މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މި ޚައްސާސް ދަނޑިވަޅުގައި، މީޑިއާތަކުން އެފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.
އެގޮތުން، ރައްޔިތުންނާ ހަމައަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަޑުގައި ހިމެނޭ، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ފެކްޗުއަލް ޕްރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް ސަމާލުކަންދޭނެޖޭކަމަށް ވިދާޅުވިއެވެ.
އަދި އަސްލާއި އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވޯޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދެއްވާފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، މައެއް މީޑިއާތަކުން ހަގީގަތާއި ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތާއި، ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރާކަން އެކި ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ހަނގުރާމައާއި ގުޅޭ މަޢުލޫމާތުތައް ފެތުރުމަށް ސައްޙަ ނޫން މަސްދަރުތައް ބޭނުންކުރާކަން ފާހަގަކުރެވެއެވެ.



