އީރާނަށް އަސްކަރީ ހަމަލާ ދޭނޭ ކަމަށް ބުނެ އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އެތައް ފަހަރަކު އިންޒާރު ދިނީ، އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ގަޔަށް އީރާނުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރަމުންދާތީ އެކަން ހުއްޓުވަން ކަމަށް ބުނެއެވެ.
އީރާނުގައި ފުރަތަމަ ސުލްހަވެރިކަމާއެކު މުޒާހަރާކުރީ ވިޔަފާރިވެރިންގެ ބައެކެވެ. އެއީ، ތަކެތީގެ އަގުތައް މައްޗަށްދާ ކަމަށްބުނެއެވެ. އެކަމަކު، ދެން ފެނިގެންދިޔައީ މުޒާހަރާގެ ތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ ސަލާމަތީ ބާރުތަކާއި އާންމުންނަށްވެސް ބަޑިން ހަމަލާދީ މަރަން ފެށިތަނެވެ. ތަންތަނުގައި ހުޅުޖަހައި، ވެހިކަލްތަކުގައިވެސް ރޯކުރަން ފެށިތަނެވެ. ސަލާމަތީ ބާރުތައް ބާރުގެ ބޭނުންކުރަން ޖެހުނީ އެހިސާބުންނެވެ.
އޭރުވެސް އީރާނު ތުހުމަތު ކުރަމުންދިޔައީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް ހަތިޔާރުއެޅި މީހުން ފޮނުވައި މަސްރަހް ގޯސްކުރަމުންދަނީ އެމެރިކާގެ ސީއައިއޭއާއި، އިސްރާއީލުގެ މޮސާޑު އަޑީގައި އޮވެގެން ކަމަށެވެ. އެކަންވީވެސް އީރާނު ބުނިގޮތަށެވެ. އެމެރިކާގެ މަޝްހޫރު ނޫހަކުން ކުރި ތަހްގީގަކަށްފަހު ރޭގައި ބުނެފައިވަނީ، އީރާނު ތެރޭގައި ހަމަނުޖެހުން އުފައްދީ އިސްރާއީލު އަޑީގައި އޮވެގެން ކަމަށެވެ. ބޭނުމަކީ، އީރާނުގެ ރައްޔިތުން ރުޅިއަރުވައި، މަގުތަކަށް ނެރެ އީރާނުގެ ސަރުކާރު ވައްޓާލުން ކަމަށެވެ.
މުޒާހަރާ ތެރޭގައި މީހުން މަރައި، ހަމަނުޖެހުން އުފައްދަމުންގެންދިޔަ ކުލީސިފައިން ފާހަގަކޮށް، އެތައްބަޔަކު މަރައި އެތައްބަޔަކު ހައްޔަރުކޮށް، އެމީހުން ހިންގަމުންގެންދިޔަ ޖަރީމާތައް ވީޑިއޯކޮށް އީރާނުގެ ސަލާމަތީ ބާރުތަކުން މުޅި ދުނިޔެއަށް ހާމަކުރިއެވެ.
އެހިސާބުން އެމެރިކާގެ ރައީސް ޓްރަމްޕް، އީރާނަށް އަސްކަރީ ހަމަލާނުދީ މަޑުޖައްސާލިއެވެ. އެފަހުން ތިލަވި ރިޕޯޓްތަކުން އެނގުނުގޮތުގައި، އީރާނަށް ހަމަލާނުދީ ޓްރަމްޕް މަޑުޖައްސަލީ އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލު ބައިވެރިވާތީއާއި، އިސްރާއީލު ފުރިހަމައަށް ތައްޔާރުވާން ވަގުތުދޭން ނަތަންޔާހޫ އެދިގެންނެވެ.
އީރާނަށް ހަމަލާދޭން އެމެރިކާއާއި އިސްރާއީލު ތައްޔާރުވީ އީރާނު ރައްޔިތުން މަރަމުންދާތީއާއި، އީރާނު ރައްޔިތުންނަށް “މިނިވަންކަން” ހޯދައިދިނުމުގެ ނަމުގައެވެ.
އީރާނަށް ހަމަލާދޭން ވަގުތު ކުޑަތަން ވަމުން އަންނަނިކޮށް ދެން ދައްކަންފެށީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ހަމަލާދޭންޖެހޭ ވާހަކައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އައު އެއްބަސްވުމެއް ހަދަންޖެހޭ ވާހަކައެވެ. އުމާން މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ވާހަކަތައް ބާއްވަމުންދިޔައިރު، އެމެރިކާގެ ރައީސް ޓްރަމްޕް ގެންދިޔައީ އިރުއިރުކޮޅާ ހަރުކަށި އައު ޝަރުތުތައް ކުރިމަތި ކުރަމުންނެވެ. އެކަމުގެ ތެރެއަށް އިސްރާއީލު ވަދެ، ދެން ދިޔައީ ވާހަކަތަކުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިމެނުމަށް ޓްރަމްޕަށް ފިއްތަމުންނެވެ. އިސްރާއީލަށް ނުރައްކާ އޮތުމުން ކަމަށް ބުނެއެވެ.
ވާހަކަތައް ނާކާމިޔާބުވީ ކަމަށް އެމެރިކާގެ ރައީސް ކަނޑައަޅައި، އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތައް ފެށީ އޭގެ އެއްދުވަސް ފަހުންނެވެ. އެކަމަކު، ދެކެވުނު ވާހަކަތަކުގެ މައުލޫމާތު ރަނގަޅަށް ދެނަހުރި ފަރާތްތަކުން ފަހުން ބުނެފައިވަނީ، އެމެރިކާއިން ހުށަހެޅި ހުރިހާ ކަމަކަށް އީރާނު ފަހު ވަގުތު އެއްބަސްވި ކަމަށާއި، އެކަމަކު އީރާނަށް ހަމަލާދޭން ޓްރަމްޕް ކުރިންވެސް ނިންމާފައިވާތީ އެކަން ފެށީ ކަމަށެވެ.
ހަމަލާތައް ފަށަން އެމެރިކާއާއި އިސްރާއީލުން ކަނޑައަޅާފައިވާ ވަގުތު ޖެހުނުއިރު ބުނީ އީރާނުގެ ވެރިކަން ބަދަލުކޮށްގެން ނޫނީ، އީރާނުގެ ރައްޔިތުންނަށް މިނިވަންކަމެއް ނެތް ކަމަށާއި، އިސްރާއީލާއި އަދި ސަރަހައްދުގެ ގައުމުތަކަށްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އީރާނުގެ ވެރިކަމުގައި ތިބި މީހުން ތިބެގެން އެކަން ނުވާނޭ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ދިން ފުރަތަމަ ދުވަހު އީރާނުގެ އެތައް ސިޓީއަކަށް ހަމަލާ ދިނެވެ. ތެހެރާނަށް އެކަނިވެސް ތިރީހަކަށް ހަމަލާދިނެވެ. ފުރަތަމަ ދުވަހުގެ ހަމަލާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލިއެވެ. އީރާނުގެ އެހެންވެސް ބައެއް ވެރިން އަވަހާރަކޮށްލިއެވެ.
އެމެރިކާއާއި އިސްރާއީލުން ހީކުރީ ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ، ސަރުކާރު އިންގިލާބު ކޮށްލާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ ހިލަމެއްނުވެ އުޅެނިކޮށް ދެން އިވުނީ އީރާނުގެ ސްކޫލަކަށް އެމެރިކާއިން ބޮންއަޅައި 170 އަށްވުރެ ގިނަ ކުދީންނާއި ބޮޑެތި މީހުން މަރާލި ޚަބަރެވެ. މި ސްކޫލަށް ބޮންއެޅީ ސީދާ އެމެރިކާ ސިފައިންކަން ފަހުން ހާމަވެފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، މާރުކޭޓުތަކަށާއި، އާންމު ތަންތަނަށް އުދުވާނީ އެތައް ހަމަލާއެއްދީ އެތައް އާންމުން މަރަމުން އުންމީދުކުރީ އީރާނު ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމަށެވެ. ޓްރަމްޕް އެކަމަށް އެދި އެތައް ފަހަރަކު ގޮވާލިއެވެ. ނަތަންޔާހޫވެސް، އީރާނުން އޭނާ މަރާލި ޚަބަރުތައް ފެތުރުމުގެކުރިން އީރާނުގެ އާންމުންނަށް މަގުތަކަށް ނުކުތުމަށް އާދޭސްކުރަމުންދިޔައެވެ. ޓްރަމްޕްވެސް އެތައް އާދޭހެއް ކުރިއެވެ. އެމެރިކާއިން އެމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭނޭ ކަމަށްވެސް ގޮވިއެވެ. ނަމަވެސް އީރާނުން ފެނިގެންދިޔައީ ދިމާ އިދިކޮޅު މަންޒަރުތަކެވެ. ރައްޔިތުން ރުޅިއައިސް މަގުތަކަށް ނުކުމެ ގޮވަންފެށީ “އެމެރިކާއަށްފަހު، ޒަޔަނިސްޓުންނަށް މަރު” މިހެންނެވެ. ޕްލޭން އޭ ފެއިލްވީއެވެ.
އެހާތަނަށް ދިޔައިރުވެސް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރަމާ ގުޅުންހުރި އެއްވެސް ތާކަށް އަދި މިސައިލްޕްރޮގްރާމާ ގުޅުންހުރި ތާކަށްވެސް އެމެރިކާއާއި އިސްރާއީލުން ހަމަލާއެއް ދީފައެއް ނުވެއެވެ. އެ ތަންތަނަށް ހަމަލާ ދޭންފެށީ ވެރިކަން ބަދަލުކުރުމުގެ ޕްލޭން ފެއިލްވުމުންނެވެ.
އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްގެ ތަންތަނަށް އުދުވާނީ ހަމަލާތައް ދެމުން ގެންދިޔައިރުވެސް، އީރާނުގެ ހުރިހާ ހިސާބަކަށް ގެންދިޔައީ ބޮންއަޅަމުންނެވެ. އީރާނު ސަރުކާރުގެ ތަނެއް، އީރާނުގެ އާންމުތަނެއް، އާންމުން ދިރިއުޅޭ އިމާރާތެއް، ހޮސްޕިޓަލެއް، ސްކޫލެއް އެހެންތަނެއް ނުބަލައެވެ. މި ހަމަލާތަކުން އެނގުނީ، އެމެރިކާއާއި އިސްރާއީލުގެ މަގްސަދަކީ އީރާނަށް ވިހާވެސް ބޮޑެތި ގެއްލުންތައްދީ، އީރާނު ހިންނުދެމޭވަރު ކޮށްލުން ކަމަށެވެ.
އީރާނުގެ ރޫހީ ލީޑަރާއި، އީރާނުގެ ސަލާމަތާބެހޭ ވެރިޔާއާއި، އީރާނުގެ ޖާސޫސީ ވެރިޔާއާއި، އީރާނު އަސްކަރިއްޔާގެ އެތައް ކޮމާންޑަރުން އަވަހާރަކޮށްލުމަށްފަހު އެމެރިކާއާއި އިސްރާއީލު ދެން ގޮވަމުންދިޔައީ އީރާނު އަމާން ދިނުމަށެވެ. އީރާނުން ހަރުއަޑުން ބުނީ ނޫނެކޭއެވެ. އީރާނު އަދިވެސް ގެންދަނީ ހަނގުރާމައިގެ މައިދާނުގައި ސާބިތުކަމާއެކު ހިފަހައްޓަމުންނެވެ. ދުޝްމަނުންނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ. ދުޝްމަނުންގެ އުދުވާނީ ހަމަލާތަކުން އަމިއްލަ ގައުމު ދިފާއު ކުރުމަށްވެސް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓްރަމްޕް ހީކުރީ އީރާނަށްދިން ފުރަތަމަ ހަމަލާއިން އީރާނު ބަލިވެ އެމެރިކާއަށް ކާމިޔާބީ ލިބޭނޭ ކަމަށެވެ. އެއީ، އީރާނަށް ހަމަލާދޭން ޓްރަމްޕަށް ލަފާދިން ކުދިންކޮޅު ބުނިގޮތް ކަމަށް ޓްރަމްޕް ފަހުން ބުނެފައި ވެއެވެ. އީރާނު އެހާ ވަރުގަދަ ވާނޭކަމަށް ހީނުކުރާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އީރާނު ރައްޔިތުންގެ ހައްގުތަކުގެ ވާހަކައެއް، އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކައެއް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކައެއް، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ވާހަކައެއް އެމެރިކާއިން މިހާރަކު ނުދައްކައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު އުޅެނީ ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވިގެންނެވެ. ޓްރަމްޕް ކުރިން ބުނީ، އެ ކަނޑުއޮޅިއަކީ އެމެރިކާއިން ބޭނުންކުރާ ތަނެއް ނޫން ކަމަށާއި، އެ ކަނޑުއޮޅި ބަންދުކުރިޔަސް އެމެރިކާއަށް ވަރިހަމަ ކަމަށެވެ.
އެހެން ކިޔާފައިވެސް، ފަހުން ބުނީ އެމެރިކާ ސިފައިންގެ އެހީގައި ކަނޑުއޮޅިން ތެޔޮ ޓޭންކަރުތަކަށް ދެވޭނޭ ކަމަށާއި، އީރާނަށް ހަމަލާ ނުދެވޭނޭ ކަމަށެވެ. އީރާނަށް ގޮންޖަހައި ހޮރްމޫޒުން ދަތުރުކުރަން އުޅުނު އެމެރިކާގެ ދެ ތެޔޮ ޓޭންކަރެއް އީރާނުން ގޮއްވާލުމާއެކު އެންމެން ފަހަތަށް ޖެހުނެވެ. އެމެރިކާގެ ކަނޑުގެ ލަޝްކަރުވެސް ފަހަތަށްޖެހުނެވެ.
ޓްރަމްޕް ދެން ގޮވާލީ، ހޮރްމޫޒު ހުޅުވަން އެމެރިކާގެ ބައިވެރިންގެ އެހީއަށެވެ. އެމެރިކާއިން އަސްކަރީގޮތުން ޚަރަދުކުރާ، އަސްކަރީގޮތުން އެހީވާ ގައުމުތަކުގެ އެހީއަށެވެ. ނަމަވެސް، ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ސަރަހައްދުގައި ހުރި އެގައުމުތަކުގެ ތަންތަނަށްވެސް ހަމަލާދޭނޭ ކަމަށް އީރާނުން ކޮށްފައިވާ އިންޒާރުތަކާ ގުޅިގެން އެމެރިކާއާ ބައިވެރިވާން އެއްވެސް ގައުމަކުން ބޭނުމެއް ނުވިއެވެ. ދެން ޓްރަމްޕް ގޮވާލީ އެމެރިކާއިން ބޮޑު ހޭދައެއްކުރާ ނޭޓޯއަށެވެ. ނޭޓޯއިން ބުނީ އެކަމުގެ ތެރެއަށް ވަދެވެން ނެތް ކަމަށެވެ.
އެކަމާ، އެކުވެރި ގައުމުތަކަށް “ހެއްދެވި ނުހެއްދެވިއަށް” ގޮވުމަށްފަހު ޓްރަމްޕް މިހާރު މިވަނީ، އެމެރިކާގެ އިތުރު ދެ ލަޝްކަރު އަރަބި ކަނޑަށް ގެނެސް، އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް ކަމަށްވާ ޚަރްޖް އައިލެންޑް ހިފައި އަދި ހޮރްމޫޒުވެސް އީރާނުގެ ކޮންޓްރޯލުން ނަގައި އެ ކަނޑުއޮޅި ހުޅުވަން ތައްޔާރުވެފައެވެ. އީރާނަށް މުހުލަތު ދީފައެވެ.
އެމެރިކާ ސިފައިންނާއި، އިސްރާއީލު ސިފައިން ވަނީ ހޮރްމޫޒު ކަނޑުއޮޅި ހިފަން ހަމަލާދޭން ތައްޔާރުވެފައެވެ. ފާޅުގައި ހާމަނުކުރި ނަމަވެސް، އީރާނަށްދޭ ހަމަލާގައި އަވަށްޓެރި ބައެއް ގައުމުތައްވެސް ބައިވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އިނގިރޭސީންގެވެސް ބައިވެރިވުން އޮތްކަމަށް ބުނެވެއެވެ. އިނގިރޭސީން ބައިވެރި ނުވެ އެމެރިކާއިން މިހާތަނަށް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ވާހަކަތަކާއި އަމަލުތައް ހުރިގޮތުން އޭނާގެ މިހާރުގެ އަމާޒަކީ އީރާނުގެ ތެޔޮކަން މިވަނީ ހާމަވެގެން ގޮސްފައެވެ. ޚަރްޖް އައިލެންޑް ހިފަން ޕްލޭން ކުރުމުންނެވެ. އޭގެފަހުން ހޮރްމޫޒުގެ ކޮންޓްރޯލްވެސް ނަގައި، އެމެރިކާއަށް މަންފާ ލިބޭގޮތަށް އެތަން ހެދުމަށް ޓްރަމްޕް ބޭނުންވެއެވެ. އެމެރިކާ ސިފައިން އޮޕަރޭޓްކުރާ ތަނެއްގެގޮތުގައި ހޮރްމޫޒް ހެދުމަށްވެސް ބޭނުންވެއެވެ.
އެމެރިކާއަށް “އެހާ މުހިންމުނޫން” އަދި އެމެރިކާއިން ބޭނުން ނުކުރާ ކަނޑުއޮޅިއެއް ހިފަން ޓްރަމްޕް ހަނގުރާމައިގެ ލަޝްކަރު ފޮނުވައިގެން މިއުޅޭ މަގްސަދާ ގުޅޭގޮތުން އެތައް ބަޔަކު ވާހަކަ ދައްކަމުން އެބަ ގެންދެއެވެ. އީރާނަށް ހަމަލާ ދޭންފެށި ހަގީގީ މަގްސަދާ މެދުވެސް މިހާރުވަނީ އެތައް ސުވާލެއް އުފެދިފައެވެ.
އީރާނަށް ހަމަލާދޭން ފެށުމުގައި އެމެރިކާގެ ރައީސްގެ އޮތީ ވަކި މަގްސަދެއް، އަދި އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫގެ އޮތީ ތަފާތު އެހެން މަގްސަދެއްކަން މިވަނީ ހާމަވެގެން ގޮސްފައެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކާއި، ތަޖުރިބާކާރުން މިހާރު ވިދާޅުވަމުން ގެންދަވަނީ ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނުގެ ތެޔޮ ކަމަށެވެ. ނަތަންޔާހޫ ބޭނުންވެގެން އުޅެނީ “ގްރޭޓަރ އިސްރާއީލު” އުފައްދަން އީރާނުގެ މައްޗަށް ވެރިވެގަތުމަށް ކަމަށެވެ.



