ ހިމާޔަތުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފިނަމަ ހޮރްމޫޒް ކަނޑުއޮޅީގެ އީރާނުގެ މުޅި އައްސޭރިފަށް ސުންނާފަތި ކޮށްލާނޭ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަނީ ދެމުންނެވެ. އެހިސާބުގެ ބައެއް ރަށްތައް ހިފަންވެސް ޓްރަމްޕް ރާވަމުންދާ ކަމަށް ކަށަވަރުނުވާ ރިޕޯތްތައް ބުނެއެވެ.
ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގިއްޖެނަމަ ހަނގުރާމައިން އީރާނު ބަލިކުރެވިދާނެ ކަމަށް ޓްރަމްޕް މިހާރު ގަބޫލުކުރާ ކަމަށާއި، އެހެންވެ އެ ކަނޑުއޮޅި ހުޅުވަން ކުރެންހުރި ހުރިހާކަމެއް ޓްރަމްޕް ކުރާނޭ ކަމަށް ވެއެވެ.
ހަމަ އެއާއެކު، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ގެއްލުމަކީ އީރާނަށް މިހާރު އޮތް ހަނގުރާމައިގެ ކޮންޓްރޯލްވެސް ގެއްލި ހަނގުރާމައިން ބަލިވެދާނެ ސަބަބު ކަމަށް ބެލެވޭތީ، އެމެރިކާ ހުއްޓުވަން ކުރެވުނުހާ ކަމެއް ކުރަންޖެހޭ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންވެސް ގަބޫލުކުރާތީ، އެމީހުންވެސް ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.


