އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އީރާނު އަސްކަރިއްޔާގެ ހަތިޔާރުތަކުގެ ގުދަންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި، ހަތިޔާރު ސްޓޮކް ރައްކާތެރި ކަމާއެކު އެބަހުރި ކަމަށް އީރާނުން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.
އީރާނުން މިކަން ހާމަކޮށްފައިވަނީ، އީރާނުގެ އަސްކަރީ ތަންތަނަށާއި، ހަތިޔާރު ގުދަންތަކަށް ވަރުގަދައަށް ބޮންއަޅައި މުޅިން ހަލާކުކޮށްލެވިފައިވާ ކަމަށް އެމެރިކާއާއި އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ.
އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެތައް ފަހަރަކު ބުނެފައިވަނީ، އީރާނުގެ ކަނޑުގެ ސިފައިންގެ ގާބިލްކަމާއި، ހަތިޔާރު ގުދަންތައްވެސް އެމެރިކާ ސިފައިން ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. އިސްރާއީލުން ބުނަމުން ގެންދަނީ، މިސައިލް އުދުއްސާލުމުގެ ގާބިލްކަން ނައްތާލެވިފައިވާ ކަމަށެވެ.
އީރާނު އަތުގައި މިހާރު ހުންނާނީ ވަރަށް މަދު މިސައިލަކާއި، ހަމަލާދޭ ބާވަތުގެ މަދު ޑްރޯން ކޮޅެއް ކަމަށްވެސް އެމެރިކާއާއި އިސްރާއީލުން ދައުވާ ކުރަމުން ގެންދެއެވެ.
މި ދައުވާތަކަށް އީރާނުގެ ގައުމީ ޓީވީ މެދުވެރިކޮށް ޖަވާބު ދެއްވަމުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ – އައިއާރްޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަލީ މުހައްމަދު ނައީނީ ވިދާޅުވީ، ހަތިޔާރު ސްޓޮކް ސަލާމަތުން އެބަހުރި ކަމަށާއި، އަދި އީރާނު ސިފައިންގެ އެންމެ ޒަމާނީ ހަތިޔާރުތައްވެސް ރިޒާވްގައި އެބަހުރި ކަމަށެވެ.
އިސްރާއީލާއި އެމެރިކާގެ ތަންތަނަށް ހަމަލާ ދިނުމަށް އީރާނުން މިހާތަނަށް ބޭނުން ކުރަމުން ގޮސްފައިވަނީ މީގެ ދިހަ ވަރަކަށް އަހަރުކުރިން އުފައްދާފައިވާ މިސައިލްތަކެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ބްރިގޭޑިއަރ ޖެނެރަލް އަލީ މުހައްމަދު ނައީނީ ވިދާޅުވީ، އިސްރާއީލާއި އީރާނާ ދެމެދު މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ކުރި 12 ދުވަހުގެ ހަނގުރާމައިގެ ފަހުން އީރާނުން އުފެއްދި އެއްވެސް ހަތިޔާރެއް އަދި ބޭނުން ނުކުރާ ކަމަށެވެ.
އެކަމަކު، އީރާނުން މިހާތަނަށް ދީފައިވާ ރައްދު ހަމަލާތަކުގެ ވަރުގަދަކަމާއި، އެ ހަމަލާތަކުގައި ދުޝްމަނުންނަށާއި، އެމީހުންގެ ތަންތަނަށް ދީފައިވާ ގެއްލުންތަކުން، އީރާނުގެ ހަތިޔާރުގެ ބާރުގަދަކަން ކިތަންމެ ރަނގަޅަކަށްވެސް ފެނިގެންދެއެވެ.
އީރާނުން އާދީއްތަ ދުވަހުވަނީ، ދުޝްމަނުންގެ ތަންތަނަށް ރައްދު ހަމަލާތައް ދިނުމަށް އައު ބާވަތެއްގެ މޮޅު މިސައިލެއް ބޭނުންކުރަން ފަށާފައެވެ. އެއީ ސެއްޖީލް ނަމަކަށްކިޔާ މިސައިލެވެ.
މިއީ އަޑަށްވުރެ 13 ގުނަ ބާރަށް ދަތުރުކުރާ އަދި 2000-2500 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. މާނައަކީ، މިސްރު، ސޫދާންގެ ބައެއް ސަރަހައްދުތައް، ޔޫކްރެއިން، ރަޝިޔާގެ ދެކުނު، ޗައިނާގެ ހުޅަނގުގެ ހިސާބުތައް، އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހއްދާއި، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުތަކަށްވެސް މި މިސައިލް ފޯރާނެކަމެވެ.
މިއިން މިސައިލެއް ވައްޓާލުމަކީ، އެމެރިކާގެ އެންމެ ޒަމާނީ އެއަރ ޑިފެންސް ސިސްޓަމް ކަމަށްވާ ތޭޑް އަދި އަޔަން ޑޯމަށްވެސް ކުޅަދާނަ ކަމެއް ނޫންކަމަށް ވެއެވެ.
އީރާނުން ފޮނުވާލި ހުރިހާ މިސައިލެއްހެން ކަހަލަ ގޮތަކަށް އިސްރާއީލުގެ ރައްތަކާއި، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ސީދާވަނީ އަމާޒުވެފައެވެ. އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބަށް ހަމަލާދޭން ފޮނުވާލި މިސައިލްތައް އުދުހިގެން އައި ގަލްފްގެ ގައުމުތަކުގެ ތަންތަނަށް އީރާނުން ރޭގައިވަނީ ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އީރާނުގެ ހަމަލާތަކުގައި ތަންތަން ގޮވައި، ހުޅުރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވަމުން އެބަދެއެވެ.
އީރާނުން ބުނަމުންގެންދަނީ، އީރާނު އޮތީ ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން، ދުޝްމަނުންނަށް ދެމުންގެންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަކުރަމުން އަދި މުޅިން އައު ބާވަތްބާވަތުގެ ހަތިޔާރުވެސް ގެންދަނީ ބޭނުން ކުރަމުންނެވެ.
އީރާނުގެ ރައްދު ހަމަލާތައް ނުހުއްޓި ކުރިއަށް ދިއުމާއި، އައު ބާވަތުގެ ހަތިޔާރުތައް ބޭނުންކުރުމަކީ އެމެރިކާއާއި އިސްރާއީލުން ދައްކަނީ ދެކޮޅުނުޖެހޭ ދޮގު އަދި މީހުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއްކަން ހާމަވާ ކަމެކެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާގެ ރައީސް އާދޭސް ކުރުމުންވެސް އީރާނު އެކަމަށް އެއްބަހެއް ނުވިއެވެ. އެހެންވެ، ދެރަނުވާން ވެގެން ޓްރަމްޕް ބުނަމުންގެންދަނީ، ހަމަލާތައް ހުއްޓާލަން އީރާނު އާދޭސްކުރަމުންދާ ކަމަށެވެ.
ދުޝްމަނުންގެ ހަމަލާތަކަށް ރައްދު ދިނުމަށް އީރާނުގެ އަސްކަރީ ބާރުތައް ފުރިހަމައަށް ތައްޔާރުވެ އަދި އެކަން އަމަލުން ދައްކަމުން ދާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނުގެ ރަށްތަކަށް ދޭ އުދުވާނީ ހަމަލާތަކުން އީރާނު ދިފާއުކުރުމުގެ މަސައްކަތްވެސް ވަރަށް ވަރުގަދައަށް ކުރަމުން އެބަ ގެންދެއެވެ. އީރާނުގައިވެސް ވަރުގަދަ އެއަރ ޑިފެންސް ސިސްޓަމްތައް ގާއިމްކޮށްފައި ވެއެވެ.
އެގޮތުން، ދުޝްމަނުންގެ ހަމަލާތަކަށް ހުރަސްއަޅައި، ބޮންއަޅައި އަދި މިސައިލުން ހަމަލާދޭން އަންނަ ބޯޓުތަކާއި، ހަމަލާދޭ ޖެޓުތައް ވައްޓާލުމުގެ މަސައްކަތް އީރާނު ސިފައިން ކާމިޔާބު ކަމާއެކު ކުރަމުން އެބަ ގެންދެއެވެ.
އެމެރިކާގެ އެތައް އުޅަނދެއް އީރާނުން ހަމަލާދީ ވައްޓާލާފައި ވާއިރު، އިސްރާއީލުން ބޭނުންކުރާ އެފް35 ގެ ޖެޓެއްވެސް އީރާނުން ވައްޓާލާފައި ވެއެވެ. މިއީ، ހަމަލާދީ މި މަރުކާގެ ޖެޓެއް ވައްޓާލި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ކަމަށް ބުނެ އެމެރިކާއިން އެ ހިސާބަށް މަނަވަރުތައް ނުފޮނުވަން އީރާނުން ތަކުރާރުކޮށް ގެންދަނީ އިންޒާރު ކުރަމުންނެވެ. އީރާނުން ކުރިން ބުނެފައިވަނީ ހޮރްމޫޒްއަކީ އީރާނުގެ “ވަލުފަރާތް” ކަމަށާއި، އެތަން އެންމެ ރަނގަޅަށް އެނގޭނީ އީރާނަށް ކަމަށެވެ. އެމެރިކާ ފޮނުވާ ސިފައިންނަށް ހޮރްމޫޒް ވެގެންދާނީ ގަބުރުސްތާނަކަށް ކަމަށް އީރާނުން ކުރިން ބުނެފައި ވެއެވެ. އެމެރިކާގެ ދިދަ އޮޅާފައިވާ އެތައްސަތޭކަ ސަންދޯއް ހޮރްމޫޒް ކަނޑުއޮޅިން އޮޔާދާ މަންޒަރު ފެންނަ އޭއައި ވީޑިއޯތައް ހަދައި އީރާނުގެ ޓީވީތަކުންވެސް ދުރަށް ދައްކާފައި ވެއެވެ.



