އިސްރާއީލުގެ ދެކުނުގެ ޑިމޯނާ ސިޓީއަކީ އިސްރާއީލުގެ ނިއުކްލިއަރ ރިއެކްޓަރު ނުވަތަ ނިއުކްލިއަރ އިންޖީނުގެ ހުންނަ ސިޓީއެވެ. އެއީ، އިސްރާއީލުން ވަރަށް ބޮޑަށް ރައްކާތެރިކޮށްގެން ހިމާޔަތްކޮށްގެން ބަލަހައްޓާ ސިޓީއެކެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަރަށް ބޮޑަށް ފާރަވެރިވެގެން ތިބޭ ސިޓީއެކެވެ. އޭގެ ސަބަބުވެސް ވަރަށް ސާފެވެ.
އިސްރާއީލުން އެއްބަސްނުވި ނަމަވެސް، އިސްރާއީލުން ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމާއި، ނިއުކްލިއަރ ހަތިޔާރު ފޮރުވައިގެން ގެންގުޅޭ ސިޓީއަކީ ޑިމޯނާކަން އެންމެނަށްވެސް އެނގެއެވެ. ނިއުކްލިއަރ ދިރާސާތައް ކުރާ ތަނަކީ އެއީކަންވެސް އެނގެއެވެ. އެ ސިޓީ އެހާ ބޮޑަށް ހިމާޔަތް ކޮށްގެން އުޅެނީ އެހެންވެގެންކަންވެސް އެނގެއެވެ.
އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އިސްރާއީލުން ހަމަލާ ދީފިނަމަ، އިސްރާއީލުގެ ޑިމޯނާއަށް ހަމަލާ ދޭންޖެހިދާނޭ ކަމަށް އީރާނުން ކުރިންވެސް ގެންދިޔައީ އިންޒާރު ދެމުންނެވެ. ކަންވީވެސް އެހެންނެވެ.
އީރާނުގެ ނަޓާންޒް ނިއުކްލިއަރ ފެސިޓީއަށް އެމެރިކާއާއި އިސްރާއީލުން ހޮނިހިރު ދުވަހު ދިން އުދުވާނީ ހަމަލާތަކަށްފަހު އީރާނުންވަނީ ޑިމޯނާ ސިޓީއަށް ވަރުގަދަ މިސައިލް ހަމަލާއެއް ދީފައެވެ. އީރާނުގެ ހަމަލާއެއް، އިސްރާއީލުގެ ނިއުކްލިއަރ ފެސިލިޓީއަށް ސީދާ އަމާޒުވި ކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް، އެ ސަރަހައްދުގެ އެތައް އިމާރާތެއް ވެއްޓި، ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިކަން އިސްރާއީލު މީޑިއާއިން ރިޕޯޓް ކުރެއެވެ.
އީރާނުގެ މިސައިލް ހުއްޓުވަން އިސްރާއީލުން އަޔަން ޑޯމްވެސް އެކްޓިވޭޓް ކުރިއެވެ. ނަމަވެސް، އީރާނުގެ މިސައިލް ހުއްޓުވުމުގައި އަޔަން ޑޯމްވެސް ފެއިލްވީއެވެ. މިސައިލް ސީދާ ގޮސް ޖެހުނީ އަމާޒުފަށްގަނޑުގައެވެ.
އީރާނުން ޑިމޯނާއަށް ދިން ހަމަލާ އާންމު ތަންތަނަށް އަމާޒުވި ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކުރި ނަމަވެސް، އެ ހިސާބުގައި މުޅިންވެސް ދިރިއުޅެނީ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިންނާއި، އެމީހުންގެ އާއިލާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މިސައިލް ހަމަލާގައި ވެއްޓުނު އެއް އިމާރާތަކީ އިސްރާއީލުގެ އަސްކަރީ ވެރިންގެ ސާޅީހަކަށް މީހުން ސިއްރު ބައްދަލުވުމެއް ބާއްވަމުންދިޔަ އިމާރާތެއް ކަމަށްވެސް ރިޕޯޓްތައް ފެތުރިފައި ވެއެވެ.
އިސްރާއީލު އިމަޖެންސީ ސަރވިސްއިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ގެންދާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައްބަޔަކު އެބަތިބި ކަމަށާއި، އެތައްބަޔަކު ގެއްލިފައިވާ ކަމަށް، އިސްރާއީލުން ބުނެއެވެ.
ހަމަލާތަކަށްފަހު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ – އައިއާރްޖީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ މިސައިލް ހަމަލާތައް އިސްރާއީލުގެ ދެކުނަށާއި އުތުރުގެ ސިޓީތަކަށްވެސް ދީފައިވާނޭ ކަމަށެވެ. އެގޮތުން، ޑިމޯނާ އާއި އަރަދްގެ އިތުރުން، އީލާތު، ބީރްޝީބާ އަދި ކިރްޔަތު ގަޓްއަށްވެސް ހަމަލާތައް ދީފައިވާނޭ ކަމަށާއި، ހަމަލާތައް ދިނީ އަސްކަރީ ތަންތަނަށާއި، ސެކިއުރިޓީ ސެންޓަރުތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
ޑިމޯނާއަށް އީރާނުން ހަމަލާދިނީ ބަދަލުހިފުމުގެ ގޮތުންނެވެ. އެކަމަކު، އެކަން ވެގެންދިޔައީ އިސްރާއީލު ވަރަށް ބޮޑަށް ހާސްކޮށްލި ކަމަކަށެވެ. ވަރަށް ބޮޑަށް ބިރުގެން ކަމަކަށެވެ. އިސްރާއީލުގެ ވެރިން ތެޅިފޮޅިގަތް ގޮތުން އެކަން ވަރަށް ސާފުކޮށް އެނގެއެވެ.
އިސްރާއީލުގެ ޗެނަލް12 އިން ބުނެފައިވަނީ، ޑިމޯނާއަށް އީރާނުން ދިން ހަމަލާތަކާއެކު އިސްރާއީލުގެ ސަލާމަތީ އަދި އަސްކަރީ ވެރިންގެ މެދުގައި ވަރަށް ފުޅާ ބަހުސްތަކެއް ފެށިފައިވާ ކަމަށެވެ. އަދި އެމެރިކާގެ ކަމާބެހޭ ވެރިންނާވެސް އިސްރާއީލުން ވާހަކަ ދައްކަން ފަށާފައިވާ ކަމަށް އެ ޓީވީން ބުނެފައި ވެއެވެ.
އިސްރާއީލުގެ ސަލާމަތީ އަދި އަސްކަރިއްޔާގެ ވެރިންނާއި، އެމެރިކާގެ ކަމާބެހޭ މީހުންނާ ވާހަކަ ދައްކަން ފަށާފައިވަނީ “ހަނގުރާމަ ނިމުމަކަށް” ގެނެވޭނެ ގޮތްތަކަކާ ގުޅޭގޮތުން ކަމަށްވެސް ޗެނަލް12 އިން ބުނެފައި ވެއެވެ.
ޑިމޯނާގެ އިތުރުން، އިސްރާއީލުގެ ދެކުނުގެ އަރަދުއަށްވެސް އީރާނުންވަނީ މިސައިލް ހަމަލާއެއް ދީފައެވެ. މި ހަމަލާއާއެކު، އަރަދްގެ ބޮޑު ސަރަހައްދެއް ވަނީ ބިމާހަމަވެގެން ގޮސްފައެވެ. އެތައް ބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ޑިމޯނާއަށްވުރެ އެތައްގުނަ ބޮޑެތި ގެއްލުންތައް އަރަދުއަށް ލިބިފައި ވެއެވެ.
އަރަދުއަށް ފޮނުވާލި މިސައިލް ހުއްޓުވަންވެސް އިސްރާއީލުން މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.
ޑިމޯނާއާއި އަރަދުއަށް ހަމަލާދޭން އީރާނުން ފޮނުވާލި ދެ މިސައިލް ހުއްޓުވުމުގައި އިސްރާއީލުގެ އަޔަން ޑޯމް ފެއިލްވުމާއި، ހަމަލާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާހެދި އީރާނުން ބޭނުންކުރި މިސައިލް ބާވަތް ދެނެގަތުމުގެ ބަހުސްވެސް ފެށިފައި ވެއެވެ. ބެލެވޭގޮތުގައި އީރާނުން ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނި އައު ބާވަތެއްގެ މިސައިލެވެ.
އަރަދުއަށް ދިން ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ އަދި ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ޓެރަރިސްޓު ބެން ގްވީރް އޭނާ މިދިޔަ ތިން ހަފްތާގައި ފިލާހުރި ތަނުން ނުކުމެ އަރަދްގައި އުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯތަކެއް ދައުރުވަމުން އެބަދެއެވެ.
އީރާނުގެ ހަމަލާއެއްގައި ބެން ގްވީރް މަރުވެފައިވާ ކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ކުރިން ރިޕޯޓްތައް ފެތުރިފައި ވެއެވެ.
އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ހަނގުރާމަ ހައްތަހާދަނީ ފުޅާވަމުންނެވެ. އެމެރިކާއާއި އިސްރާއީލަކަށް އީރާނު މައިތިރިއެއް ނުކުރެއެވެ. އީރާނުގެ އެއްގަމާއި، ކަނޑާއި ވައިގެ ސިފައިންގެ ގާބިލްކަން އިނދަޖައްސާލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިރުއިރުކޮޅާ ބުނަމުންދާއިރު، އީރާނުގެ ރައްދު ހަމަލާތައް ހައްތަހާދަނީ ވަރުގަދަވަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން މިހާރު ބަލަމުންދަނީ ހަނގުރާމަ ހުއްޓާލައި، މިކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދުމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދާކަށް އީރާނު ބޭނުމެއް ނުވެއެވެ. ސަބަބަކީ، އެގޮތަށް އެއްބަސްވުން ހަދައިގެން ކުރިން ދެފަހަރު އީރާނަށް ލަނޑުދީފައިވާތީއެވެ.
ހަނގުރާމަކޮށްގެން އީރާނު ބަލި ނުކުރެވޭނޭކަން އެމެރިކާއާއި އިސްރާއީލަށް އެނގުމުން މިހާރު އުދުވާނީ ހަމަލާތައް ދެމުންގެންދަނީ ސީދާ މުޅި އީރާނު ސުންނާފަތިކޮށްލުމަށެވެ.



