އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އޮބާމާގެ ވެރިކަމުގައި ހަދާފައިއޮތް އެއްބަސްވުން އަމިއްލައަށް އުވާލުމަށްފަހު، ހުޅަނގުގެ ގައުމުތަކާ ގުޅިގެން ހީލަތްތެރި ރޭވުންތަކެއްގެ ތެރެއިން އައު އެއްބަސްވުމެއް ހެދުމަށް އީރާނަށް އިތުރަށް ދަތިކޮށް، ފިއްތަމުން ދިއުމާއި، އެކުވެރި ގައުމުތަކުގެ ނަސޭހަތް ގަބޫލުކޮށް އީރާނުން އެމެރިކާއާ ވާހަކަ ދައްކަން އެއްބަސްވިއެވެ. އަދި ވާހަކަތައް ފަށައި، އެއްބަސްވުމެއްގެ ދެކިކޮޕީވެސް ޑްރާފްޓްކޮށްފައި އޮއްވައި އީރާނަށް ހަމަލާދޭން ފެށީއެވެ.
އީރާނަށް ހަމަލާދިން ފުރަތަމަ ދުވަހު، އީރާނުގެ ރައްޔިތުން ނުހަނު ލޯބިވާ، އަދި ދުނިޔޭގައި އުޅޭ ޝީޢީންގެ ދެވަނައަށް އެންމެ އިސް ދީނީ ޢިލްމުވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލިއެވެ. ނުހަނު މުސްކުޅިފުޅުއިރުވެސް މެއެވެ. އަނބިކަނބަލުންނާއި، އާއިލާގެ ގިނަ ބޭފުޅުންވެސް އަވަހާރަ ކޮށްލީއެވެ. އީރާނުގެ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީއާއި، އީރާނު އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރާއި، އީރާނު ކަނޑުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރާއި، އީރާނުގެ އިންގިލާބީ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރާއި، އީރާނުގެ ނިއުކްލިއަރ އިސް އެތައް ސައިންޓިސްޓުންވެސް އަވަހާރަ ކޮށްލީއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންވެސް އަވަހާރަ ކޮށްލީއެވެ. ގިނަ ބޭފުޅުން އަވަހާރަ ކޮށްލާފައިވަނީ އާއިލާތަކާވެސް އެކުގައެވެ. އެއީ، އެ ބޭފުޅުންގެ ގެކޮޅުތަކަށް ބޮން އަޅައިގެންނެވެ.
އީރާނުގެ އެތައް ވެރީން އަވަހާރަ ކޮށްލުމަށްފަހު އަދި އީރާނުގެ އެތަންމިތަނަށް ވަރުގަދައަށް ބޮންއަޅައި ބޮޑެތި ބޮޑެތި ގެއްލުންތައް ދިނުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދިނީ އަމާން ދިނުމަށެވެ. އީރާނުގެ ވެރިކަމުގައި ބާކީ ތިބި އެންމެނާއި، އިންގިލާބީ ލަޝްކަރާއި، އަސްކަރިއްޔާވެސް އަމާންދިނުމަށް ގޮވާލިއެވެ. އަމާން ނުދީފިނަމަ އެމެރިކާއިން އެ ހުރިހާ އެންމެން “މަރާލާނެ” ކަމަށް ޓްރަމްޕް އިންޒާރު ދިނެވެ. ނަމަވެސް، ޓްރަމްޕް ދިން އިންޒާރުތަކަށް އީރާނު ނުސިހުނެވެ.
އިންޒާރުތަކަށް އީރާނު ކިޔަމަން ނުވުމުން ޓްރަމްޕް ދެން އިއުލާންކުރީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ކުރިއަށްދާ ކަމަށެވެ. އެކަމާ ދުނިޔެއަށް ލިބިގެންދިޔައީ ސިހުމެކެވެ. އެތަކެއް ސުވާލުތަކެއް އުފެދިގެންދިޔައެވެ. ސަބަބަކީ، އީރާނުން އެމެރިކާއާ ވާހަކަ ދައްކަން އެއްބަސްވުމުންނެވެ. ޝައްކުތައް ދެމިގެންދިޔައީ ކުޑަ އިރުކޮޅަކަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ޓްރަމްޕްގެ ވާހަކަތައް ވަގުތުން ދޮގު ކުރެއްވިއެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްވެސް ޓްރަމްޕްގެ ވާހަކަތައް ދޮގުކުރެއްވިއެވެ.
އޭގެފަހުން ހަފްތާއެއް ވެގެންދިޔައިރުވެސް އެމެރިކާގެ ރައީސާއި، އެމެރިކާގެ ޚާރިޖީ ވަޒީރާއި، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ ވާހަކަތައް ކުރިއަށްދާ ކަމަށާއި، ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ. އީރާނުން ގެންދިޔައީ އެކަން ދޮގު ކުރަމުންނެވެ.
އާޚިރުގައި ކަންވެގެން ދިޔަ ގޮތަކީ، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެމެރިކާއިން އީރާނަށް މެސެޖްތަކެއް ރައްދު ކުރީއެވެ. އެއީ ވާހަކަ ދެއްކީކީ ނޫނެވެ. ޕާކިސްތާނާއި، ސައުދީ އަރަބިއްޔާއާއި ތުރުކީން އެތައް މަސައްކަތެއް ކުރިނަމަވެސް އެމެރިކާއާ ވާހަކަ ދައްކަން އީރާނު ދެކޮޅު ހެދުމުގެ ސަބަބުން އެކަން ކުރެވޭގޮތެއް ނުވިއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ބާއްވައި އެއްބަސްވުމަކާ ހަމައަށް ދެވިފައި ވަނިކޮށް 2025 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު އެމެރިކާއިން އިސްރާއީލު ލައްވައި އީރާނަށް ބޮންއަޅަން ފެށީއެވެ. އެމެރިކާއާއި އީރާނާ ދެމެދު އަލުން ބޭއްވި ވާހަކަތައް ނާކާމިޔާބު ވެއްޖެކަމަށް އަމިއްލައަށް ކަނޑައަޅައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މުޖުރިމު ނަތަންޔާހޫއާ ގުޅިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަދުވަހު އީރާނަށް ބޮންއަޅަން ފެށީއެވެ. އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށީއެވެ. އީރާނު އަސްކަރިއްޔާގެ އާރާއި ބާރުފެނި، ދެން ސަލާމަތް ނުވާނެހެން ހީވުމުން ޓްރަމްޕް އަނެއްކާވެސް އުޅުނީ އީރާނު ހައްލާލާށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ ނަމުގައެވެ. އެކަމަކު، ހަނގުރާމައިގެ ކޮންޓްރޯލް އީރާނުގެ އަތުގައި އޮތުމުން އީރާނުންވަނީ އެމެރިކާއަށް ނޫނެކޭ ބުނެފައެވެ. ތިޔައީ އިތުބާރު ކުރެވޭވަރު ބައެއް ނޫންކަމަށް ބުނެފައެވެ.
އެއްބަސްވުމެއްގެ ވާހަކަ ދެއްކުމަށްފަހު ހަނގުރާމައިގައި ދެން ހޭދަވެގެން މިދާ މުއްދަތުގެ ތެރޭގައި ފެނިގެންދަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވައިގެ އުދުވާނީ ހަމަލާތައް އެތައްގުނަ ފުޅާކޮށް ވަރުގަދަކުރަމުންދާ ތަނެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، އީރާނުގެ މިސައިލް ޕްރޮގްރާމްގެ ތަންތަނުގެ އިތުރުން، އީރާނުގެ ފެނާއި ކަރަންޓުގެ ނިޒާމުތަކަށާއި، ސިނާއީ މަސައްކަތްތަކުގެ ހުރިހާ ތަންތަނަށް ހަމަލާތައް ދޭން ފަށާފައި ވެއެވެ.
މީގެއިތުރުން، އީރާނުގެ ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، ރިސާޗް ސެންޓަރުތަކާއި، ގަދީމީ ތާރީޚީ ތަންތަނަށްވެސް މިފަހުން އުދުވާނީ ހަމަލާތައް ދޭން ފަށާފައި ވެއެވެ. އަދި އާންމުންގެ ގެތަކަށްވެސް ގެންދަނީ ބޮންއަޅަމުންނެވެ. އެމެރިކާއާއި އިސްރާއީލުގެ މިހާރުގެ މަގްސަދަކަށް ހަދާފައިވަނީ އީރާނު މުޅިން ސުންނާފަތިކޮށް އަވަހަކަށް ހިންދެމިނުލެވޭވަރު ކޮށްލުންކަން ޓްރަމްޕާއި، ނަތަންޔާހޫގެ ވާހަކަތަކުން އެނގެއެވެ.
ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު އީރާނަށް އުދުވާނީ ހަމަލާތައް ދޭން ފެށުމަށްފަހު އަދި އޭގެފަހުން އީރާނުގެ ވެރިކަމުގައި ބާކީތިބި ހުރިހާ ވެރިންނާއި، އިންގިލާބީ ލަޝްކަރާއި އަސްކަރިއްޔާ ވަގުތުން އަމާންދިނުމަށް ޓްރަމްޕް އިންޒާރުދިނުމަށްފަހު އަދި އޭގެފަހުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އީރާނަށް 15 ނުކުތާ ހިމެނޭ ޕްލޭނެއް ހުށަހެޅުމަށްފަހު، އީރާނުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތު ދޭން ވައިޓް ހައުސްގައި ޕްރެސް ކޮންފަރެންސެއް ރޭގައި ބާއްވައިފިއެވެ. ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ބުނީ، ކުރިއަށްއޮތް 2 ނުވަތަ 3 ހަފްތާ ތެރޭގައި ހަނގުރާމަ ހުއްޓާލާނޭ ކަމަށެވެ. އަދި އެމެރިކާއިން އީރާނު ދޫކޮށްފައި ދާނޭ ކަމަށެވެ.
ޓްރަމްޕް މިހެން ބުނި ނަމަވެސް، އީރާނަށް އެއްގަމުމަގުން އަރައިގަންނަން އޭނާ ގެންދިޔަ ހަނގުރާމައިގެ ބިޔަ ލަޝްކަރު އަދިވެސް މެދުއިރުމަތީގައި އެބަ އޮތެވެ. ދުނިޔޭގެ އިގްތިސާދު “ކޮށިއަރައިގެންދިޔަ” ހޮރްމޫޒް ކަނޑުއޮޅި އަދިވެސް ކުރީގަ އޮތް ހާލަތަކަށް ނާދެއެވެ. އެތަނުގެ ކޮންޓްރޯލް އެމެރިކާއަކަށް ނެގިފައެއް ނުވެއެވެ. އެމެރިކާއިން ހަނގުރާމަ ހުއްޓާލިޔަސް އީރާނުން އެތަން ކުރިން އޮތްގޮތަށް ހުޅުވާލާނެ ކަމަކަށްވެސް ނުބެލެވެއެވެ. ޓްރަމްޕް ތަކުރާރުކޮށް ބުނީ، ހޮރްމޫޒު ހުޅުވުމަކީ އެމެރިކާއާ ވާ ބެހޭވެސް ކަމެއް ނޫން ކަމަށެވެ. ހަނގުރާމައިގައި އެމެރިކާގެ އޮތީ އެންމެ މަގްސަދެއް ކަމަށާއި، އެއީ އީރާނު ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށާއި، އެމެރިކާއިން ވަރަށް ރަނގަޅަށް އެކަން ކޮށްފި ކަމަށް ޓްރަމްޕް، ޕްރެސް ކޮންފަރެންސްގައި ބުނެފައި ވެއެވެ. ޓްރަމްޕް ބުނީ، އީރާނުގެ ވެރިން އަވަހާރަ ކޮށްލުމަކީވެސް އޭނާގެ ހަނގުރާމައިގެ އަމާޒެއް ނޫން ކަމަށެވެ. އެކަން ޓްރަމްޕް މި އެޅުވީ ނަތަންޔާހޫގެ ބޮލުގައެވެ. އީރާނުގެ ވެރިކަން ބަދަލު ކުރެވިއްޖެ ކަމަށް ޓްރަމްޕް ޔަގީން ކަމާއެކު ބުނެފައި ވެއެވެ.
ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކާއި، އެ ވާހަކަތަކުން ދޭހަވި ތަފާތު މާނަތަކަށްފަހު ބުރަ ވެވެނީ، އީރާނު ހަނގުރާމައިން އެމެރިކާއަށް ކާމިޔާބު ލިބިއްޖެކަން އިއުލާންކުރާނެ ގޮތެއް ޓްރަމްޕް ހޯދަމުންދާ ކަމެވެ. ދުނިޔޭގެ ކުރިމަތީގައި ލަދެއްގައި ނުބެދި އީރާނާ ދުރަށް ދެވޭނެ މަގެއް ހޯދަމުންދާ ކަމެވެ. އީރާނާ ދެކޮޅަށް ހަނގުރާމައަށް ދެވުނީ “މޮޔަކުދިންކޮޅެއްގެ” ބަހަށް ހެއްލިގެންކަމަށް ޓްރަމްޕް ކުރިން ދުވަހު ބުނެފައި ވެއެވެ.
އީރާނު ހަނގުރާމައިގެ “ކާމިޔާބީ” ތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް މާދަމާ ގައުމާ މުޚާތަބު ކުރާނެއެވެ. އީރާނު ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަން އިއުލާން ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
އެމެރިކާގެ އާންމުންގެ މެދުގައި އޭނާގެ މަގްބޫލްކަން ރެކޯޑް މިންވަރަކަށް ދަށްވެފައިވާތީ ޕްރެސް ކޮންފަރެންސްގައި އެކަމުގެ ރުޅިވެސް ވައިޓް ހައުސްއަށް ބާލާފައި ވެއެވެ. ގައުމާ މުޚާތަބު ކުރަނީ ރައްޔިތުން ރުއްސަން މޮޅު ވާހަކަތަކެއް ދައްކަން ކަމަށްވެސް ވެދާނެއެވެ.



