ހަނގުރާމަ ހުއްޓާލުމުގެ ވާހަކަ އީރާނާއެކު ދައްކަން އެމެރިކާއިން އެކި ގޮތްގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނަށް ބިރުދައްކައި، ޕްރެޝަރކޮށް އަދި އީރާނުގެ ގާތް ބައިވެރިން މެދުވެރިކޮށްވެސް ގެންދަނީ އީރާނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޭނާގެ ޚާރިޖީ ވަޒީރު މާކޯ ރޫބީ ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. އެމެރިކާއާއި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާއި، އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ގާލިބާފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އިރުވެސް، އެމެރިކާއިން ބުނަމުންދިޔައީ ވާހަކަތައް ކުރިއަށްދާ ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު ބާއްވަމުންދާ ކަމަށް ބުނާ ވާހަކަތައް ބޮޑު މައްސަލަގަނޑަކަށްވެ، އީރާނުގެ އެތެރެއިން މީހަކާ ޓްރަމްޕް ވާހަކަ ދައްކަނީ ކަމަށްވެސް އަޑުތައް ފެތުރިގެންދިޔައެވެ.
މައްސަލަ ވަރަށް ގޯސްވެ، ނޫސްވެރިންގެ ސުވާލުތައް ނުހުއްޓުމާއި، މީޑިއާގެ އެކިއެކި ވަސީލަތްތަކުން ތަފާތު ވާހަކަތައް ދައްކާން ފެށުމުން އެމެރިކާގެ ރައީސާއި، ޚާރިޖީ ވަޒީރު އެންމެފަހުން ބުނީ، އެމެރިކާއިން އީރާނާ ސީދާ ވާހަކަ ނުދައްކާ ކަމަށާއި، އެމެރިކާއިން ވާހަކަ ދައްކަނީ ޕާކިސްތާނު މެދުވެރިކޮށް ކަމަށެވެ.
އެމެރިކާގެ ރައީސާއި، ޚާރިޖީ ވަޒީރުގެ އެ ވާހަކަތައްވެސް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ދޮގުކުރެއްވިއެވެ. ވިދާޅުވީ، ނުސީދާކޮށްވެސް އީރާނުން އެމެރިކާއާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ނަމަވެސް އެމެރިކާގެ މެސެޖްތަކެއް ޕާކިސްތާނުން އީރާނަށް ފޯރުކޮށްމުން ގެންދާ ކަމަށާއި، އެއީ ވާހަކަ ދެއްކުން ކަމަށް އީރާނު ނުދެކޭ ކަމަށެވެ.
ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން އީރާނަށް 15 ނުކުތާގެ ޕްލޭނެއް ހުށަހެޅިއެއެވެ. އެއީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުން އެއްބަސްވުމަށް އެމެރިކާއިން ހުށަހެޅި ކަންކަމެވެ. އެމެރިކާގެ ހުށަހެޅުމުގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޕްރޮގްރާމާއި، ޔޫރޭނިއަމްއާއި، ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލާގައި ވަރަށް ހަރުކަށި ހުށަހެޅުންތައް ހިމެނެއެވެ. އީރާނުން ވަގުތުން އެ ހުށަހެޅުންތަކާ ދެކޮޅު ހެދިއެވެ. އަދި ބުނީ، ހަނގުރާމަ ފެށީ އެމެރިކާއާއި އިސްރާއީލުން ކަމަށާއި، އީރާނުން ދެމުންގެންދަނީ އަމިއްލަ ދިފާއުގައި ދޭ ރައްދު ހަމަލާތަކެއް ކަމަށާއި، ވުމާއެކު، އީރާނު ހުއްޓުވަން ޝަރުތުތައް ހުށަހެޅުމުގެ އެއްވެސް ހައްގެއް އެމެރިކާއަކަށް ނެތް ކަމަށެވެ.
އެމެރިކާގެ ހުށަހެޅުންތަކާ ވިއްދައިގެން އީރާނުން 6 ނުކުތާގެ ހުށަހެޅުމެއް އާންމުކުރިއެވެ. އޭގައި ހިމެނެނީ އެމެރިކާއިން އެއްގޮތަކަށްވެސް އެއްބަސް ނުވާނެ ކަންކަމެވެ. އޭގެ ތެރޭގައި، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ބޭސްތައް ރޫޅާލައި ސިފައިން އަނބުރާ ގެންދިއުމާއި، އީރާނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ އަގު ދިނުންފަދަ ކަންކަން ހިމެނެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ސީދާ އަދި ނުސީދާކޮށްވެސް ވާހަކައެއް ނުދެކެވޭތީ، ހުށަހެޅުންތައް ހުރީ ހުރިތާނގައެވެ.
ޕާކިސްތާނު، ތުރުކީ، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުން ޕާކިސްތާނުގައި ބައްދަލު ކުރައްވައި، އެމެރިކާއާއި އީރާނު އެއްގަލަކަށް އެރުވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް، އެ ވާހަކަތަކުން އެއްވެސް އަލިމަގެއް ފެނުނުކަމެއް އަދި ސާފެއް ނުވެއެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، އެމެރިކާއަކީ ޣައްދާރެއް ކަމަށާއި، އެމެރިކާއަށް އެއްވެސް ވަރަށް އިތުބާރު ނުކުރާ ކަމަށާއި، އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.
2025 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއާއި އީރާނާ ދެމެދު ބާއްވަމުންދިޔަ ވާހަކަތައް ނިމި، އެއްބަސްވުމަކާ ހަމައަށް ގޮސްފައި ވަނިކޮށެވެ. އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ އެމެރިކާގެ ރައީސް ޓްރަމްޕުގެ ހުއްދަވެސް ހޯދައިގެންނެވެ. އީރާނާއެކު ވާހަތައް ބާއްވަމުން، އިސްރާއީލު ލައްވައި އީރާނަށް ބޮންއަޅަންފެށީއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ޖެނީވާގައި އެތައް ބުރެއްގެމަތިން ބާއްވަމުންދިޔަ ވާހަކަތަކަށްފަހު އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލެވި، އެ ދެލިކޮލީގައި ހިމެނޭ ޓެކްނިކަލް ކަންކަމުގެ ވާހަކަތައް އެ ހަފްތާގެ ހޯމަދުވަހު ވިއެނާގައި ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ޓްރަމްޕާއި، މުޖުރިމު ނަތަންޔާހޫ ދުރާލާ ރާވައިގެން އީރާނުގެ ދުވަސް ދުއްވާލަން ހަނގުރާމަފެށީއެވެ.
ފަހުން ހާމަވި ރިޕޯޓްތަކާއި، މެދުވެރިއެއްގެ ދައުރު އަދާކުރި އުމާނުން ހާމަކުރި ވާހަކަތަކުން އެނގުނުގޮތުގައި، އެމެރިކާއިން ޑިމާންޑް ކުރަމުންދިޔަ ހުރިހާ ކަމަކަށް އީރާނު ފަހުވަގުތު އެއްބަސްވިއެވެ. ނަމަވެސް، ޓްރަމްޕް ބޭނުންވީ އީރާނަށް ހަމަލާ ދިނުމަށެވެ.
މިދިޔަ އަހަރުގެ ޖޫންމަހާއި، މިއަހަރުގެ ފެބްރުއަރީ މަހުވެސް އެމެރިކާއިން މިވަނީ އީރާނަށް ޣައްދާރުވެފައެވެ. ނަތަންޔާހޫއާއި ގުޅިގެން އީރާނަށް ދޯކާދީފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ، ޓްރަމްޕަކަށް އީރާނަށް ތިންވަނަ ފަހަރަކަށް ލަނޑެއް ނުދެވޭނޭ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް އަސްކަރީ އުދުވާނީ ހަމަލާތައް ދޭން ފެށިއިރު، އީރާނުގެ ހަގީގީ ބާރު އެމީހުންނަކަށް ވަޒަނެއް ނުކުރެވޭ ކަމަށް، މުހައްލިލުން ވިދާޅުވެއެވެ. އީރާނާއި އިސްރާއީލާ ދެމެދު މިދިޔަ އަހަރު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ދައްކާލީ، އީރާނަށް ލިބިފައިވާ ގާބިލްކަމުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. އެވަރުންވެސް އިސްރާއީލު ނޭވާހޮޅިއަށް އެޅިގެންދިއުމުން އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވަދެގަނެ އީރާނަށް ބޮންއަޅަން ފެށީއެވެ.
އީރާނުގެ ހަގީގީ ބާރު އެމެރިކާއަށާއި، އިސްރާއީލަށާއި، ހުޅަނގަށް މިހާރު އެ ދަނީ ފެންނަމުންނެވެ. އީރާނު ވަށައިގެން ހުރި ހުރިހާ ގައުމުތަކެއްގެ ހުރަސްއެޅުންތަކާ އެކުވެސް އީރާނުން ގެންދަނީ އިސްރާއީލު ސުންނާފަތިކޮށް، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބިމާހަމަކުރަމުންނެވެ. މިއީ ހަމައެކަނި އަމިއްލަ ފަސްގަނޑުގައި ތިބެގެން ކުރާވަރެވެ. އީރާނުގެ ހަމަލާތަކަށް ކެތްނުކުރެވިގެން އަސްކަރީ ބޭސްތައް ދޫކޮށް އެމެރިކާގެ ހުރިހާ ސިފައިން ރަށުތެރެއަށްގޮސް ފިލާފައި ވާއިރު، އިސްރާއީލު ހިމާޔަތް ކުރަން އެމެރިކާއަށް މިފަހަރު ކުރެވޭނޭ ކަމެއް ނެތެވެ. އަސްކަރީ ބޭސްތައް ހަދާފައިވާ ގައުމަކަށްވެސް އެހީތެރިކަމެއް ވެވޭ ވަރަށްވުރެ އެމެރިކާގެ ހާލު ބޮޑެވެ.
އެހެންވެ، ޓްރަމްޕް މިހާރު ވަރަށް ބޮޑަށް ވިސްނައި ގޮތްތަކެއް ނިންމަން ތައްޔާރުވަމުންދާ ކަމަށް، މައުލޫމާތު ދެނަހުރި އިތުބާރު ކުރެވޭ މަސްދަރުތަކުން ދަނީ ހާމަކުރަމުންނެވެ. ކުރިން ބައިވަރު ޑިމާންޑްތަކެއް ކުރިނަމަވެސް ޓްރަމްޕް ފަހުން އީރާނަށް އިންޒާރު ކުރަމުންދިޔައީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށެވެ. އެއީ، އޭގެ ސަބަބުން އެމެރިކާގައިވެސް ތެލުގެ އަގުތައް ބޮޑުވެ އިގްތިސާދަށް އޭގެ ލޮޅުން އަރަންފެށުމުންނެވެ. އެމެރިކާގެ ގާތް ބައިވެރިންވެސް ޕްރެޝަރ ކުރާތީއެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ޚާއްސަ ސިފައިންގެ ފައުޖެއް އަރަބި ކަނޑަށް ދިޔައީ އީރާނުގެ ތެލުގެ މައި ހަބް ހިފައި އަދި ހޮރްމޫޒުވެސް ހިފުމަށެވެ.
އެކަމަކު، ޓްރަމްޕް މިހާރު ގެންދަނީ ހޮރްމޫޒު ނުހުޅުވުނަސް، ހަނގުރާމަ ހުއްޓާލަން ވިސްނަމުންނެވެ. ޓްރަމްޕް އެކަމަށް ވިސްނަމުންދާ ކަމުގެ ކަށަވަރު މައުލޫމާތު ދަނީ ހާމަވަމުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ ބުނެފައިވަނީ، ރައީސް ޓްރަމްޕް އިސްކަންދެނީ “ޑިޕްލޮމަސީއަށް” ކަމަށެވެ. މިއީ އާރުލާ މެސެޖެކެވެ.
އީރާނުގެ ލަޝްކަރުތަކުން ގެންދަނީ، އެމެރިކާ ސިފައިން ހޮރްމޫޒަށް ވަދެއްޖެނަމަ އަދި ތެލުގެ އެކްސްޕޯޓްގެ މައި ރަށް ޚަރްޖް އައިލެންޑަށް އަރައިފިނަމަ އެ ތަންތަނަކީ އެމެރިކާ ސިފައިންގެ ގަބުރުސްތާނުތަކަށް ހަދާލާނޭ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. އެމެރިކާއަށް ބިރުދައްކައި އީރާނުގެ މީޑިއާއިން ދައްކަމުންދާ އޭއައި ވިޑިއޯތައް ފެނުނަސް އެމީހުންގެ ހިތްފަޅައިގެންދާ ވަރުވާނެއެވެ.
އީރާނުގެ ނައިބް ރައީސް އިއްޔެ ވިދާޅުވީ، އެމެރިކާ ސިފައިން އީރާނަށް ދިއުމަށް ޓްރަމްޕަށް އަމުރު ކުރެވިދާނެ ކަމަށާއި، ނަމަވެސް، އީރާނަށްދާ އެމެރިކާ ސިފައިން އަނބުރާ ދިއުމާމެދު ގޮތް ނިންމާނީ ޓްރަމްޕް ނޫން ކަމަށާއި، އެކަމުގައި ގޮތް ނިންމާނީ އީރާނުން ކަމަށެވެ. މިއިންވެސް އެމެރިކާއަށް ދެނީ ވަރުގަދަ މެސެޖެކެވެ. ހާމަވީ އެމެރިކާ ސިފައިންނަށް ނުރައްކާ އޮތް މިންވަރެވެ.



