އީރާނާއެކު ވާހަކަ ދައްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުވި ވަފުދަށް ބަލާލުމުންވެސް، އީރާނާ ވާހަކަ ދައްކައި އެއްބަސްވުމެއް ހަދަން އެމެރިކާގެ ރައީސް ސީރިއަސް ނޫންކަން މާ ކުރިންވެސް ގިނަ ބަޔަކު ބުނަން ފެށިއެވެ.
ވަފުދުގެ ވެރިޔަކަށްލީ ނައިބް ރައީސް ޖޭޑީ ވެންސްއެވެ. ވަފުދުގެ ވެރިޔަކަށް ޖޭޑީ ވެންސް ލީ، ކުރިން ދެފަހަރު ގޮތަށް އެމެރިކާގެ ވަފުދުގެ ވެރިންގެ ގޮތުގައި، ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފާއި، ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރ ލައިގެން ވާހަކަ ނުދައްކާނޭ ކަމަށް އީރާނުން ބުނުމުން ޓްރަމްޕަށް ދެން އެހެން ގޮތެއް ނެތިގެންނެވެ.
ޖޭޑީ ވެންސަކީ މިބާވަތުގެ ކަންކަމުގެ ތަޖުރިބާ މަދު މީހެކެވެ. ޚާއްސަކޮށް އެމެރިކާއިން އީރާނާ ވާހަކަ ދައްކަން ބޭނުންވާ ހައްސާސް މައްސަލަތަކުގައެވެ. ޑިޕްލޮމެސީގައި ޖޭޑީ ވެންސަކީ ހިތްވަރެއް ހުރި މީހެއް ނޫނެވެ.
ސްޓީވް ވިޓްކޮފަކީ ޓްރަމްޕްގެ ވިޔަފާރީގެ ޕާޓްނަރެކެވެ. އޭނާގެ ހުރިހާވެސް ވިސްނުމެއް ހުންނަނީ އޭނާއާއި ޓްރަމްޕްގެ ވިޔފާރީގެ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ މައްޗަށެވެ. ވިޓްކޮފްގެ ބައިވަރު ވިޔަފާރިތައް މެދުއިރުމަތީގެ ގައުމުތަކުގައި އޮވެއެވެ.
އެމެރިކާގެ ވަފުދުގައި ޓްރަމްޕް ދެން ހިމެނީ، އޭނާގެ މުޝީރަކަށް ލައިގެން އުޅޭ ދަނބިދަރި ޖެރެޑް ކުޝްނަރއެވެ. އެއީ ޒަޔަނިސްޓެކެވެ. އިސްރާއީލު ހިމާޔަތްކުރަން ގަދަފައި ވިއްދައިގެން ހުންނަ މީހެކެވެ. އޭނާގެ އެތައް ވިޔަފާރިއެއް، ވިޔަފާރީގެ މަސްލަހަތުތަކެއް މެދުއިރުމަތީގައި އޮވެއެވެ.
ސްޓީވް ވިޓްކޮފާއި، ޖެރެޑް ކުޝްނަރއަކީ ސިޔާސީ ބޮޑެތި ކަންކަމުގައި ވާހަކަ ދައްކައި ހައްލުތައް ހޯދޭ ވަރަށްވުރެ ތަޖުރިބާއާއި ހިކުމަތް މަދު ދެމީހުންނެވެ. އީރާނާއެކު ވާހަކަ ދައްކަން އެދެމީހުން ފޮނުވައިގެން ކުރިން ދެފަހަރުވެސް ވީގޮތް އެންމެނަށް އެނގެއެވެ.
އީރާނުން ދެކޮޅު ހެދުމުންވެސް، ނައިބް ރައީސްއާއެކު ޓްރަމްޕްވަނީ އެދެ މީހުން އިސްލާމްއާބާދަށް ފޮނުވާފައެވެ. ކުރިން ފަހަރުތަކާ ޚިލާފަށް އިސްލާމްއާބާދު ވާހަކަތައް ކުރިއަށް ދިޔައީ ސީދާ ސީދާ ބައްދަލުކޮށްގެންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވާހަކަތަކުގައި ސްޓީވް ވިޓްކޮފް އީރާނާ އެއްބޮޑަށް އަރާރުންވީ ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލާގައެވެ. އެކަމުގައި އޭނާ ޒުވާބުކުރީ އީރާނުގެ ޚާރިޖީ ވަޒީރު ޑރ. އައްބާސް އަރަޣްޗީއާއެވެ. ވާހަކަތައް ކުރިއަށްދިޔަ މާހައުލުގެ ކަންކަން އެނގޭ ތުރުކީގެ ނޫސްވެރިޔަކު ބުނެފައިވަނީ، ހޮރްމޫޒު މައްސަލާގައި ޒުވާބު ހޫނުވެގެންގޮސް ވިޓްކޮފާއި އަރަޣްޗީ “ގަޔަށް އަތްނުލީ ކިރިޔާ” ކަމަށެވެ.
އެއިންވެސް ހާމަވީ، ވިޓްކޮފްގެ ހުރިހާވެސް ކަންބޮޑުވުމަކީ ވިޔަފާރީގެ މަންފާ ކަމެވެ. ހޮރްމޫޒު ނުހުޅުވައިގެން އެކަމާ އުފެދިގެން އުޅޭ ކަންބޮޑުވުމެވެ. އޭނާއާއި ޖެރެޑް ކުޝްނަރއާއި ޓްރަމްޕަށް ތެލުން ލިބޭ އާމްދަނީ މަދުވެގެން އެކަމުގެ ރުޅިވެރިކަން އުފެދިގެން އުޅޭކަމެވެ.
އީރާނުން އުޅެނީ އެގައުމުގެ ރައްޔިތުންނާއި، އީރާނުގެ މިނިވަންކަމާއި އިސްތިގްލާލުގެ ހިމާޔަތުގައެވެ. އީރާނުގެ ވަފުދުގައި އިސްކޮށް ތިއްބެވީ ޢިލްމީ ބޭފުޅުންނެވެ. ތަޖުރިބަކާރު ހިކުމަތްތެރި ބޭފުޅުންނެވެ. މާޒީގައި އެކަން ދައްކަވާފައިވާ ބޭފުޅުންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް އުދުވާނީ ހަމަލާތައް ދޭން ފެށުމުގެކުރިން ހޮރްމޫޒު ކަނޑުއޮޅި އޮތީ ތަންމިނަށް ހުޅުވާލާފައެވެ. އެ ކަނޑޮއޮޅިން ދަތުރުކުރާ އެއްވެސް ތެޔޮ ޓޭންކަރަކަށް އާގުބޯޓަކަށް އީރާނުން ހުރަހެއް ނާޅައެވެ. އެ ކަނޑުއޮޅީގެ ބޮޑު ބަޔަކީ އީރާނުގެ އިސްތިގްލާލުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ނަމަވެސް، އެ ކަނޑުއޮޅިން ފީއެއް ނަގާކަށްވެސް އީރާނުން ކުރިން ނުވިސްނައެވެ.
ހުރިހާކަމެއް ބަދަލުވެގެން ދިޔައީ އެމެރިކާއާއި އިސްރާއީލުގެ ސަބަބުންނެވެ. އީރާނުން ހޮރްމޫޒު ބަންދުކޮށް އަދި އެ ކަނޑުއޮޅިން ފީއެއް ނެގުމުގެ ވާހަކަ ދައްކަން ފެށުމުން އެމެރިކާއިން މަސައްކަތް ފެށީ އެކަން ވިޔަނުދިނުމަށެވެ. އެމެރިކާއާއި ދުނިޔޭގެ އިގްތިސާދަށް އެކަމުން ލޮޅުން އަރާތީއެވެ.
އެކަމަކު މައްސަލަ ހައްލުކުރަން ވާހަކަ ދައްކަން ޓްރަމްޕް ފޮނުވީ “ވާންޗޯ” ވަފުދެކެވެ. އިސްލާމްއާބާދުގައި 21 ގަޑިއިރު ވާހަކަ ދެއްކިއިރު އެތަކެއް ފަހަރު ބްރޭކް ނެގިއެވެ. އެއީ، ދެފަރާތުން ހުށަހަޅާ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމަށެވެ.
އެމެރިކާ ވަފުދުގެ ވެރިޔާ ޖޭޑީ ވެންސް ޕާކިސްތާނުން ފުރަން ނިންމީ ކުއްލިއަކަށެވެ. ޖެޑީ ވެންސް ކުއްލިގޮތަކަށް ފުރަން ނިންމުމުން، ވާހަކަތަކުން އެއްވެސް އެއްބަސްވުމެއް ނުހެދޭތީއާއި، ބޮޑެތި އިޝޫތަކަށް ހައްލު ނުހޯދޭތީ އޭނާ މަޑުކުރުވަން ޕާކިސްތާނުން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް، ޖޭޑީ ވެންސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ.
ކަންވީގޮތުގެ ތަސައްވުރެއް ލިބުނީ ފަހުންނެވެ. ޕާކިސްތާނުން ފުރުމުގެކުރިން އެމެރިކާގެ ނައިބް ރައީސް 4 މިނެޓުގެ ޕްރެސް ކޮންފަރެންސެއް ބޭއްވިއެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ، އީރާނާއެކު ބޭއްވި 21 ގަޑިއިރުގެ ވާހަކަތަކުގެ ތެރޭގައި ނެގި ބްރޭކްތަކުގައި އޭނާ ރައީސް ޓްރަމްޕަށް 12 ވަރަކަށް ފަހަރު ފޯނުން ގުޅައި ވާހަކަ ދެއްކި ކަމަށެވެ. ވާހަކަ ދައްކައި މަޝްވަރާ ހޯދަނީ އީރާނުން ހުށަހަޅާ ނުކުތާތަކާ ގުޅޭގޮތުންނެވެ.
އަވަސްކުރަން ހަދައިގެން އެމެރިކާ ވަފުދުގެ ވެރިޔާ ޕާކިސްތާނުން ފުރައިގެންދިޔައީ، ޕްރޮޓޮކޯލްގައި ކަނޑައަޅާފައިވާ ގޮތަށް ޕާކިސްތާނު ސަރުކާރުގެ ބައެއް ވެރިންނާ ވަދާއުގެ ސަލާންވެސް ނުކޮށެވެ.
ޖޭޑީ ވެންސްގެ ވާހަކައިން އެނގުނީ އީރާނާ ވާހަކަ ދައްކަން އެމެރިކާގެ ވަފުދުގެ ވެރިޔަކަށް އޭނާ ފޮނުވިއިރު، އޭނާއަށް އެއްވެސް އިޚްތިޔާރެއް ދީފައި ނެތްކަމެވެ. އެއްވެސް ކަމެއް ނިންމުމުގެ ބާރެއް ދީފައި ނެތްކަމެވެ. ވާހަކަ ދެކެވެމުންދާ ނުކުތާގައި އަމިއްލަ ޚިޔާލެއް ފާޅުކުރުމުގެ އިޚްތިޔާރެއްވެސް ދީފައި ނެތްކަމެވެ. އެއީ، ހަމައެކަނި ނަމެއްގައި ފޮނުވާފައި ހުރި މީހެއް ކަމެވެ.
ޖޭޑީ ވެންސްއާއެކު ޕާކިސްތާނަށް ދެން ފޮނުވާފައި ތިބީ އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫގެ ދެ އޭޖެންޓުންނެވެ. އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތައް ނާކާމިޔާބު ކޮށްލަން އަޒުމު ކަނޑައަޅައިގެން ތިބި ދެމީހުންނެވެ. ވާހަކަތަކުގެ ހުރިހާ މައުލޫމާތެއް ނަތަންޔާހޫއާ ހިއްސާކުރާ ދެމީހުންނެވެ.
އެމެރިކާ ވަފުދުގެ ވެރިޔާ ޖޭޑީ ވެންސް ވަރަށް ކުއްލި ގޮތަކަށް ޕާކިސްތާނުން ފުރައިގެން ދިޔަފަހުން އެހެން ރިޕޯޓެއްވެސް ވަނީ ފެންމަތިވެފައެވެ. އެއީ، އީރާނާއެކު ބޭއްވުނު ވާހަކަތައް މެދުކަނޑާލައި އެމެރިކާގެ ނައިބް ރައީސް ކުއްލިގޮތަކަށް ފުރަން ނިންމީ ނަތަންޔާހޫގެ ފޯނު ކޯލަކަށް ފަހުގައި ކަމަށް ބުނާ ރިޕޯޓެކެވެ. ނަތަންޔާހޫއާއި ޖޭޑީ ވެންސްއާ ދެމީހުންގެ ދެމެދުގައި ފޯނުން ވާހަކަތަކެއް ދެކެވުނު ކަމަށް ބުނާ ރިޕޯޓެކެވެ.
އީރާނާއެކު ވާހަކަ ދެއްކުން ހުއްޓާލައި ވީހާވެސް އަވަހަކަށް އެނބުރި ގައުމަށް ދިއުމަށް ޖޭޑީ ވެންސް ނިންމީ ނަތަންޔާހޫ “އެންގުމުން” ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވެސް ވަނީ މިކަން މިގޮތަށް ހިނގިކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
މިއީ ކަން ވެދާނެގޮތް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. ސަބަބަކީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އިސްރާއީލު ބުނެގެން އަދި އިސްރާއީލަށް އެހީތެރިވުމުގެ ގޮތުން ކަމަށް ޚުދު ނަތަންޔާހޫ މިއަދު ބުނެފައިވާތީއެވެ. އީރާނާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމަ އަދި ނުނިމޭ ކަމަށްވެސް ނަތަންޔާހޫ ބުނުމާ ގުޅިގެންނެވެ. އިސްރާއީލަށް ނާންގައި ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމެއް ހެދުމުން ނަތަންޔާހޫ އާއި، އިސްރާއީލުގެ ވެރިން ވަރަށް ރުޅިވެސް އައެވެ.
އެހެންވެ، ދުނިޔޭގެ ގިނަ ބަޔަކު އިންތިފާގުވި އެއްކަމެއް އޮތެވެ. އެއީ، އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ވާހަކަތައް ނާކާމިޔާބު ކޮށްލަން ކުރެވެންހުރި ހުރިހާކަމެއް އިސްރާއީލުން ކުރާނެކަމެވެ. އަދި އެމެރިކާގެ ވެރިންނަށް ދެއްކެންއޮތް ހުރިހާ ބިރެއް އިސްރާއީލުންނާއި، އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކުން ދައްކާނޭ ކަމެވެ. އެއޮތީ އެތަން ފެންނާށެވެ.
ޖޭޑީ ވެންސް އިސްލާމްއާބާދުގައި ސީރިއަސް ވާހަކަތަކެއް ދައްކަން ހުރިއިރު، ނަތަންޔާހޫ އަންގައިގެން ޓްރަމްޕް ދިޔައީ ސަރަހައްދަށް އިތުރު ލަޝްކަރުތައް ޖަމާކުރަމުންނެވެ. ސޯޝަލް މީޑިއާގައި އީރާނަށް ފުރައްސާރަ ކުރަމުންނެވެ. ވާހަކަތައް ފެއިލްކޮށްލަން ނަތަންޔާހޫ، ޖޭޑީ ވެންސަށް ކުރީ އެންމެ ފޯނުކޯލެކެވެ.



