ނަތަންޔާހޫ “ދުނިޔޭގައި ހުރިކަން” ސާބިތުކޮށްދޭން ފުލުފުލުން ފޭކް ވީޑިއޯތައް ނެރޭވަރަކަށް އިސްރާއީލު ފަޟީހަތްވަނީ

ޚަބަރު ފަހުގެ ދުނިޔެ

އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ، އޭނާ މަރުނުވާ ކަމަށާއި، ދިރިދުނިޔޭގައި ސަލާމަތުން އެބަހުރިކަން ސާބިތުކޮށްދޭން ވޭތުވެދިޔަ އަށެއްކަ ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަތަރު ސަހަރައްދަކަށް އޭނާ ގޮސް ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ލާފައި ވެއެވެ. ބައެއް ވީޑިއޯތަކުން ނަތަންޔާހޫވަނީ އޭނާ “ދުނިޔޭގައި އެބަހުރި” ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދީފައެވެ.

އޭގެކުރިންވެސް، އިސްރާއީލުގެ ޓީވީ ޗެނަލްތަކުން ނަތަންޔާހޫގެ ދެ ވީޑިއޯއެއް އާންމުކުރިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުރަތަމަ ވީޑިއޯގައި ފެންނަނީ ނަތަންޔާހޫ އެކަނިހުރެ އީރާނާ ގުޅޭގޮތުން ވާހަކަތަކެއް ދައްކާ މަންޒަރެވެ. އީރާނުގެ މައްޗަށް އިސްރާއީލާއި އެމެރިކާ ހޯދަމުންދާ ކުރިއެރުންތަކުގެ ވާހަކައާއި،  އީރާނު ރައްޔިތުން މިދަނޑިވަޅުގައި މުޒާހަރާކޮށް ސަރުކާރު ވައްޓާލުމުގެ މުހިންމުކަމުގެ ވާހަކަ ނަތަންޔާހޫ ދައްކައެވެ.

އޭގެފަހުން ދެން ނުކުތް ވީޑިއޯގައި ފެންނަނީ ނަތަންޔާހޫއާއި، އޭނާގެ ފައިނޭންސް މިނިސްޓަރު ބެޒަލިލް ސްމޮރިޗާ ދެމީހުން ތިބެގެން ދައްކަނީ އީރާނު ހަނގުރާމައިގައި ލިބެމުންދާ ކުރިއެރުންތަކުގެ ވާހަކައެވެ. އީރާނުގެ ރައްޔިތުން ނުކުމެ ސަރުކާރު ވައްޓާނުލައިފިނަމަ އީރާނުގެ އާންމުން މަރާފައިވެސް އިސްރާއީލުން އީރާނު އިނދަޖައްސާނޭ ކަމަށް ނަތަންޔާހޫ އެ ވީޑިއޯގައި ވައުދުވެއެވެ.

އެކަމަކު، އިސްރާއީލު މީޑިއާއިން ފުރަތަމަ އާންމުކުރި ދެ ވީޑިއޯ އެނަލައިޒްކުރި އެތައް ބަޔަކާއި، ޓެކްނޯލޮޖީގެ އެހީގައި ވީޑިއޯގެ ސައްހަކަން ބެލި އެތައް ބަޔަކު ވަނީ އެއީ ފޭކް ވީޑިއޯތަކެއްކަން ސާބިތު ކޮށްދީފައެވެ. އެއީ، އާރޓިފިޝަލް އިންޓެލިޖެންސް ޖެނެރޭޓޭޑް ވީޑިއޯއެއް ކަންވެސް ސާބިތު ކޮށްދީފައެވެ. އޭގެ ތެރެއިން ނަތަންޔާހޫގެ ދެއަތުގައި ހުރި އިނގިލީގެ އަދަދުތަކުގެ ވާހަކަ ފެންމަތިވިއެވެ.

އެ ވީޑިއޯތަކުގެ ބަހުސް މުޅި ދުނިޔޭގައި ފެށިގެން ދިއުމުން އިސްރާއީލު މީޑިއާއަށް ޖެހުނީ އެއީ، އަސްލު ކަމަށް ބުނެ ދިފާއުގައި ވާހަކަތައް ފަތުރާށެވެ. ޓެކްނޯލޮޖީ ނުހަނު ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި ވީޑިއޯއެއް، ފޮޓޯއެއްގެ ސައްހަކަން ބެލޭނެ އެތައް ގޮތްތަކެއް އެބަހުރިކަން އެވެރިންނަށް ނޭނގެނީ ތޯއްޗެކެވެ.

ނަތަންޔާހޫގެ ވާހަކަ ދުނިޔޭގެ އެންމެން ދައްކަންފެށީ އެ ދެ ވީޑިއޯއަކީ ފޭކް ވީޑިއޯތަކެއްކަން ފަޅާއަރައިގެން އެކަންޏެއް ނޫނެވެ. ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ކުރަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާއަށް ނަތަންޔާހޫ ހަނގުރާމައިގެ ކެބިނެޓެއް އޮވެއެވެ. އޭގަ ނަތަންޔާހޫއާއެކު ތިބެނީ 4 މީހުންނެވެ. އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލެއްވެސް އޮވެއެވެ. އޭގައި، ހަނގުރާމައިގެ ކެބިނެޓުގެ އިތުރުން، އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސިފައިންގެ އިސް ޖެނެރަލުންނާއި، ޖާސޫސީ މައި އިދާރާ މޮސާދުގެ ވެރިންވެސް ތިބެއެވެ.

ހަނގުރާމައިގެ ކެބިނެޓާއި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ނަތަންޔާހޫ ނެތި ދުވަހަކުވެސް ނުބައްވާފައެވެ. އަމުދުން، އިސްރާއީލުން އީރާނަށް ބޮންއަޅަމުންދިއުމާއި، ރައްދުގައި އީރާނުން އިސްރާއީލު ސުންނާފަތި ކުރަމުންދާ މި ދަނޑިވަޅުގައި، ބައްދަލުވުމަށް ނުގޮސް ނަތަންޔާހޫ ކުރަންޖެހޭނޭ އިތުރު މުހިންމު އެހެންކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މި ވާހަކައިގެ އަޑު ދުނިޔޭގައި ގަދަވެ، ނަތަންޔާހޫ ދުނިޔޭގައި ހުރި ކަމާމެދު ޝައްކުތައް އުފައްދާން ފެށުމުން އެންމެފަހުން ނަތަންޔާހޫގެ އޮފީހުން ބުނީ، ނަތަންޔާހޫ މަރުވެއްޖެ ކަމަށްބުނެ ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށާއި، އޭނާ ސަލާމަތުން އެބަހުރި ކަމަށެވެ.

އެހެން ބުނެފައިވަނިކޮށް ދެން ފެނިގެންދިޔައީ އިސްރާއީލުގެ ރައީސް، ހަނގުރާމައިގައި ލިބުނު ގެއްލުންތައް ބަލަންގޮސް ނޫސްވެރިންނަށް މައުލޫމާތު ދިން ތަނެވެ. މިކަމާ ގުޅިގެންވެސް ޝައްކުތައް އިތުރުވާން ފެށިއެވެ.

އޭގެފަހުން ފެނުނީ، ތެލް އަވީވްގައި ހުރި ކޮފީ ޝޮޕަކަށް ނަތަންޔާހޫ ގޯސް ކޮފީ ނަގައިގެން ހުރެ ވާހަކަ ދައްކާ ވީޑިއޯއެކެވެ. ކޮފީ ކޯވަރެއް ބުއިމަށްފަހު އަތުގެ އިނގިލިތައް ދައްކައި، ކުރީގެ ވީޑިއޯއާ ގުޅިގެން ފަތުރަމުންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއްކަން ސާބިތުކޮށްދޭން ނަތަންޔާހޫ މަސައްކަތް ކުރިއެވެ. ނަމަވެސް، އިސާހިތަކު އެއީވެސް ފޭކް ވީޑިއޯއެއްކަން ސާބިތުކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާން ފެށިއެވެ. އެ ވީޑިއޯއަކީ 2024 ވަނަ އަހަރު ނަތަންޔާހޫ، ހިފާފައިވާ އިރުމަތީ ގުދުސްގެ ކޮފީ ޝޮޕަކަށް ދިޔަދުވަހު ނަގާފައިވާ ވީޑިއޯއެއް ބޭނުންކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއްކަން އަނެއްކާވެސް ދުނިޔެއަށް ހާމަވެގެން ދިޔައެވެ.

ދުނިޔެ، ނަތަންޔަހޫ “މަރާލައިގެން” އުޅޭތީ އިސްރާއީލު މީހުންނަށާއި، އަދި އެމެރިކާ މީހުންނަށްވެސް އެއީ ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. އެހެންވެ، ނަތަންޔާހޫ “ދިރިހުރިކަން” ސާބިތުކޮށްދޭން ޑްރާމާ ކުޅުނީ އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ޒަޔަނިސްޓް އެމްބަސެޑަރ މައިކް ހަކަބީއާ އެކުގައެވެ. އޭނާ ނަތަންޔާހޫއާ “ބައްދަލުކުރީ” އޭނާ ދުނިޔޭގައި ހުރިކަން ބަލައިދޭން ބަޔަކު އެދިގެން ކަމަށާއި، އެކަން ޔަގީން ކުރުމަށް ކަމަށް ބުނެ މަލާމާތުގެ ޒާތަކަށް ހަކަބީ ވާހަކަ ދައްކައެވެ. ނަތަންޔާހޫވެސް ވާހަކަ ދައްކައެވެ. އޭނާ މަރުނުވާ ކަމަށް ބުނެއެވެ. ދުނިޔޭގައި އެބަހުރި ކަމަށް ބުނެއެވެ.

އެކަމަކު، ނަތަންޔާހޫއާއި ހަކަބީގެ ވީޑިއޯއަކީވެސް ފޭކް ވީޑިއޯއެއްކަން ސާބިތުކޮށްދޭން އެތައް ހެކިތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އެބަ ގެންދެއެވެ. މިއީ، އަށެއްކަ ގަޑިއިރުގެ ތެރޭގައި ދެތިން ތަނަކަށްގޮސް ނަތަންޔާހޫ ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް އާންމު ކުރަންފެށި ވާހަކަ އައި ހިސާބެވެ. ފުރަތަމަ ހަކަބީއެވެ. ދެން ފެނުނީ އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ރިޔާސަތުގައި ނަތަންޔާހޫ އިންނަ ތަނެވެ. އީރާނުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ކުރިން ރިޕޯޓް ކޮށްފައިވާ ބައެއް މީހުންވެސް އެތަނުން ފެނެއެވެ.

އަނެއްކާވެސް އޭނާ ދުނިޔޭގައި އެބަހުރިކަން ސާބިތު ކޮށްދޭން ނަތަންޔާހޫ ވަނީ، އަލީ ލަރިޖާނީ އަވަހާރަ ކޮށްލާފައިވާކަންވެސް ހާމަކޮށްފައެވެ. އީރާނުގެ ވެރިކަން ބަދަލުކުރާނޭ ކަމަށާއި، ހަމަލާތައް ވަރުގަދަކޮށް އިސްރާއީލުން އީރާނު ބަލިކުރާނޭ ކަމަށްވެސް ނަތަންޔަހޫ ވައުދުވެއެވެ.

އެހެންނަމަވެސް، މިއީވެސް ކުރީގެ ބައްދަލުވުމެއްގެ ވީޑިއޯ ބޭނުންކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއް ކަމަށް ބުނެ ވާހަކަތައް ފެތުރޭން ފަށައިފިއެވެ. އެއީ ފޭކް ވީޑިއޯއެއްކަމުގެ އެތައް ހެކިތަކެއްވެސް ދައުރުވާން ފަށައިފިއެވެ.

އިސްރާއީލުން ކިތަންމެ ފޮރުވާން އުޅުނަސް، އެނގި ކަށަވަރުވެފައިވާ ކަމަކީ، ނަތަންޔާހޫ ދުނިޔޭގައި ހުއްޓަސް، އީރާނުން ރައްދު ހަމަލާތައް މަޑުޖައްސާލާ ދުވާލުގެ ގަޑިތަކުގައި ނަތަންޔާހޫއަށް އޭނާ ފިލާހުރި ބަންކަރުން ނުކުމެ މަގުމައްޗަށް ނުކުންނަން ނުކެރޭނެ ކަމެވެ. އަމުދުން ކޮފީ ޝޮޕަކަށްގޮސް ކޮފީ ބޯން ހުންނަން އޭނާއަށް ނުކެރޭނެއެވެ. ނަތަންޔާހޫގެ ކެބިނެޓް މިނިސްޓަރަކުންވެސް މަގެއްމައްޗަށް ނުނިކުމެއެވެ. އީރާނުން ރައްދު ހަމަލާތައް ދެން ފެށުމުން ތިބީ ބިމުއަޑީގައި ފިލާ ބޮނދައެވެ.

އީރާނުން ސީދާ އިސްރާއީލުގެ ވެރިންނަށް އަމާޒުކޮށް ދީފައިވާ އަދި ދެމުންގެންދާ ހަމަލާތަކުން ސަލާމަތް ނުވެވި އިސްރާއީލުގެ އެތައް ވެރީން މަރުވެފައިވާކަން އީރާނުން ކަށަވަރު ކަމާއެކު ބުނެއެވެ. އެފަދަ ވެރީންގެ ނަންތައްވެސް ހާމަކުރަމުން ގެންދެއެވެ.

އީރާނުން ނަން ހާމަކުރި އެއްވެސް ވެރިޔަކު، އިސްރާއީލުގެ އާންމު އެއްވެސް ތާކުން ނުފެނެއެވެ. ކަމެއްގައި ވާހަކަ ދައްކާތީއެއްވެސް ނުފެނެއެވެ. ނަތަންޔާހޫވެސް ނުފެނެއެވެ. މާޗްމަހުގެ 11 ވަނަ ދުވަހުގެ ހަމަލާއަކީ ސީދާ އަމާޒަށް ވާސިލްވި ހަމަލާއެކެވެ.

މޮސާދުގެ މީހުން އުޅެނީ ނަތަންޔާހޫ ދުނިޔޭގައި ހުރިކަން ސާބިތުކޮށްދޭން އޭއައި ވީޑިއޯތައް ނެރުމުގައި އަވަދިނެތިއެވެ. ވީޑިއޯ  ނެރޭ ވަރަކަށް ފަޟީހަތްވަނީއެވެ.

އިސްރާއީލުގައި މިހާރު ވެރިކަމެއް އޮތިއްޔާ އެ ވެރިކަމުގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކާއި، ދުނިޔޭގައި ތިބި އަސްކަރިއްޔާގެ ވެރިންގެ މޫނުމަތިން ފެންނަ މާޔޫސްކަމުން ދައްކުވައިދެނީ އެހެން މަންޒަރެކެވެ. ހަނގުރާމައިގެ ތެރޭގައި އެހެންޏާ އިރުއިރުކޮޅާ އިސްރާއީލަށްގޮސް “ސާބަހޭ ސާބަހޭ” ގޮވައި ހިތްވަރުދޭ އެމެރިކާގެ އެއްވެސް ވެރިޔަކު އަދި އިސްރާއީލަކަށް ނުދެއެވެ. ދާން ރޭވި މީހުންވެސް ދަތުރު ކެންސަލްކުރީއެވެ.

އެންމެ ޚާއްސަ ކަމަކީ، ނަތަންޔާހޫ މަރާލައިފި ކަމަށް އީރާނުން ބުނިދުވަހު އެމެރިކާގެ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމަށް ހަނގުރާމައިގެ ބޮޑުން ކުއްލިއަކަށް ޖަމާވެ އެތައް ގަޑިއިރަކަށް އެތަނުގައި ހިނގައިދިޔަ ކަންތަކެވެ. ވީގޮތެއް އެނގެނީ އެތަނުގައި ތިބި މީހުންނަށެވެ.

ފަލަސްތީނު މީހުން މަރަމުންދިޔަ އިސްތިއުމާރީ ބާރުގެ ކުރީގެ ބޮޑުވަޒީރު ބޮޑު ޖައްލާދު އޭރިއަލް ޝެރޯން މަރުވުމުންވެސް، އޭނާ މަރުނުވާ ކަމަށް ހަދައިގެން އަށެއްކަ އަހަރުވަންދެން ޝެރޯންގެ ހަށިގަނޑު އިސްރާއީލުން ގެންގުޅުނެވެ. އެވަރު ބަޔަކު ނަތަންޔާހޫ މަރުވި ވާހަކަ އެހާ ފަސޭހައިން ބުނާނެހެއްޔެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ