ސައުދީން ކިތަންމެ އިންޒާރެއްދިނަސް އީރާން މިވަގުތު އޮތީ އެއްވެސް ބަޔަކު ބުނާބަހެއް އަހާ މޫޑެއްގައެއްނޫން

ޚަބަރު ފަހުގެ ދުނިޔެ

ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު އެތައް އަހަރެއް ވަންދެން އޮތް ދުޝްމަން ކަމާއި، ދެކޮޅުވެރިކަމާއި، ނަފްރަތާއި ހަސަދަވެރިކަން ނިމުމަކަށް ގެނެސް، ދެގައުމު ސުލްހަވީ ދާދި ފަހުންނެވެ. ދެގައުމު އެއްގަލަކަށް އެރުވުމުގެ މެދުވެރިއަކަށްވީ ޗައިނާއެވެ.

އިސްލާމީ އުންމަތުގެ ވަރުގަދަ ދެ ބާރު ކަމުގައިވާ ސައުދީ އަރަބިއްޔާއާއި އީރާނު، ކުރިން އޮތް ރުޅިވެރިކަން އެއްފަރާތްކޮށް އެއްގަލަކަށް އަރައި، އެކުވެރިވެ އަލުން ގުޅުން ގާއިމްކުރުމުން މުސްލިމުން އެކަމާ އުފާކުރިއެވެ. ދުޝްމަނުން އެކަމާ ހިތާމަކުރިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސައުދީ އަރަބިއްޔާއާއި އީރާނު އަލުން ގުޅުން ގާއިމްކުރުމުން އެމެރިކާއާއި ހުޅަނގުގެ ބައެއް ވެރިން އެކަމާ ސުވާލު އުފެއްދިއެވެ. ހުޅަނގުގެ ބައެއް މުހައްލިލުން ސައުދީ އަރަބިއްޔާގެ މަގްސަދާމެދު ސުވާލު އުފެއްދިއެވެ. ނަމަވެސް، އެކަމާ ގުޅިގެން ދުނިޔޭގައި ފެތުރު ވާހަކަތަކަށް ސައުދީ އަރަބިއްޔާއިން އަދި އީރާނުންވެސް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

ތުންތުންމަތިން ފެތުރޭ ވާހަކަތައް ބުނާގޮތުގައި، ސައުދީ އަރަބިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން ގޮސްފައިވަނީ، ހުރިހާގޮތަކުންވެސް ސަރަހައްދުގެ ވަރުގަދަ ބާރަށް ވުމަށެވެ. ނަމަވެސް، އެކަމަށް އޮތް ހުރަހަކީ އީރާނު ކަމަށް ވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށާއި، ނިއުކްލިއަރ ބޮން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ. އީރާނަށް ދަތިކޮށް އީރާނު އިނދަޖައްސާލަން އދގެ ތެރެއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަނީ އެހެންވެގެންނެވެ. އީރާނުން އަބަދުވެސް ބުނަމުން ގެންދަނީ އެގައުމުން މަސައްކަތް ކުރަމުންދަނީ މަދަނީ ބޭނުމަށް ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ކަމަށެވެ. ނިއުކްލިއަރ އިންޖީނުގެއެއް ގާއިމްކުރުމަށް ކަމަށެވެ.

އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ލިބިގެންވާ ހައްގެކެވެ. ގައުމުތަކުގައި ނިއުކްލިއަރ އިންޖީނުގެ ހިންގަނީ ތެލަށް ބަރޯސާނުވެ އަގުހެޔޮކޮށް ކަރަންޓް އުފެއްދުމަށެވެ. އީރާނުން އެކަމަށް މަސައްކަތް ކުރަމުންދިއުމާއި، އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުތަކާއެކު، އީރާނާ ކުރިމަތިލުމަށް ސައުދީ އަރަބިއްޔާއިންވެސް ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ހޯދުމަށް މަސައްކަތް ފެށި ޚަބަރުތައް އެއްދުވަސްވަރެއްގައި ފެތުރިގެން ދިޔައެވެ. އެއީ، ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ހޯދައި އީރާނު ސައުދީގެ މައްޗަށް ގަދަވެގެންފާނެތީއެވެ. އަދި ނިއުކްލިއަރ އިންޖީނުގެ ހެދުމަށްވެސް ސައުދީ އަރަބިއްޔާއިން ހުޅަނގުގެ ގައުމަކާ ޑީލެހެދި ޚަބަރު ފެތުރިގެންދިޔައެވެ.

އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ޚިޔާލު ތަފާތުވާ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ، ހައްޖުގެ އަޅުކަމުގެ މައްސަލައެވެ. ހައްޖުގެ އަޅުކަމުގެ ކަންކަން އިންތިޒާމު ކުރުމުގައި ސައުދީ އަރަބިއްޔާއަށް އެކަނި ހުރިހާ ބާރުތަކެއް އޮތުމުގެ ބަދަލުގައި އިސްލަމީ ގައުމުތައް ތަމްސީލުކުރާ ކައުންސިލަކުން ނުވަތަ އިދާރާއަކުން އެކަން ކުރަން އީރާނުން އަބަދުވެސް ވަކާލާތު ކުރެއެވެ. މިކަހަލަ ބައިވަރު މައްސަލަތައް ދެގައުމުގެ ދެމެދުގައި އޮވެއެވެ.

އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން އީރާނާއި ސައުދީގެ ގުޅުން އަނެއްކާވެސް މިވަނީ ނުރައްކާތެރި ފައްތަރަކަށް ގޮސްފައެވެ.

އީރާނުން ވައުދުވީ ފަދައިން، އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެމެރިކާގެ އަސްކަރީ ބޭސްތައް ސައުދީގައިވެސް އޮވެއެވެ.

އީރާނުން އަވަށްޓެރި ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް އައު ފިޔަވައްސަކަށް ފުޅާވެގެންދިޔައީ، އީރާނުގެ ގޭހާއި ތެލާ ގުޅުންހުރި ތަންތަނަށް ހަމަލާ އަންނަ ގައުމުތަކުގެ އެފަދަ ތަންތަނަށް އީރާނުން ހަމަލާތައް ދޭން ފެށުމުންނެވެ. އީރާނުގެ އެންމެ ވަރުގަދަ ރައްދު ހަމަލާތައް ރޭގައި ދީފައިވަނީ ސައުދީ އަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާ ތަކަށެވެ. ދެ ކާރުޚާނާއެއް ގޮއްވާލިއެވެ.

އީރާނުން މި ހަމަލާދިނީ، އީރާނުގެ އެންމެބޮޑު ސައުތު ޕާރސް ގޭސްދަނޑަށް އިސްރާއީލުން އިއްޔެ ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެގޮތުންނެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، އީސްޓަން ޕްރޮވިންސްއަށްވެސް އީރާނުން ޑްރޯންއާއި ބެލިސްޓިކް މިސައިލުން ހަމަލާތައް ދީފައި ވެއެވެ.

މިކަމާ ގުޅިގެން ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާވަނީ އީރާނަށް ވަރުގަދަ އިންޒާރުތަކެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އީރާނު ހުއްޓުވަން ޖެހިދާނޭ ކަމަށާއި، ސައުދީ އަރަބިއްޔާގައި އެ ގާބިލްކަން އެބަހުރި ކަމަށެވެ. އެކަމަކުވެސް ޑިޕްލޮމަސީއަށްވެސް ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާ ހިމެނޭހެން އީރާނުން ގަލްފްގެ ގައުމުތަކަށް ރައްދު ހަމަލާތައް ދެމުންގެންދާތާ މިއަދަށް 20 ދުވަހަކަށް ލައިގެންފައި ވާއިރު، ހަމަލާތައް ދިނުމުގައި އެމެރިކާ އަދި އިސްރާއީލަށް ވުރެންވެސް އީރާނު ފެންނަނީ ވަރުގަދަކޮށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަމިއްލަ ފަސްގަނޑުގައި އެކަނި ތިބެގެން ދުޝްމަނުންގެ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަދި ދުޝްމަނުން ދެމުންގެންދާ ހަމަލާތަކުން އީރާނު ދިފާއުކުރުމުގެ ވަރުގަދަ މަސައްކަތްވެސް އީރާނު އަސްކަރިއްޔާއާއި، އީރާނުގެ އިންގިލާބީ ލަޝްކަރުން ގެންދަނީ ކުރަމުންނެވެ.

އީރާނުގެ ބާރު މުޅި ދުނިޔެއަށް ވަނީ ފެނިގެން ގޮސްފައެވެ. އީރާނު މިވަގުތު އޮތީ ހަނގުރާމައެއްގެ ތެރޭގައެވެ. އެއީ، މުޖުރިމު އެމެރިކާއާއި ޒަޔަނިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި އީރާނު ކުރީގައި އުޅޭއިރު، ސައުދީއާއި އަދި ގަލްފްގެ ގައުމުތަކުގައި ހުރި ދުޝްމަނުންގެ ތަންތަނަށް ހަމަލާނުދީ އީރާނު ހުއްޓާލާނެ ކަމަށް ނުބެލެވޭ ކަމަށް، މުހައްލިލުން ބުނެއެވެ. ސައުދީ އަރަބިއްޔާ ބުންޏަސް އީރާނު އެކަން ނުކުރާނެ ކަމަށް ބުނެއެވެ. އީރާނު އޮތީ މިވަގުތު ފުރިހަމަ ބާރުގައި ކަމަށާއި، ހަމަލާތައް ހުއްޓާލާނީ އީރާނު ބޭނުންވެގެން ކަމަށްވެސް މުހައްލިލުން ބުނެއެވެ. އީރާނުން ތަކުރާރުކޮށް ބުނެފައިވަނީވެސް އެހެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ