އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗް އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިއްޔެ ހިނގި ހާދިސާއެކެވެ. އެއަރޕޯޓާ ތަންކޮޅެއް ދުރުން ފާޑެއްގެ ޑްރޯންއެއް ފެނުނީއެވެ.
މިކަމެއް ހިނގި ގޮތާ ގުޅޭގޮތުން އެމެރިކާގެ މީޑިއާއިން ތިން ގޮތަކަށް ރިޕޯޓް ފަތުރާފައި ވެއެވެ.
ބައެއް ރިޕޯޓްތަކުގައި ބުނަނީ، ޑްރޯން އެހިސާބުން ފެނުނުއިރު އެމެރިކާގެ ރައީސްގެ ޚާއްސަ މަތިންދާ ބޯޓު “އެއަރފޯސް ވަން” ދިޔައީ ފުރަންވެގެން ރަންވޭގައި ދުއްވަމުން ކަމަށެވެ. ބޯޓުގައި ޓްރަމްޕާއި އޭނާގެ އަރިސް އިސް އޮފިޝަލުންވެސް ތިބިކަމަށް ބުނެއެވެ.
ޕާމް ބީޗް އިންޓަރނޭޝަނަލް އެއަރޕޯޓާ ތަންކޮޅެއް ދުރުން ޑްރޯން ފެނުމާއެކު، ބޯޓު ވަގުތުން މަޑުޖައްސާލި ކަމަށާއި، ސަބަބަކީ، ސަލާމަތީ ސަބަބުތަކަށްޓަކައި މަނާކޮށްފައިވާ ސަރަހައްދަށްވުރެ ރައީސްގެ މަތިންދާ ބޯޓާ ގާތަށް ޑްރޯން އައުމެވެ. ޑްރޯން އައީ ސީދާ އެއަރފޯސް ވަންއާ ދިމާއަށް ކަމަށް ވެއެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، ޑްރޯން ފެނުނީ ރައީސް ޓްރަމްޕް ބޯޓަށް އަރަން ރަންވޭމަތީގައި ހުއްޓާ ކަމަށެވެ.
އަނެއްބައި ރިޕޯޓްތައް ބުނަނީ، ޑްރޯން ފެނުނުއިރު އެއަފޯސް ވަން އޮތީ ރަންވޭގައި ޕާކް ކޮށްފައި ކަމަށާއި، ޑްރޯން އުދުހިފައި އައީ ޕާކް ކޮށްފައި އޮތް ރައީސްގެ ބޯޓާ ދިމާއަށެވެ.
މިކަމެއް ހިނގިއިރު، ރައީސް ޓްރަމްޕް އެއަރޕޯޓުގައިވެސް ނެތް ކަމަށާއި، އޭނާ ހުރީ ވެސްޓް ޕާމް ބީޗްގައި އޮންނަ އޭނާގެ އަމިއްލަ ރިސޯޓުގެ ގޮލްފް ކްލަބްގައި ގޮލްފް ކުޅެން ކަމަށް، ވައިޓް ހައުސްގެ ތަރުޖަމާނަކުވެސް ފަހުން ބުނެފައިވުމުން، ބޮޑަށް ބުރަވެވެނީ ތިންވަނަ ރިޕޯޓަށެވެ.
ކޮންމެއަކަވެސް، ޑްރޯން ފެނުމާއެކު އަސްކަރީ ހެލިކޮޕްޓަރުތައް ވަގުތުން ޑްރޯން އައިދިމާއަށް އުދުއްސައިގަތެވެ. އަދި އެއަރޕޯޓުގެ އޮޕަރޭޝަންތައްވެސް ވަގުތުން ހުއްޓާލިއެވެ. މުޅި އެއަރޕޯޓް އެލަޓަށް ގެނެސް، އެއަރޕޯޓުން ފުރަންއޮތް އެތައް ބޯޓެއްގެ ދަތުރުތައް ލަސްކުރިއެވެ.
މި ޚަބަރު ފެތުރުމާއެކު، ޒަޔަނިސްޓުންނާއި އެމެރިކާގެ ބައެއް މީޑިއާ ވަސީލަތްތަކުންނާއި، އީރާނާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރަން ހަދައިގެންއުޅޭ ބޮޓް އެކައުންޓުތަކުން ތަފާތު އެތައް ވާހަކަތަކެއް ފަތުރާފައި ވެއެވެ. ބުނެފައިވަނީ މިއީ އީރާނުގެ ކަމެއް ކަމަށާއި، އީރާނުން އުޅެނީ ޓްރަމްޕް މަރާލަން ކަމަށެވެ.
ޕާމް ބީޗް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިން ފެނުނު ޑްރޯން ފަހާދިޔަ އަސްކަރީ ހެލިކޮޕްޓަރުތަކުގެ ޚަބަރެއް އަދި އެ ޑްރޯންއާބެހޭ އެއްވެސް ވާހަކައެއް މީޑިއާއިން ފަހުން ހާމަކޮށްފައެއް ނުވެއެވެ. އެ ޑްރޯން އަތުލައިގަތްނަމަ ނުވަތަ ވައްޓާލި ނަމަވެސް، އެއީ ކޮން ދިމާއަކުން އައި އެއްޗެއްކަން ގައިމު އެނގޭނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުންވަނީ އެނބުރި ވޮޝިންޓަނަށް ގޮސްފައެވެ. ފުރައިގެންދިޔައީ ހަމަ އެ އެއަރޕޯޓުންނެވެ. އެކަމަކު، ޓްރަމްޕް ބޯޓު ވަކި ހިސާބަކަށް ދަންދެން އަސްކަރީ ޖެޓުތައް ވަށައިގެން އުދުހެމުންދިޔައެވެ.
ޓްރަމްޕްގެ ފްލޮރޮޑާ ރިސޯޓް ކައިރީގައި އެމެރިކާގެ ސީކްރެޓް ސަރވިސްއިން ފެބްރުއަރީ މަހުގެ ފަހުކޮޅު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވެސް ވެއެވެ. އެއީ، ސެކިއުރިޓީ ފެންސް ފަޅާލާފައި ވެހިކަލެއްގައި ވަންނަން އުޅުމުންނެވެ.
ޕާމް ބީޗް އިންޓަރނޭޝަނަލް އެއަރޕޯޓު ކައިރިން ޑްރޯންއެއް ފެނިގެން އެމެރިކާ މީހުން ޕެނިކްވެގެން އުޅެނީ،. މިދުވަސްވަރު ޑްރޯންގެ ވާހަކަ ދުނިޔޭގެ މީޑިއާގައިވެސް ވަރަށް ބާރަށް ފެތުރެމުންދާތީއެވެ. އެންމެންވެސް މިހާރު ދައްކަމުން ގެންދަނީ، ދުޝްމަނުންނަށް ހަމަލާދޭން އީރާނުން ބޭނުންކުރަން ފެށި ޑްރޯންތަކުގެ މޮޅު ވާހަކައެވެ. އެއީ މީހަކާ ނުލައި ވަރަށް ދުރަށް އުދުހޭ އަދި ގިނަ އަދަދެއްގެ ގޮވާތަކެތި އުފުލުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ. އެންމެންވެސް ހައިރާންވި ކަމަކީ އެއީ ވަރަށް ކުޑަ ޚަރަދަކުން އުފައްދާ އެއްޗެއްކަން އެނގުމުންނެވެ.
ވަރަށް ކުޑަ ޚަރަދަކުން ނުހަނު ދުރަށް ދަތުރުކުރާ އަދި ދުޝްމަނުންނަށް ބޮޑެތި ގެއްލުންދޭ ޑްރޯން އީރާނުގެ އިންޖިނޭރުން އުފައްދައި ކާމިޔާބު ކަމާއެކު ގެންދަނީ ބޭނުންކުރަމުންނެވެ. އީރާނުގެ މި ޑްރޯންތަކަކީ، ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނާއި އަދި އިސްރާއީލުވެސް ވަރަށް ޖެހިލުންދާ ޑްރޯންތަކަށް ވަނީ ވެފައެވެ. ސަބަބަކީ، އެއަރ ޑިފެންސް ސިސްޓަމްތަކަށްވެސް ގިނަ ޑްރޯންތައް ނުހުއްޓުވޭތީއެވެ.
ފްލޮރިޑާ އެއަރޕޯޓް ކައިރިން ޑްރޯންއެއް ފެނުނީމާވެސް، އެއީ އީރާނުގެ ޑްރޯންއެއް ކަމަށް ޓްރަމްޕްގެ ސެކިއުރިޓީއަށް ހީވީ ތޯއްޗެކެވެ.
އީރާނުން އުފައްދައިގެން އުޅޭ އަގުހެޔޮ މޮޅު ޑްރޯންތައް ފެނި އެމެރިކާގެ އަސްކަރިއްޔާއިން މިހާރުވަނީ އޭގެ ޑްރޯންއެއް އުދުހެނިކޮށް އަތުލައިގަނެ، އޭގެ ޓެކްނޮލޮޖީ ވަގަށް ނަގައި ހަމަ އެ ބައްޓަމަށް ޑްރޯން އުފައްދަން ފަށާފައެވެ.



