އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުން ދެމުންގެންދާ ހަމަލާތަކުގައި ފަހަރެއް ފަހަރަކަށް ދުވަހެއް ދުވަހަކަށް މުޅި އައު ބާވަތްތަކުގެ މިސައިލްތައް ބޭނުން ކުރަމުންދާކަން އެންމެންވެސް ފާހަގަ ކުރެއެވެ.
އީރާނުން ފުރަތަމަ ރައްދު ހަމަލާތައް ދޭން ބޭނުންކުރީ ސްޓޮކްގައި ހުރި ދުވަސްވީ މިސައިލްތަކެވެ. އޭގެފަހުން، ފަހުގެ އުފެއްދުންތަކެވެ. އޭގެފަހުން މިހާރު ބޭނުންކުރަން ފަށާފައިވަނީ އެންމެ ފަހުގެ އުފެއްދުންތަކެވެ. މިސައިލްތަކުގެ ތެރޭގައިވެސް، ކުރުރާސްތާ، މެދުރާސްތާ އަދި ދުރުރާސްތާ މިސައިލްތައް ބޭނުން ކުރަމުން ގެންދެއެވެ. މިސައިލް ތަކުގެ ތެރޭގައިވެސް އެތައް މަރުކާއެއްގެ މިސައިލް ހިމެނެއެވެ. އެއް މަރުކާއަށްވުރެ އަނެއް މަރުކާ މޮޅެވެ.
މިސައިލްތަކުގެ ތެރޭގައި ބެލިސްޓިކް މިސައިލާއި، ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، ކްލަސްޓަރ މިސައިލްވެސް ހިމެނެއެވެ. މިއީ، ތަފާތު ބަރުދަންތަކުގެ ވޯރހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެވެ.
އީރާނުން، ޒަޔަނިސްޓު އިސްރާއީލަށާއި، އަދި ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާ އަސްކަރިއްޔާގެ ތަންތަނަށާއި، އަދި އެމެރިކާއާއި ޒަޔަނިސްޓު ދައުލަތާ ގުޅުންހުރި ސިނާއަތްތަކަށް މިހާރު ދެމުންގެންދާ ރައްދު ހަމަލާތަކުގައި އެންމެފަހުން ބޭނުންކުރަން ފަށާފައިވަނީ އަޔަން ޑޯމާއި، އެއަރ ޑިފެންސް އެހެން ސިސްޓަމްތަކާއި އަދި ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު ކަމަށްބުނާ ތޭޑް ސިސްޓަމަށްވެސް ހުއްޓުވަން ނުކުޅެދިފައިވާ މިސައިލްތަކެވެ. އެއީ ހަމައެކަނި ކްލަސްޓަރ މިސައިލްތަކެއް ނޫނެވެ. އީރާނުން މިހާރު ރައްދު ހަމަލާދޭން ބޭނުންކުރާ މިސައިލްތައް ވައްޓާލުމުގައި، އިސްރާއީލާއި، ސަރަހައްދުގެ ގައުމުތަކުގައާއި، ކަނޑުގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާއާއި، އިނގިރޭސީންގެ އެއަރ ޑިފެންސް ސިސްޓަމްތަކަށްވެސް މިހާރު ކުޅަދާނައެއް ނޫނެވެ.
އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ ކުރަމުންގޮސް، މިހާރު މިވަނީ އެމެރިކާގެ އަގުބޮޑު ޑްރޯންތަކާއި، ހަނގުރާމަމަތީ އެންމެ މޮޅެތި ޖެޓުތަކާއި، ހަނގުރާމަމަތީ މަތިންދާ ބޯޓުތައްވެސް ވައްޓަން ފަށާފައެވެ. އެމެރިކާ އަސްކަރިއްޔާއިން ފަޚުރުވެރިކަމާއި ބޮޑާކަމާއެކު ވައްޓާ ނުލެވޭނެ ކަމަށް ބުނަމުންދިޔަ އެތައް ޖެޓެއް އީރާނުން މިވަނީ ވައްޓާލައި އެމެރިކާ މުޅި ދުނިޔެއަށް ބޭޒާރު ކޮށްލާފައެވެ. އެމެރިކާގެ އަސްކަރިއްޔާއަކީ ބަލިކަށި ބައެއްކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެފް-15، އެފް-16، އެފް-35 ގެ ޖެޓުތައްވެސް އީރާނުން ވައްޓާލާފައި ވެއެވެ. ހޮރްމޫޒު މަތިން އުދުހުނު އެތައް ޖެޓަކަށްވެސް ހަމަލާދީ ކަނޑަށް ވައްޓާލާފައި ވެއެވެ.
ހަނގުރާމަމަތީ ޖެޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އަޅައިދޭ އަސްކަރީ މަތިންދާ ބޯޓުތައްވެސް އީރާނުން ވަނީ ވައްޓާލާފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ވަރުގަދަ އެތައް ހެލިކޮޕްޓަރެއްވެސް އީރާނުން ވައްޓާލާފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ބޮޑެތި ހެލިކޮޕްޓަރުތަކާއި ކުދި އެއްޗެހިވެސް ހިމެނެއެވެ.
އީރާނުގެ ރަށްތަކާއި، އަސްކަރީ ތަންތަނާއި، ހަމަލާދޭނޭ ތަންތަން ފާހަގަކުރަން އީރާނު މަތީގައި އުދުހުނު އަގުބޮޑު އެތައް ޑްރޯންއެއްވެސް އީރާނުން ވައްޓާލާފައި ވެއެވެ. އީރާނުން ވައްޓާލި އެމެރިކާގެ ޑްރޯންތަކުގެ އަދަދު ސަތޭކައިން މައްޗަށް އަރާފައި ވެއެވެ.
އީރާނުގެ ފަރާތުން މިހާރު ފެންނަމުންދާ އަސްކަރީ ބާރުގަދަކަމާއި، ކުޅަދާނަކަމާއި، އީރާނުން ގެންގުޅޭ ހަތިޔާރުގެ މޮޅުކަމާހެދި އެމެރިކާ ސިފައިން މިހާރު ތިބީ ފިކުރު ބޮޑުވެފައެވެ. އެއީ، އެއްގަމުމަގުން އީރާނަށް އެރުމަށް އެމެރިކާގެ ރައީސް އަންގާފައި ވާތީއެވެ. އެއްގަމުމަގުން އަރައިފިނަމަ އެމީހުންނަށް ވާނޭގޮތުގެ ތަސައްވުރު މިހާރު މައިދާނުން ދަނީ ފެންނަމުންނެވެ. އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ އިސްރާއީލަށްޓަކައި ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ އެއްގަމުމަގުން އީރާނަށް އަރަން ސިފައިން ނުފޮނުވާނޭ ކަމަށެވެ.
ކޮންމެއަކަސް، އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން އީރާނަށް އުދުވާނީ ހަމަލާތައް ދެމުންގެންދާތާ 37 ދުވަސް ވެފައިވާއިރު، އީރާނުގެ ވެރިކަން ބަދަލު ނުކުރެވި، އީރާނުގެ ސިފައިންވެސް ބަލިނުކުރެވުމުން ޓްރަމްޕާއި، ޒަޔަނިސްޓު ދައުލަތުން މިހާރު ގެންދަނީ އީރާނުގެ އާންމު ރައްޔިތުންނަށް އެކަމުގެ އަދަބުދިނުމަށް މަސައްކަތް ކުރަމުންނެވެ. އީރާނުގެ އާންމުންނާ ގުޅުންހުރި އިންފްރާސްޓްރަކްޗަރއަށް މިހާރު ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އެ ހަމަލާތަކުގައި އެތަކެއް އާންމުން ދަނީ މަރުވަމުންނެވެ.
އެމެރިކާއާއި އިސްރާއީލުގެ އުދުވާނުތައް އީރާނުގެ އާންމު ރައްޔިތުންނަށާއި، އާންމު ތަންތަނަށް އަމާޒުކޮށް އަދި މުޅި އީރާނު ހަލާކުކޮށް ސުންނާފަތި ކޮށްލަން ދިމާކުރުމުން އީރާނުގެ އަސްކަރިއްޔާ މިހާރު މިވަނީ ވަރުގަދަ ކަމަކަށް ތައްޔާރުވެފައެވެ. އެއީ، އެމެރިކާއާއި އިސްރާއީލަށް ވަރުގަދަ ސަޕްރައިޒެއް ދިނުމަށެވެ. އެއީ ކޮން ކަހަލަ ސަޕްރައިޒެއް ކަމެއް އީރާނު އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ “އެކަމަށް ނަގާނީ ވަގުތުކޮޅެއް” ކަމަށާއި، އެކަން ވެގެންދާނީ ދުނިޔެ ގަރުނުތަކެއް ވަންދެން ހަނދާން ހުންނާނެ ސަޕްރައިޒަކަށް ކަމަށެވެ.
އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުގެ ތަންތަނަށް އީރާނުން އަދި ހަމަލާތައް ދެމުންގެންދަނީ އަމިއްލަ ގައުމުގައި ތިބެގެންނެވެ. އެއީ އެއްގަމު ސިފައިންނާއި، ވައިގެ ސިފައިން ގުޅިގެންނެވެ. ހޮރްމޫޒްގައި ކަނޑުގެ ސިފައިން ގެންދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އީރާނު އަސްކަރިއްޔާއިން އަދި މިހާތަނަށް ނުފެންނަނީ އީރާނު އަސްކަރިއްޔާގައި ހިމެނޭ ވައިގެ ލަޝްކަރެވެ. އެ ލަޝްކަރުގައި އެންމެ ޒަމާނީ އެތަކެއްހާސް ހަނގުރާމަމަތީ ޖެޓު އެބަހުރި ކަމަށް ވެއެވެ. އޭގެ ތެރޭގައި އީރާނުގެ އަމިއްލަ އުފެއްދުންތަކާއި، އެކުވެރި ގައުމުތަކުން މިފަހުން ގަނެފައިވާ ޖެޓުތައްވެސް އެބަހުއްޓެވެ. ރިޕޯޓްތައް ބުނަނީ، އީރާނުން ވައިގެ ލަޝްކަރު އުދުއްސާލާނީ، ދުޝްމަނުންގެ އެއަރ ޑިފެންސް ހުރިހާ ސިސްޓަމްތަކެއް ހަލާކުކޮށްލެވުމުން ކަމަށެވެ. އީރާނުން މިހާރު އެކުރަނީ އެމަސައްކަތެވެ.
އީރާނުގެ ސަޕްރައިޒަކީ އެއީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެއީ އީރާނުގައި އަދި މިހާތަނަށް ބޭނުންނުކޮށް ހުރި ބާރުގަދަ މިސައިލްތައް ބޭނުންކުރަން ފެށުން ކަމަށްވެސް ވެދާނެއެވެ.
ޔަގީންވާ ކަމަކީ، ހަނގުރާމައިގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައި ކަމެވެ. އެމެރިކާގެ ރައީސްގެ އެތައް އިންޒާރަކާއި، އެތައް ހުށަހެޅުމަކަށް އީރާނުން ތަކުރާރުކޮށް ނޫނެކޭ ބުނަމުންދާ ދިއުމުންވެސް، ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައިކަން ވަރަށް ސާފެވެ.
ހަފްތާ ބަންދު ޗުއްޓީއަށާއި، ގޮލްފް ކުޅެން ފްލޮރިޑާއަށްވެސް ނުގޮސް، މީޑިއާ ކުރިމައްޗަށްވެސް ނުނިކުމެ، އާންމު އެއްވެސް އިވެންޓަކަށްވެސް ނުދާން ނިންމައި، ވައިޓް ހައުސްގެ ބަންދު ކޮޓަރިއެއްގައި ޓްރަމްޕް އެކަނިމާއެކަނި ހުރީ ކަމެއްވީމާތާއެވެ.



