އީރާނަށް ވުރެންވެސް ބޮޑަށް އިސްރާއީލު ބިރުގަންނަނީ ހިޒްބުﷲ ދެކެ، ކީއްވެ؟

ޚަބަރު ފަހުގެ ދުނިޔެ

އީރާނަށް ވުރެންވެސް ބޮޑަށް އިސްރާއީލު ބިރުގަންނަނީ ލުބުނާނުގެ ހިޒްބުﷲ ދެކެ ކަމަށް، އެތައް ބަޔަކު ވާހަކަ ދައްކައެވެ. އެ ވާހަކަ ދައްކަނީ، ފެންނަ މަންޒަރުތަކާއި، އިސްރާއީލުގެ އަމަލުތައް ހުންނަ ގޮތުންނެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް އުދުވާނީ ހަމަލާތައް ދޭން ފެށުމުން، އީރާނުން ގެންދަނީ މުޅި އިސްރާއީލަށް ޒާތްޒާތުގެ ބާރުގަދަ މިސައިލާއި، ހަމަލާދޭ ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި، އިސްރާއީލުގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ތެލް އަވީވް މިހާރު ގާތްގަނޑަކަށް ސުންނާފަތި ވެފައިވާއިރު، އިސްރާއީލުގެ އިގްތިސާދުގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ހައިފާގައި ހުރި ސިނާއީ އެތައް ތަނެއް އީރާނުންވަނީ ގޮއްވާލާފައެވެ. އީލާތަށްވެސް އެހާވަރު ކޮށްލާފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނުވިތާކަށް، އިސްރާއީލުން މިހާރު ވެރިރަށަށް ހަދައިގެންއުޅޭ ގުދުސްގެ ސަރަހައްދުތަކަށާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ އިސްރާއީލު އަސްކަރިއްޔާގެ ތަންތަނަށްވެސް އީރާނުގެ ހަމަލާތައް އަމާޒުކުރަމުން ގެންދެއެވެ.

އީރާނުގެ ހަމަލާތަކުގައި އިސްތިއުމާރީ ސަރުކާރުގެ އެތައް ވެރީންނާއި، އަސްކަރިއްޔާގެ އެތައް ވެރީންނާއި، ޖާސޫސީ އިދާރާތަކުގެ އެތައްބަޔަކު މަރާލައި، ސަރުކާރުގެ މުހިންމު އެތައް އިމާރާތަކާއި، އަސްކަރީ، ޖާސޫސީ މައި އިދާރާތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، މަގުތައް ގޮއްވައި ހަލާކުކުރަމުން ގެންދާއިރުވެސް، އިސްރާއީލު އަސްކަރިއްޔާގެ މައިގަނޑު ފޯކަސް ހުރީ އީރާނުގެ ބަދަލުގައި ލުބުނާނަށެވެ.

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދިއުމާއި، އެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބި، ހުރިހާ ވެރިންނާއި ރައްޔިތުން ބިންގަރާސްތަކުގައި ފިލާ ތިއްބައި، ލުބުނާނުގެ ހިޒްބުﷲ އަލުން ހަނގުރާމައިގެ މައިދާނަށް ނުކުމެ އިސްރާއީލަށް ހަމަލާދޭން ފެށުން ވެގެންދިޔައީ އިސްރާއީލުގެ އަސްކަރިއްޔާ ވެރިން އިތުރަށް ބޯގޮވި ކަމަކަށެވެ. ސަބަބަކީ، ހިޒްބުﷲއިން ދޭންފެށި ހަމަލާތައް ވަރުގަދަ ކަމުންނެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު 2024 ވަނަ އަހަރު ހެދި އެއްބަސްވުމަށްފަހު ހިޒްބުﷲއިން އިސްރާއީލުގެ ތެރެއަކަށް ހަމަލާއެއް ނުދެއެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް ހިޒްބުﷲ، ލުބުނާނުގެ ދެކުނުން އިތުރަށް ފަހަތަށްޖެހި، ހިޒްބުﷲގެ އަޑުވެސް ގާތްގަނޑަކަށް ކެނޑިގެންދިޔައެވެ. އެކަމާ އެކުވެސް އިސްރާއީލުން ގެންދިޔައީ ކެނޑިނޭޅި ލުބުނާނުގެ ދެކުނަށާއި، ވެރިރަށް ބެއިރޫތުގެ ރަށްބޭރުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައްދީ، އާންމުން މަރައި، ގެތަކާއި އިމާރާތްތަކާއި، އަވަށްތައް ހަލާކުކުރަމުންނެވެ. ލުބުނާނުގެ ދެކުނަށް އެމީހުން އަރާތިބި ބިންތަކުންވެސް ނުފޭބިއެވެ.

އިސްރާއީލުން އެއްބަސްވުމާ ޚިލާފްވެ، ހުއްޓާނުލާ ލުބުނާނަށް ހަމަލާދެމުން ދިޔައިރުވެސް، ހިޒްބުﷲއާއި އިސްރާއީލުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ހަދަން ޕްރެޝަރކުރި އެއްވެސް ގައުމަކުން އިސްރާއީލުގެ ހަމަލަތައް ހުއްޓުވާކަށް އެއްވެސްކަމެއް ނުކުރެއެވެ. އެމީހުން ލުބުނާނުން ބާލަންވެސް ކަމެއް ނުކުރެއެވެ. ބެލެވޭގޮތުގައި ހިޒްބުﷲ އޮތީ އަލުން ހަމަލާތައް ދޭން ފަށާނެ ފުރުސަތަކަށް ބަލަބަލައެވެ.

ހިޒްބުﷲ މިފަހަރު އިސްރާއީލަށް ހަމަލާތައް ދޭން ފެށިއިރު، ކުރިން ނުފެންނަ އެތައް ހަތިޔާރެއް ބޭނުން ކުރަމުން ގެންދެއެވެ. ދުރުރާސްތާ މިސައިލްވެސް ބޭނުންކުރެއެވެ. ކުރިން އިސްރާއީލުގެ އުތުރަށް އެކަނި ހަމަލާދިން ނަމަވެސް، މިފަހަރު ހިޒްބުﷲއިން ގެންދަނީ އިސްރާއީލުގެ މެދުތެރެއިން ތެލް އަވީވަށްވެސް މިސައިލް ހަމަލާތައް ދެމުންނެވެ. ތެލް އަވީވް ބިމާހަމަ ކުރަމުން ގެންދަނީ އީރާނާއި ހިޒްބުﷲ ގުޅިގެންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިން ބުނަނީ، އިސްރާއީލާއެކު އެއްބަސްވުން ހެދުމަށްފަހު ހިޒްބުﷲ ތައްޔާރުވީ އިހުނަށްވުރެ ވަރުގަދަކޮށް އެނބުރި އައުމަށް ކަމަށެވެ. އެމީހުން ހަތިޔާރު ހޯދައި، ތަމްރީނުތައް ހަދައި، ޕްލޭންތައް ހެދީ ކަމަށެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ސްޓާފްގެ ފޯކަސް އީރާނުގެ ބަދަލުގައި ލުބުނާނަށް ހުއްޓުނީ އެހެންވެގެންނެވެ. ލުބުނާނުގެ ތެރޭގައި ތިބި ސިފައިންނަށް އެމީހުން އެންގީ، އިތުރަށް ކުރިއަށްޖެހި ލުބުނާނުގެ އިތުރު އަވަށްތައް ހިފުމަށެވެ. އިތުރު އަވަށްތައް ހިފަންވެގެން އެ އަވަށްތަކުން އާންމުން ނުކުންނަން އަމުރު ކުރިއެވެ. އަދި ވައިގެ ހަމަލާތައްވެސް ދިނެވެ.

އެކަމަކު، ހިޒްބުﷲ މުޖާހިދުން ވަރަށް ވަރުގަދަ ހަމަލާތަކެއްދީ، އިސްތިއުމާރީ ސިފައިން ކުރިއަށްޖެހުން ހުއްޓުވިއެވެ. އިސްތިއުމާރީ ސިފައިން ގާއިމްކޮށްފައިވާ އަސްކަރީ ބޭސް އަލުން ބޭނުން ނުކުރެވޭ ވަރަށް ގޮއްވައި ހަލާކު ކޮށްލިއެވެ. އަސްކަރީ ޕޯސްޓްތަކާއި، އެތައް ޓޭންކެއް ގޮއްވާލިއެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ އެތައް ސިފައިން މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވިއެވެ.

އެއްގަމުން އަރާތިބި ސިފައިން އިތުރަށް ކުރިއަށް ނުދެވިގެން ދެން އުޅުނީ ސޫރިޔާ ތެރެއިން ލުބުނާނަށް ވަދެގަތުމަށެވެ. އެއްބަޔަކު އެއްގަމުމަގުން ވަދެގަންނަން އުޅުނުއިރު އަނެއްބައި ސިފައިން މަސައްކަތް ކުރީ ވައިކުޑައިގައި ފޭބުމަށެވެ. ހިޒްބުﷲ މުޖާހިދުން ދުރާލާ ތައްޔާރުވެ ތިބިކަން އެނގުނީ، ދުޝްމަނުން ވަށާލައި ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކުންނެވެ. މުޖާހިދުން ތިބީ ދަންތުރަ ޖަހައިގެންނެވެ. ހިޒްބުﷲއިން ހަމަލާދީ ބޮޑެތި ގެއްލުންތައް ދިނުމުން ސިފައިން ސަލާމަތްކުރަން އައި ހެލިކޮޕްޓަރުތަކަށްވެސް ހިޒްބުﷲއިން ހަމަލާދީ އެމީހުން ސިއްސުވާލިއެވެ. އެތައްބަޔަކު މަރާލިއެވެ.

ލުބުނާނު – އިސްރާއީލު ވަކިކުރާ ބޯޑަރުގައި ހިޒްބުﷲއިންވަނީ އިސްތިއުމާރީ ސިފައިން ބަލިކޮށްފައެވެ.

މީގެއިތުރުން، އިސްރާއީލުގެ އުތުރުގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އިސްރާއީލު އަސްކަރިއްޔާގެ އެންމެ މުހިންމު ތަންތަން ހިޒްބުﷲގެ ހަމަލާތަކުގައިވަނީ ހަލާކުކޮށްލާފައެވެ. އޭގެ ތެރޭގައި މުއާސަލާތީ ސެންޓަރުތަކާއި، އަސްކަރީ އެތައް ޕޯސްޓެއް ހިމެނެއެވެ. އަދި ސިފައިން ޖަމާވެފައި ތިބި އެތައް ތަނަކަށް ހިޒްބުﷲއިން ހަމަލާދީ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރާލާފައިވާ ކަމަށްވެސް ހިޒްބުﷲއިން ހާމަކުރެއެވެ.

ހިޒްބުﷲ ނުހުއްޓުވިގެން އިސްތިއުމާރީ ބާރުން މިހާރު ކުރަމުންދާ ކަމަކީ، މުޅި ލުބުނާނަށް ބޮންއެޅުމެވެ. އާންމުންގެ ބޮލަށް ބޮންއެޅުމަކީ އެމެރިކާއާއި އިސްތިއުމާރީ ބާރަށްވެސް އެންމެ މޮޅަށް ކުރަން އެނގޭ ކަންތަކެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެކި ހިސާބުތަކަށާއި، ލުބުނާނުގެ އެކި ރަށްތަކަށް އިސްރާއީލުން ބޮންއަޅައި އާންމުން މަރަމުން އެބަ ގެންދެއެވެ. އެމެރިކާ ސިފައިން އީރާނުގެ އާންމުންގެ ބޮލަށް ބޮންއަޅަމުން އެބަ ގެންދެއެވެ.

އެމެރިކާ ސިފައިން އީރާނަށް ބޮންއަޅަމުން ގެންދާއިރު، އިސްރާއީލުވެސް ދޭތެރެއަކުން ގޮސް އީރާނަށް ވަރުގަދައަށް ބޮންއަޅާލައެވެ. އެކަމަކު، އިސްރާއީލު ސިފައިން މިހާރު ގިނަ ހަމަލާތައް ދެމުންގެންދަނީ ލުބުނާނަށެވެ. އެއީ، ހިޒްބުﷲ އަތްދަށުވެދާނެތީއެވެ. ހިޒްބުﷲ އެއްގަމުމަގުން އިސްރާއީލަށް އަރަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރިފައިވާތީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ