އެއްވެސް ޝަރުތަކާ ނުލައި އީރާނު އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން އީރާނަށް ހުށަހެޅިއެވެ. އެ ހުށަހެޅުން އައީ، ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކާއި، އާގު ބޯޓުފަހަރަށް އެމެރިކާ ސިފައިން ހިމާޔަތް ދޭނޭކަމަށް ބުނެ ބޮޑާ ވާހަކަތައް ދައްކައި އީރާނަށް އިންޒާރުތައް ދިނުމަށްފަހުގައެވެ.
ޓްރަމްޕްގެ ފުރަތަމަ އިންޒާރުގައި އީރާނުގެ ވެރިކަމުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށާއި، އަސްކަރިއްޔާގެ ވެރިންނަށް އެންގީ، އަމާން ދިނުމަށްފަހު ދުރަށް ދިއުމަށާއި، އެހެންނޫނީ އެމެރިކާއިން އީރާނުގެ މައްޗަށް ވެރިވެގަތުމަށްފަހު އެ ހުރިހާ އެންމެން “މަރާލާނޭ” ކަމަށެވެ.
އޭގެފަހުން ޓްރަމްޕް އިންޒާރުކުރީ އީރާނުގެ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ – އައިއާރްޖީސީގެ ހުރިހާ މެމްބަރުން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ އިތުރުން، ޒަޔަނިސްޓު ދައުލަތުންވެސް އަމާންދިނުމަށް އީރާނަށް އެތަކެއް އިންޒާރު ދިނެވެ.
އެ އިންޒާރުތައް އައީ، އީރާނުގެ އެތަންމިތަނަށް ބޮންއަޅައި، އެތައް ކުޑަކުދިންނާއި އާންމުން މަރައި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކަށް ބޮންއަޅައި، އީރާނުގެ އަސްކަރިއްޔާގެ އެތައްސަތޭކަ ތަނަކަށް ބޮންއަޅައި ބޮޑެތި ގެއްލުންތައް ދިނުމަށް ފަހުގައެވެ.
ޓްރަމްޕާއި، ޒަޔަނިސްޓު ދައުލަތުން ތަކުރާރުކޮށް ދިން އެއްވެސް އިންޒާރަކަށް އީރާނުގެ ވެރިން “ކަހާތަން ހިރުވާވެސްނުލި” އެވެ. އައިއާރްޖީސީ އަދި އީރާނު އަސްކަރިއްޔާގެ އެކަކުވެސް ފަހަތަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅިއެވެ. އީރާނުގެ މިނާބްގައި ހުރި ޕްރައިމެރީ ސްކޫލަށް އެމެރިކާ ސިފައިން ގަސްތުގައި ބޮންއަޅައި 170 އަށްވުރެ ގިނަ ކުދީން މަރާލީ، އެއީ އިންގިލާބީ ލަޝްކަރުގެ މެމްބަރުންގެ ދަރިން ކިޔަވާ ސްކޫލަކަށް ވާތީއެވެ. އެމެރިކާގެ ބޭނުމަކަށްވީ ޅަ ދަރިންތައް ފުރަތަމަ މަރާލައި، އައިއާރްޖީސީގެ މެމްބަރުން ރޫހު މަރާލުމަށެވެ. ނަމަވެސް، ވީކަމެއް ހަރާމެވެ. އައިއާރްޖީސީ އޮތީ އީރާނުގެ މިނިވަންކަމާއި އިސްތިގްލާލުގެ ހިމާޔަތުގައި ގުރުބާންވާން ހުވާކޮށްގެން ކަމެއް ޓްރަމްޕަށް ނޭނގުނެވެ.
އީރާނުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ޓްރަމްޕްދިން އިންޒާރުތަކަށް ގޮންޖެހީއެވެ. އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރާއި، އީރާނު އަސްކަރިއްޔާގެ އެއްގަމާއި ކަނޑާއި ވައިގެ ދިފާއީ ބާރުގެ މެމްބަރުންގެ ހިތްވަރު އިހުނަށްވުރެ ވަރުގަދަކުރީއެވެ.
އެމެރިކާއާއި އިސްރާއީލުން މުޅި އީރާނަށް އެތަކެއްހާސް އުދުވާނީ ހަމަލާތައް ދީ، އެތަކެއް ބޮޑެތި ގެއްލުންތައް ދިނުމަށްފަހު އަދި އުދުވާނީ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދަމުން އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންވީ އީރާނާ ވާހަކަ ދައްކާށެވެ. އީރާނާ ކުރިމަތިލައި ކަނޑައެޅިގެން ބަލިވަމުންދާކަން އެނގޭއިރުވެސް އީރާނާ ވާހަކަ ދައްކަން ޓްރަމްޕް އަމިއްލައަށް ޝަރުތުތައްވެސް ހުށަހެޅީއެވެ.
އީރާނުން ޓްރަމްޕާއި އަދި އެމެރިކާއާވެސް އެއްވެސް މުއާމަލާތެއް ނުކުރާން ކުރިން ނިންމާފައި ވުމާއެކު، ޓްރަމްޕްގެ ގޮވާލުމަށް އީރާނުން އެއްވެސް ޖަވާބެއް ނުލިބުމުން ދެން އުޅުނީ އީރާނާ ގާތް ގައުމުތައް މެދުވެރިކޮށް އީރާނާ ވާހަކަ ދައްކާށެވެ. އެކަމަށްވެސް އީރާނުން އެދެވޭ ޖަވާބެއް ނުލިބުމުން ޓްރަމްޕް ދެން ބުނަންފެށީ އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ކުރިއަށްދާ ކަމަށާއި، ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހެދުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
އެންމެފަހުން އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި ވާހަކަތަކުގައި އެމެރިކާ ތަމްސީލުކުރި ޓްރަމްޕްގެ ދަނބިދަރި ކުޝްނަރއާއި، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ވިޓްކޮފް އީރާނާ ގުޅޭގޮތުން ނުބައި މައުލޫމާތު ދީގެން އީރާނަށް ހަމަލާދޭން ފެށީ ކަމަށް ޚުދު ޓްރަމްޕް ބުނެފައިވާތީ، އެދެމީހުންނާ އެއްވެސް މުއާމަލާތެއް ކުރަން އީރާނު ބޭނުން ނުވާކަން އެނގިގެން އީރާނު ރުއްސަންވެގެން ޓްރަމްޕްވަނީ އީރާނާ ވާހަކަ ދައްކާ ޓީމުވެސް ބަދަލުކޮށްފައެވެ. އިސް ވެރިޔަކަށްލީ ނައިބް ރައީސް ޖޭޑީ ވެންސްއެވެ. މިވަރުންވެސް އީރާނު ރުއްސައެއް ނުލެވުނެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އަދި މިހާރުވެސް ބުނަމުންދަނީ އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށާއި، އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން އީރާނު ބޭނުންވެސް ނުވާ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، އެކުވެރި ގައުމުތައް މެދުވެރިކޮށް އެމެރިކާއިން އީރާނަށް މެސެޖްތަކެއް ފޮނުވުމަކީ ވާހަކަ ދެއްކުން ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ޓްރަމްޕް އީރާނަށް ކުރިން ދެފަހަރުވެސް ލަނޑުދީފައިވާތީ، އީރާނުގެ ވެރިން ވިދާޅުވަނީ، އީރާނުން މިހާރު ޓްރަމްޕަކަށް އަދި އެމެރިކާއަކަށްވެސް އިތުރުބާރު ނުކުރާ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް، އީރާނާ ވާހަކަ ދައްކައި، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް ހެދުމަށް ގަދައަޅައި މަސައްކަތް ކުރަމުން ގެންދިއުމަކީ ހަނގުރާމައިން އެމެރިކާ ބަލިވެއްޖެކަން ޓްރަމްޕް އިއުތިރާފްވާކަން ހާމަވާ ކަމެއްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވަނީ ވިދާޅުވެފައެވެ.
އެއްވެސް ޝަރުތަކާ ނުލައި އީރާނުން އަމާންދިނުމަށް ގޮވާލަމުންދިޔަ ބަޔަކު އީރާނާ ވާހަކަ ދައްކަން އުޅުމުގެ ސަބަބާ ގުޅޭގޮތުން އައްބާސް އަރަޣްޗީވަނީ ތަފާތު ޝުއޫރުތައް ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއާއި އިސްރާއީލަށް އީރާނުގެ ވެރިކަންވެސް ބަދަލުކޮށްނުލެވުނު ކަމަށާއި، އީރާނުގެ ރައްޔިތުންވެސް ބައިބައި ކޮށްނުލެވުނު ކަމަށެވެ. ވެރިރަށް ތެހެރާނާއި، އެހެން ސިޓީތަކުގެ ބޮޑެތި މައިދާންތަކަށް ކޮންމެ ރެއަކު އީރާނުގެ ރައްޔިތުން މިހާރުވެސް ނުކުމެ ސަރުކާރަށް ތާއީދުކޮށް އަޑުއުފުލައި އަދި ދުޝްމަނުންނަށް “މަރު” ގޮވަމުންދާ ކަމަށް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.
ދުނިޔޭގެ ވަރުގަދަ ނިއުކްލިއަރ ދެ ބާރަށް އީރާނުގައި އެމީހުން ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު ކަމަށާއި، ދުޝްމަނުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ އީރާނުގެ ތާރީޚްގައި ލިބުނު “ރަނުގެ” ވަގުތެއް ކަމަށާއި، ހަނގުރާމައިގެ ސަބަބުން އީރާނަށް ސަލާމަތީ ވަރުގަދަ ފަށަލައެއް އުފެއްދިއްޖެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ހަނގުރާމައިގައި ދުޝްމަނުންގެ މައްޗަށް އީރާނު މިހާތަނަށް ހޯދާފައިވާ އަދި ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން، އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އުދުވާނުތައް ހިންގުމަށް މީގެފަހުން ދެން އެއްވެސް ބަޔަކަށް ކެރޭނެ ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



