އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގެ ތަފްސީލް ހާމަކޮށްފި، އައިއާރްޖީސީން މުޅި އިސްރާއީލު ސުންނާފަތިކުރަނީ

ޚަބަރު ފަހުގެ ދުނިޔެ

ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށްދިން 79 ވަނަ ރާޅުގެ ހަމަލާތަކުގެ ތަފްސީލްތައް، އީރާނުގެ އިންގިލާބީ ލަޝްކަރު – އައިއާރްޖީސީން ހާމަކޮށްފިއެވެ.

އެގޮތުން، އިސްރާއީލުގެ ތަންތަނަށް ހަމަލާ ދެވުނީ ސެއްޖީލް، އިމާދު، ޚައިބަރު ޝެކާން ބެލިސްޓިކް މިސައިލްގެ އިތުރުން، ހަމަލާދޭ ޑްރޯން ބޭނުންކޮށްގެން ކަމަށް ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނުން އެންމެ ވަރުގަދައަށް ހަމަލާދިން އެއް ތަނަކީ އިސްރާއީލުގެ އުތުރުގެ ހައިފާ ސިޓީގައި ހުންނަ ރަފައެލް ހަތިޔާރު އުފައްދާ ކާރުޚާނާއެވެ.

މީގެއިތުރުން، އިސްރާއީލުގެ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވެއެވެ. މި ހަމަލާތަކުގައި ބެން ގޫރިއަން އެއަރޕޯޓްގައި އޮތް އެމެރިކާގެ ހަނގުރާމައިގެ ޖެޓުތަކަށް ވައިގެ ތެރޭގައި ތެޔޮ ރިފިލްކޮށްދޭ މަތިންދާ ބޯޓަކަށާއި، އެއަރޕޯޓާ ގާތުގައި ހުންނަ އެއިރޯސްޕޭސް ފެސިލިޓީއަކަށްވެސް އީރާނުން މިސައިލް ހަމަލާތައް ދީފައި ވެއެވެ.

އެއަރޕޯޓަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.

މީގެއިތުރުން، އިސްރާއީލުގެ އީލާތަށާއި، ޑިމޯނާ ސަރަހައްދު އަދި ތެލް އަވީވަށްވެސް ހަމަލާތައް ދީފައިވާ ކަމަށް، އައިއާރްޖީސީއާ ހަވާލާދީ އީރާނުގެ ފާރސް ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އީރާނުން އިސްރާއީލުގެ ރަށްތަކަށް އަންގާރަ ދުވަހުގެ ހެނދުނާއި، މެންދުރާއި އަދި ހަވީރުވެސް ވަނީ ހުއްޓާނުލާ ހަމަލާތައް ދީފައެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެތައް ހިސާބެއްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ، އެތައް އިމާރާތެއް ހަލާކުވިއެވެ. އެތައް ސަތޭކަ ވެހިކަލެއްގައި ރޯވެ އަނދާފައި ވެއެވެ.

މި ހަމަލާތަކުގައި އިސްރާއީލުން އެތައް ބަޔަކު މަރުވެ، އަދަދު ނުކުރެވޭ ވަރަށް މީހުން ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގެ ވަރުގަދަ ކަމުން އިސްތިއުމާރީ ބާރުގެ ދެމިލިއަނެއްހާ މީހުން އަންގާރަ ދުވަހު މުޅީންވެސް ތިބެންޖެހުނީ ބިންގަރާސްތަކުގައި ކަމަށެވެ.

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޓްރަމްޕް ދީފައިވާ އިންޒާރުތަކާ އެކުވެސް އީރާނުން ގެންދަނީ އިސްރާއީލަށްދޭ ހަމަލާތައް އިހުނަށްވުރެ ވަރުގަދަކޮށް، މުޅި އިސްރާއީލު ބިމާހަމަކުރަމުންނެވެ. އަންދާ އަޅިޔަށް ހަދަމުންނެވެ.

އިސްރާއީލުގެ އިތުރުން، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް އީރާނުންވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ދުޝްމަނުންގެ ތަންތަނަށް ހަމަލާ ދިނުމުގެ އިތުރުން، ދުޝްމަނުން އީރާނުގެ މެދުތެރެއަށާއި، އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދޭން ފޮނުވާލި ކްރޫޒް މިސައިލްތަކާއި، ޑްރޯންތައްވެސް އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ވައްޓާލި ކަމަށް، އައިއާރްޖީސީން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ