އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަނގުރާމައާ ގުޅޭގޮތުން ދައްކާ އެއްވެސް ވާހަކައެއް ދިމައެއް ނުވެއެވެ.
ހެނދުނު ބުނާ އެއްޗެއް މެންދުރު ވާއިރު އޮންނަނީ ބަދަލުވެފައެވެ. މެންދުރު ބުނާއެއްޗެއް ހަވީރު ވާއިރު އޮންނަނީ ބަދަލުވެފައެވެ. ދުނިޔޭގެ ހުރިހާ މީޑިއާއަކުންނާއި އާންމުންވެސް މިކަން ފާހަގަ ކުރެއެވެ.
ދައްކާ ވާހަކަތައް ދިމާނުވާ ތާނގައި، އެހާ ވަރަށް ދޮގުވެސް ހަދައެވެ. ކަނޑައެޅިގެން މީހުން ގަބޫލުނުކުރާނެ އެތައް ވާހަކައެއް ދައްކަމުން ގެންދެއެވެ. އޭގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރުކަން އޭނާއަށް ހުށަހެޅި ވާހަކައާއި، އީރާނުގެ ވެރިން އޭނާއަށް ހަދިޔާ ފޮނުވި ވާހަކަ ހިމެނެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ އެހެނިހެން ވެރިން ބުނަމުން ގެންދިޔައީ، އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ކުރިއަށްދާ ކަމަށެވެ. އެ ވާހަކައިން އެންމެނަށް ލިބިގެންދިޔައީ ސިހުމެވެ. ސަބަބަކީ، އެމެރިކާއާ އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށް ބުނެފައި، އަދި އެމެރިކާއިން ހުއްޓާނުލާ އީރާނަށް ބޮންއަޅަމުން ގެންދަނިކޮށް އީރާނުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާކަމަށް އެމެރިކާއިން ހާމަކުރުމުންނެވެ.
އެކަމަކު، އީރާނު ޕާލަމެމްޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަގުތުން ވަނީ ޓްރަމްޕާއި، އެމެރިކާގެ އެހެން ވެރިންގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، ޓްރަމްޕް ފަތުރަނީ ފޭކް ނިއުސް ކަމަށާއި، އެއީ، ތެލުގެ ބާޒާރަށް އަރާ ލޮޅުންތައް ކުޑަކުރަން އޭނާ ދައްކާ ވާހަކަތަކެއް ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވީ، އީރާނުން އެމެރިކާއާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ނުވެސް ދައްކާނޭ ކަމަށެވެ.
އިހަށްރޭ ޓްރަމްޕް ބުނީ، އީރާނުގެ ވެރިން އޭނާއަށް ވަރަށް އަގުބޮޑު ހަދިޔާއެއް ފޮނުވައިފި ކަމަށާއި، ހަދިޔާ ލިބިއްޖެ ކަމަށާއި، އެއީ ތެލާއި ގޭހުގެ ހަދިޔާއެއް ކަމަށެވެ. އީރާނުގެ ވެރިން ފޮނުވައިގެން ޓްރަމްޕަށް ލިބުނު ކަމަށް ބުނި މި ހަދިޔާގެ ހަގީގަތް އެމެރިކާގެ ވެރިންނަށްވެސް ސާފުނުވިއެވެ. އެ ދައްކަނީކޮން ވާހަކައެއް ކަމެއް އަދިވެސް ނޭނގެއެވެ.
އީރާނުން ފަހުން ބުނެފައިވަނީ، ހަދިޔާ ކަމަށް ޓްރަމްޕް މާނަކުރީ، ހޮރްމޫޒު ކަނޑުއޮޓީގައި އީރާނުން ހިފަހައްޓާފައިވާ އޭޝިޔާގެ ބައެއް ގައުމުތަކުގެ ތެޔޮ ޓޭންކަރުތައް އީރާނުން ދޫކޮށްލުމުން އެ ވާހަކަ ކަމަށެވެ. އެއީ، އީރާނުން ޓްރަމްޕަށް ދިން ހަދިޔާއެއް ނޫންކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.
އީރާނުން ހޮރްމޫޒު ކަނޑުއޮޅި މުޅީން ހުޅުވާލަން ޓްރަމްޕް ފުރަތަމަ ދިނީ 48 ގަޑިއިރުގެ މުހުލަތެވެ. އެ މުހުލަތު ހަމަވުމުން ދެންބުނީ، 5 ދުވަސްތެރޭ ހޮރްމޫޒު މުޅިން ހުޅުވާލައި، އެއްބަސްވުމެއް ހެދުމަށް ދެކޮޅު ހަދާނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދީ ގޮއްވާލާނޭ ކަމަށެވެ. އެ މުހުލަތު ހުކުރު ދުވަހު ހަމަވާނެއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕްވަނީ އީރާނަށް އިތުރު 5 ދުވަސް ދީފައެވެ. އެއީ ހޮރްމޫޒު ހުޅުވައިލުމާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާހަކަ ދެކެވެމުންދާތީ ކަމަށް ބުނެއެވެ. ނަމަވެސް، އޭގެފަހުން ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ބުނީ، ވާހަކަތައް ކުރިއަށްދާތީއާއި، އީރާނުން އެދިގެން އިތުރު 10 ދުވަސް މިހާރު ދީފައިވާނޭ ކަމަށެވެ. އޭގެމުއްދަތު ހަމަވާނީ އޭޕްރީލްމަހުގެ 6 އަށެވެ. އީރާނުން އެދުނީ އިތުރު 7 ދުވަސް ދިނުމަށް ކަމަށާއި، ނަމަވެސް އީރާނަށް 10 ދުވަސްދޭން އޭނާ ނިންމީ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
ޓްރަމްޕް އިރުއިރުކޮޅާ އީރާނަށް ދެމުންގެންދާ މުހުލަތުގެ ތާރީޚްތަކަށްވެސް އީރާނުން މިވަނީ ރައްދު ދީފައެވެ. އީރާނުން ބުނެފައިވަނީ، އީރާނަށް ދެމުންގެންދާ ހަމަލާތައް މަޑުޖައްސާލަން އީރާނުން އެއްވެސް އިރަކު ޓްރަމްޕް ގާތު އެދިފައި ނުވާނޭ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ބުރާސްފަތި ދުވަހުވެސް ވިދާޅުވީ، އީރާނުން އެމެރިކާއާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ނަމަވެސް އީރާނުގެ ގާތް ގައުމުތައް މެދުވެރިކޮށް އެމެރިކާގެ މެސެޖްތަކެއް އީރާނަށް ލިބެމުންދާ ކަމަށެވެ. އެއީ، އެމެރިކާއާއި އީރާނާ ދެމެދު ވާހަކަ ދެއްކުންކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުގައި ޓްރަމްޕް ބުނީ، ނޫސްވެރިން ފަތުރާ ފޭކް ނިއުސް ކަމަށާއި، ވާހަކަތައް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ބަލާއިރު “އަސްކަރީގޮތުން” އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށްވެސް ޓްރަމްޕް އިއުލާން ކުރިއެވެ. ސަބަބުތައް ކިޔައިދެމުން ބުނީ، އެމެރިކާ ސިފައިން ހަމަލާދީ އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އަވަހާރަކޮށްލައި އަދި ކަނޑުގެ ސިފައިންގެ 154 މަނަވަރު ހަލާކުކޮށް ކަނޑުގެ ލަޝްކަރުވެސް އެކަށް ނައްތާލާފައިވާ ކަމަށެވެ. އަދި އީރާނުގެ ވައިގެ ސިފައިންގެ ލަޝްކަރުވެސް އެމެރިކާއިން ނައްތާލާފައިވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އީރާނުން މިސައިލްތައް އުދުއްސާލާ ތަންތަން ހަލާކުކޮށް، އީރާނު އަސްކަރިއްޔާގެ މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ހަލާކުކޮށް އީރާނު އަސްކަރިއްޔާ ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވިފައިވާ ކަމަށާއި، އެހެންކަމުން މި ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ވެއްޖެ ކަމަށް އެމެރިކާގެ ރައީސް އިއުލާންކުރިއެވެ. އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތައް ފެށުމަށްފަހު ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަން އެމެރިކާގެ ރައީސް އިއުލާންކުރި އަދަދެއް ނޭނގެއެވެ. ނަމަވެސް، މައިދާނުގައި އީރާނު ފެންނަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާ ތަނެވެ. އީރާނުން އުދުއްސާލާ މިސައިލްތައް ގިނަވެ ވަރުގަދަ ވަމުންދާ ތަނެވެ. ދުޝްމަނުންނަށް ދެމުންގެންދާ ގެއްލުންތައް ބޮޑުކުރަމުންދާ ތަނެވެ.
ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން ޓްރަމްޕް އަނެއްކާވެސް ބުނީ، އެއީ އެމެރިކާއަށް މުހިންމުތަނެއް ނޫން ކަމަށެވެ. އަދި ހޮރްމޫޒު ކަނޑުއޮޅި ބޭނުންކުރާ ގައުމުތަކަށް އެ ކަނޑުއޮޅި އަނބުރާ ހޯދުން މުހިންމު ނޫން ކަމަށް ބުނެ ޓްރަމްޕްވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.
އެއާ ވިއްދައިގެން ބުނީ، އެމެރިކާ ސިފައިންގެ އިތުރު ފައުޖުތަކާއި، މަނަވަރުތައް ސަރަހައްދަށް ޖަމާވަމުންދާ ކަމަށެވެ. ސަރަހައްދަށް މިހާރު މިސްރާބު ޖަހާފައިވަނީ ކެލިފޯނިއާއިންނާއި، ޖަޕާނުގައި ތިބި އެމެރިކާ ސިފައިންގެ ފައުޖުތަކުންނެވެ. ހޮރްމޫޒު ކަނޑުއޮޅި އެމެރިކާއަށް މުހިންމު ނުވާއިރު، އެމެރިކާއިން ތައްޔާރުވަމުންދަނީ ހޮރްމޫޒު ކަނޑުއޮޅިއާއި، އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް ކަމަށްވާ ޚަރަޖް އައިލެންޑް ހިފުމަށެވެ.



