އީރާނު ބަލިކޮށްލައިފި ކަމަށް ޓްރަމްޕް ބުނިތާ ވީ އިރުކޮޅެއް، އިސްރާއީލަށް މިސައިލް ފުންޏެއް އޮއްސާލައިފި

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ ސިފައިން ހަމަލާދީ އީރާނުގެ އަސްކަރިއްޔާގެ ގާބިލްކަން ނައްތާލާފައިވާ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކައި ނިމުނުތަނާހެން އީރާނުން މިސައިލްތަކުގެ ފުންޏެއް އިސްރާއީލަށް އޮއްސާލައިފިއެވެ.

އީރާނުން މިސައިލްތައް އުދުއްސާލައިފިކަން އިސްތިއުމާރީ އަސްކަރިއްޔާއިން އިއުލާންކޮށް، މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑުރާ ޖަހަމުން އެބަ ގެންދެއެވެ. މިކަން މި ހިނގީ އެމެރިކާގެ ރައީސް ޓްރަމްޕް، އީރާނަށް ދެވިފައިވާ ނިކަމެތިކަމުގެ ވާހަކަ ދައްކައި ނިމުނުތަނާއެވެ. އެހެންކަމުން، މިއީ ސީދާ އެމެރިކާގެ ރައީސްގެ ތަގްރީރާ ދިމާކޮށް އީރާނުން ދިން ހަމަލާތަކެއް ކަމަށް ގަބޫލުކުރެވިފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އެމެރިކާ ސިފައިން  ވޭތުވެދިޔަ ހަތަރު ހަފްތާ ތެރޭގައި އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރު ނައްތާލެވި، އީރާނު އަސްކަރިއްޔާ ފުނޑުފުނޑުކޮށްލެވި، އީރާނުގެ ގިނަ ވެރިން އަވަހާރަ ކޮށްލެވި، މިސައިލާއި ޑްރޯން ހަމަލާތައް ދިނުމުގެ ގާބިލްކަންވެސް ގާތްގަނޑަކަށް ހުއްޓުވިފައިވާ ކަމަށެވެ. އީރާނުން ބޭނުން ކުރަމުންދިޔަ މިސައިލް ހަމަލާތައް ފޮނުވާލާ ލޯންޗަރުތައް އެމެރިކާ ސިފައިން ކުދިކުދިކޮށްލާފައިވާ ކަމަށާއި، ހަލާކުނުކުރެވި ބާކީހުރީ “ވަރަށް މަދު” އެއްޗެއް ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އީރާނުން އިސްރާއީލަށް މިސައިލް ފުންޏެއް މި އޮއްސާލީ ޓްރަމްޕް އެފަދަ ވާހަކަތައް ދައްކާނޭކަން އެނގި، އޭނާގެ ދޮގުތައް މުޅި ދުނިޔެއަށް ބޭޒާރުކޮށްލަން ދުރާލާ ރާވައިގެން ކަމަށް ބެލެވިފައި ވެއެވެ.

އިސްރާއީލުގެ ޓީވީ ޗެނަލްތަކުން ބުނެފައިވަނީ، ހަނގުރާމައިގައި ޚާއްސަކޮށް ރެއަކީ އީރާނުން އިސްރާއީލުގެ ރަށްތަކަށް މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދިން ރޭ ކަމަށެވެ. ރޭގައި އީރާނުގެ ހަމަލާތައް އަމާޒުނުވާ ހަމަ އެންމެ ސިޓީއެއްވެސް އިސްރާއީލުގައި ނެތްކަމަށް، އިސްރާއީލުގެ އެކި ޗެނަލްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތައް ގޮވައި، ބޮޑެތި އަލިފާންގަނޑުތައް ޖައްވަށް އަރައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާއަށް އޮހެމުން އެބަ ދެއެވެ. ރޭގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވި ކަމުގެ ރިޕޯޓްތައްވެސް ފެތުރެމުން އެބަދެއެވެ.

އީރާނުން ރޭގައި ފޮނުވާލި އެއްވެސް މިސައިލެއް އިސްރާއީލުގެ އަޔަން ޑޯމާއި، އެއަރ ޑިފެންސް އެހެންވެސް ސިސްޓަމަކަށް ނުހުއްޓުވުކަން އިސްތިއުމާރީ އަސްކަރިއްޔާއިން މިއަދު އިއުތިރާފްވެސް ވެފައި ވެއެވެ. ސަބަބުތައްވެސް ބުނެދީފައި ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުން އިސްރާއީލުގެ ރަށްތަކަށް ރޭގައި މުޅިންވެސް ހަމަލާ ދީފައިވަނީ ކްލަސްޓަރ މިސައިލް ބޭނުންކޮށްގެން ކަމަށެވެ. ކްލަސްޓަރ މިސައިލަކީ ހަމަލާދޭ އަމާޒާ ގާތަށް އައުމަށްފަހު ވައިގެ ތެރޭގައި ރޫޅި، އަށްޑިހަވަރަކަށް ކުދި މިސައިލް އެއިން  ވަކިވެ އެއްފަހަރާ ބޮޑު ސަރަހައްދަކަށް ހަމަލާދޭ މިސައިލެވެ. މި މިސައިލްތައް ހުއްޓުވަން އެމެރިކާގެ އެންމެ ޒަމާނީ ތޭޑް އެއަރ ޑިފެންސް ސިސްޓަމްތައްވެސް ވަނީ ނުކުޅެދިފައެވެ.

އީރާނުން އިސްރާއީލުގެ ރަށްތަކަށް ހަމަލާދޭން ކްލަސްޓަރ މިސައިލް ބޭނުންކުރާތީ، އިސްރާއީލުން ވަނީ އެ މައްސަލަ އދއަށްވެސް ހުށަހަޅާފައެވެ. ސަބަބަކީ، ހަނގުރާމައިގައި އެ ބާވަތުގެ ހަތިޔާރު ބޭނުންކުރުމަކީ ދުނިޔޭގައި މަނާކޮށްފައިވާ ކަމަކަށް ވާތީއެވެ. އީރާނުގެ މައްސަލަ އިސްރާއީލުން އދގައި ޖެއްސިއިރު، އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ރަށްތަކަށާއި، ލުބުނާނަށް ހަމަލާދޭން ކްލަސްޓަރ ބޮން ބޭނުންކުރުމަކީ އާންމު ކަމެކެވެ. އެ މައްސަލަ ދުނިޔޭގެ އެތައް ގައުމަކާއި، ޖަމާއަތަކުން އދއަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. އިސްރާއީލު ހިމާޔަތްކުރަން އެމެރިކާ އޮތުމުން ދުނިޔޭގައި މަނާކޮށްފައިވާ އެތައް ހަތިޔާރެއް ސަރަހައްދުގެ ގައުމުތަކުގެ އާންމުންނަށް ހަމަލާދޭން އިސްރާއީލުން ބޭނުން ކުރެއެވެ.

އިސްރާއީލާއި އީރާނުންވެސް ކްލަސްޓަރ ހަތިޔާރު މަނާކުރާ މުއާހަދާގައި ބައިވެރި ނުވެއެވެ.

އިސްރާއީލަށް ރައްދު ހަމަލާތައް ދިނުމުގައި އީރާނުން އަދިވެސް ގެންދަނީ ހަނގުރާމައިގެ ޑިސިޕްލިން ހިފަހައްޓަމުންނެވެ. ކްލަސްޓަރ މިސައިލް ހަމަލާތައް މުޅިންވެސް ދެމުންގެންދަނީ އިސްތިއުމާރީ އަސްކަރިއްޔާގެ ތަންތަނަށާއި، ނިއުކްލިއަރ ތަންތަނަށާއި، ޒަޔަނިސްޓު ދައުލަތުގެ ތަންތަނާއި، އެމީހުންގެ ވެރިން ދިރިއުޅޭ ތަންތަނަށެވެ. އާންމު ތާކަށް ހަމަލާއެއް އެރިނަމަ އެއީ، އާންމުން ދިރިއުޅޭ ސަރަހައްދު އައްޑަނައަކަށް ހަދައިގެން އިސްތިއުމާރީ ދައުލަތުގެ ވެރިން ތިބުމުން ދިމާވާ ކަންކަމެވެ. އާންމުން ދިރިއުޅޭ ސަރަހައްދަކަށް ހަމަލާ ދޭނަމަ، އީރާނުން ދުރާލާ އިންޒާރު ދެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި އުދުވާނީ ހަނގުރާމަ “ނިންމަން” އެމެރިކާގެ ރައީސް ޓްރަމްޕް ހިފާފައި ވާއިރު، ޓްރަމްޕް ބުނީ އެމެރިކާއިން ހަނގުރާމަ ނިންމާލާނީ އީރާނު “ހިލައިގެ ޒަމާނަށް” އަލުން ގެންދިއުމަށް ފަހުގައި ކަމަށެވެ. މާނައަކީ، އެމެރިކާއިން އީރާނު މުޅީން އިނދަޖައްސާލާނޭ ކަމެވެ.

ޓްރަމްޕް ގައުމާ މުޚާތަބުކޮށް ދެއްކި ވާހަކައިގައި ބުނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ މިހާރުވެސް ކާމިޔާބުވެއްޖެ ކަމަށެވެ. އެގޮތުން، އެމެރިކާ ސިފައިންނަށް ހާސިލްވި ކަމަށް ގަބޫލުކުރާ ބައެއް ކަންކަން ޓްރަމްޕް ހާމަކުރިއެވެ.

ހަނގުރާމަ ކާމިޔާބު ވެއްޖެ ކަމަށް ބުނެފައި ދެން އެހެން ގައުމުތަކަށް އަންގަނީ ހޮރްމޫޒު ހުޅުވަން ދިއުމަށެވެ. ތަގްރީރުގައި ގިނައިން ޓްރަމްޕް ދެއްކީ މި ހަފްތާ ތެރޭގައި އެމި ޕްލެޓްފޯމްތަކުގައި އޭނާ ދައްކާފައި ހުރި ވާހަކަތަކެވެ. އައު ވާހަކައެއް ނުދައްކައެވެ. އީރާނަށް އައު އިންޒާރެއްވެސް ނުދެއެވެ. “އީރާނު ހިލައިގެ ޒަމާނަށް އެނބުރި ފޮނުވާލާނެ” ކަމަށް ބުނުމަށްފަހުވެސް އަންގަނީ ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭގައި އެއްބަސްވުމެއް ހެދުމަށެވެ. ނުހަދައިފިނަމަ އިންޖީނުގެތައް ގޮއްވާލާނެ ކަމަށެވެ. މިއީ މީގެކުރިން އެތައް ފަހަރަކު ދީފައިވާ އިންޒާރުތަކެވެ.

ޓްރަމްޕް ގައުމާ މުޚާތަބުކޮށް ދެއްކި ވާހަކަތަކަށް ދިރާސީ ނަޒަރަކުން ބެލި ބައެއް މުހައްލިލުން ވިދާޅުވަނީ، އެމެރިކާއަށް ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރި ނަމަވެސް، ޓްރަމްޕް ދެއްކި ހުރިހާ ވާހަކަތަކަށް ބަލާއިރު، އެ ތަގްރީރަކީ “އީރާނު” ހަނގުރާމަ ކާމިޔާބު ކޮށްފިކަން އިއުލާން ކުރެވިގެންދިޔަ ތަގްރީރެއް ކަމަށެވެ. ހަނގުރާމައިގެ މައިދާނުން އީރާނު އެހެރަ ގެންދަނީ އެކަން ސާބިތުކޮށްދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ