އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް ކަމަށްވާ ޚަރްޖް އައިލެންޑް (ޚަރްޖް: ފާރިސީ ނަން) ހިފަން ޖެހިދާނޭ ކަމުގެ އިޝާރާތެއް، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮށްގެން، އެމެރިކާގެ މީޑިއާއިން އެވާހަކަ ދައްކަން ފަށައިފިއެވެ.
އީރާނުގެ އައްސޭރިފަށާ 15 ވަރަކަށް މޭލު ދުރުގައި ޕާޝިއަން ގަލްފްގައި އޮންނަ ޚަރްޖް އައިލެންޑަކީ އީރާނުގެ ތެލުގެ ސިނާއަތުގެ މައި ރަށެކެވެ. އީރާނުން އުފައްދާ ތެލުގެ 90 އިންސައްތަ އެކްސްޕޯޓް ކުރަނީ އެ ރަށުންނެވެ. ތެޔޮ ސާފުކުރުމާއި، ސާފުކުރާ ތެޔޮ ރައްކާކުރާ މައި ރަށަކީވެސް އެއީއެވެ. ޚަރްޖް އައިލެންޑަކީ އީރާނުގެ އިގްތިސާދުގެ މައި ނާރެވެ. އީރާނަށް ލިބޭ އާމްދަނީގެ 60 އިންސައްތަ ހިއްސާކުރަނީ މިރަށުން ބޭރުކުރާ ތެލެވެ.
ޚަރްޖް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިންއިރު، ހަމަލާތައް އަމާޒުކުރީ އެ ރަށުގައި ހުރި އަސްކަރީ ތަންތަނަށެވެ. އެގޮތުން، 90 އަސްކަރީ ތަންތަނަށް ބޮންއެޅިއެވެ. އެކަމަކު، ތެޔޮ ރައްކާކޮށްފައި ހުރި ތާނގީތަކަށް އަދި ތެޔޮ ސާފުކުރާ ރިފައިނަރީތަކަށް ހަމަލާދޭކަށް ޓްރަމްޕަކަށް ނުކެރުނެވެ.
އެ ހަމަލާއަށްފަހު މީޑިއާގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، ޚަރްޖް އައިލެންޑަށް “މަޖަލަކަށްވެސް” އަދިވެސް ހަމަލާދޭން ޖެހިދާނޭ ކަމަށެވެ.
ޚަރްޖް އައިލެންޑަށް އެމެރިކާ ސިފައިން އަރައި އެރަށް ހިފަން އުޅޭކަމުގެ ވާހަކަތައް ފެތުރޭން ފެށީ، އެރަށުގެ “ތެޔޮ ހޮޅިތަކަށް ކޮންމެވެސް ގޮތެއް ވާންޖެހޭކަމަށް” ޓްރަމްޕް ބުނުމާ ގުޅިގެންނެވެ. މާނައަކީ، އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވަން ކޮންމެވެސް ގޮތެއް ހަދަން ޓްރަމްޕް މަސައްކަތްކުރާ ކަމަށް ދޭހަވުމެވެ.
ޚަރްޖް އައިލެންޑަށް ކަނޑާއި އަދި ވައިގެމަގުން އަރައިގަތުމުގެ ތަމްރީނުތައް އެމެރިކާ ސިފައިން މިހާރު މާކަނޑުގައި ހަދަމުންދާ ކަމުގެ ރިޕޯޓްތައްވެސް ފެތުރެމުން އެބަދެއެވެ. މިއީ، އެމެރިކާއިން ކުރަންއުޅޭ ބޮޑުކަމެއްގެ ނިޝާނެއް ކަމަށްވެސް ބުނަމުން ދެއެވެ.
ޚަރްޖް އައިލެންޑް އެމެރިކާ ސިފައިން ހިފުމަކީ، ނުވަތަ އެރަށުގައި ހުރި ތެޔޮ ތާނގީތަކަށް ބޮންއަޅާއި ގޮއްވާލުމަކީ އީރާނުގެ އިގްތިސާދު މުޅިން އިނދަޖެހިގެންދާނޭ ކަމެއްކަން ޓްރަމްޕަށް އެނގެއެވެ.
ހޮރްމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ނެގިގެން ނޫނީ ހަނގުރާމަ ހުއްޓެން ނެތް ކަމަށާއި، އެކަން ކުރުމަށްޓަކައި ހޮރްމޫޒު ކަނޑުއޮޅީގެ އީރާނުގެ މުޅި އައްސޭރިފަށާއި، ޚަރްޖް އައިލެންޑާއި، ކަނޑުއޮޅީގައި ހުރި ހުރިހާ ރަށްތައް ހިފަންޖެހޭ ކަމަށް އެމެރިކާއަށް މިހާރު ގަބޫލުކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވެ، ޚަރްޖް އައިލެންޑަށް އެއްގަމުމަގުން އަރަން އެމެރިކާ ސަރުކާރުން މިހާރު ވިސްނަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެކަމަކު އެއީ އެމެރިކާ ސިފައިންނަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށް، ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ސަބަބެއް ކަމަށް ބުނަނީ، އެއްގަމުމަގުން ޚަރްޖް އައިލެންޑަށް އަރަން ދިމާކޮށްފިނަމަ އީރާނުގެ ބާރުގަދަ މިސައިލްތަކާއި، ޑްރޯންތަކާއި، މައިންތަކުގެ ޝިކާރައަކަށް އެމެރިކާ ސިފައިން ވެގެންދާނެތީއެވެ. ނުވިތާކަށް، އީރާނު ކަނޑުގެ ސިފައިންގެ މީހަކާނުލައި ދުއްވާ ހަމަލާދޭ ކުދި ބޯޓުފަހަރުގެ ނުރައްކާވެސް ބޮޑުވާނޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެމެރިކާއިން ޚާރްޖް އައިލެންޑަށް ދިން ހަމަލާގެ ފަހުން އީރާނު މީޑިއާއިން ވަނީ ޚަރަޖް އައިލެންޑްގެ ރިޕޯޓްތައް ގެނެސްދީފައެވެ. އެ ރިޕޯޓްތަކުގައި ބުނެފައިވަނީ، އެ ރަށް އޮތީ އީރާނު އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.
އަނެއްކޮޅުން، ޚަރްޖް އައިލެންޑަށް އެމެރިކާއިން ދެވަނަ އުދުވާނީ ހަމަލާއެއް ދީފިނަމަ، އެ ހަމަލާއެއް އައި ގައުމެއްގައި ހުރި ތެލާއި ގޭހުގެ ހުރިހާ ތަންތަނެއް އަންދައި އަޅިޔަށް ހަދާލާނޭ ކަމުގެ އިންޒާރު، އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވަނީ ދެއްވާފައެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން އެ އުދުވާނު ހިންގައި، ޚަރްޖް އައިލެންޑްގެ ތެލުގެ ވަސީލަތްތަކަށާއި، ތެޔޮ ޓާމިނަލްތަކަށް ހަމަލާ ދީފިނަމަ، އެ ހަމަލާއެއް އައި ދިމާއެއްގައި ހުރި ތެލާއި ގޭހުގެ ހުރިހާ ތަންތަނެއް އަންދައި އަޅިޔަށް ހަދާލާނޭ ކަމަށެވެ. އީރާނު އަސްކަރިއްޔާގެ މިއިންޒާރުންވެސް، އެމެރިކާ އަށާއި، ކައިރި ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނާއި، އެގައުމުތަކުގެ ތެލާއި ގޭހުގެ ސިނާއަތަށް ފޯރަފާނެ ނުރައްކަލުގެ ބޮޑުކަން ހާމަވާ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



