އެމެރިކާގެ ރައީސް ޑޮނަލްޑް އުޅެނީ ޕްރެޝަރކޮށްގެން އީރާނު ލައްވައި އަމާންދިނުމަށް ކަމަށާއި، ހަމަހިލާ އީރާނުން އަމާން ނުދޭނޭ ކަމަށް، އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ.
އީރާނު ޕާލަމެންޓްގެ ރައީސަކީ، އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވާ ވަފުދުގެ އެންމެ އިސް ވެރިޔާވެސް މެއެވެ.
ސޯޝަލް މީޑިއާގައި މިރޭ ޕޯސްޓް ކުރެއްވި މެސެޖެއްގައި އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، އިންޒާރުތަކުގެ ހިޔަނިތަކުގެ ދަށުގައި ތިބެގެން ކުރެވޭ މަޝްވަރާތަކަކީ އީރާނު ގަބޫލުކުރާ އެއްޗެއް ނޫން ކަމަށެވެ.
މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ކަނޑުގެ މަގުތައް ބްލޮކްކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފްވެފައި ކަމަށެވެ. އެ ހާލަތުގައިވެސް ޓްރަމްޕް މަސައްކަތް ކުރަނީ އީރާނު ވާހަކަތަކުގެ މޭޒުދޮށަށް ގެނައުމަށް ކަމަށާއި، އޭނާ އުޅެނީ އީރާނު މޭޒޮދޮށަށް ގެންގޮސް އީރާނު ލައްވައި އަމާންދިނުމަށް ކަމަށެވެ.
އެމެރިކާއަށް އިންޒާރު ދެއްވަމުން އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި އައު ކަންތައްތައް ހާމަކުރުމަށް އީރާނު އޮތީ ތައްޔާރުވެފައި ކަމަށާއި، މިދިޔަ ދެ ހަފްތާގައި އީރާނުން ކުރީ އެކަންތައް ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެއްބަސްވުމެއް ހެދުމުގެ ނަމުގައި އެމެރިކާއިން މީގެކުރިން ދެފަހަރެއްގެ މަތިން އީރާނު މަޝްވަރާގެ މޭޒުދޮށަށް ގެނައުމަށްފަހު އީރާނަށް އަސްކަރީ ހަމަލާތައް ދީފައި ވެއެވެ. އެހެންވެ، އީރާނުގެ ވެރިން ވިދާޅުވަމުން ގެންދަވަނީ އީރާނުން އެމެރިކާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށެވެ.
އެހެންވެ، ޕާކިސްތާނުގައި އިހަށްދުވަހު ބޭއްވި ވާހަކަތަކަށް އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަޑައިގެންނެވިއިރު، އެބޭފުޅުން ވިދާޅުވެފައިވަނީ ވާހަކަތަކަށް އައީ އެއްވެސް އެއްބަސްވުމެއް ހެދޭނޭކަމުގެ އެއްވެސް އުންމީދެއް އޮވެގެން ނޫން ކަމަށެވެ.
ވާހަކަތަކުން ނަތީޖާއެއް ނުކުންނާނީ އެމެރިކާގެ ރައީސް ޓްރަމްޕް އެމެރިކާގެ މަސްލަހަތަށް އިސްކަންދީގެން މަޝްވަރާކޮށްފިނަމަ ކަމަށާއި، އިސްރާއީލުގެ މަސްލަހަތު އިސްކޮށްގެން ވާހަކަ ދައްކާނަމަ ނަތީޖާއެއް ނުނިކުންނާނޭ ކަމަށް އީރާނުން ބުނަމުން ގޮސްފައި ވެއެވެ.
ކަން ވީވެސް އީރާނު ބުނިގޮތަށެވެ. އިސްލާމްއާބާދު ވާހަކަތަކުގައި އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް މުޅިންވެސް އިސްކުރީ އިސްރާއީލު ބޭނުންވާ ކަންތަކެވެ. އިސްރާއީލު ބޭނުންވާ ގޮތަށް އީރާނު ލައްވައި ކަންކަމަށް އެއްބަސްކުރުވަން މަސައްކަތް ކުރީއެވެ. އީރާނުން ދޫނުދިނުމުން، ނަތަންޔާހޫ އަންގައިގެން އެމެރިކާގެ ނައިބް ރައީސް ކުއްލިއަކަށް ފުރައިގެންވެސް ދިޔައީއެވެ.
އެމެރިކާއިން ދެވަނަ ބުރުގެ ވާހަކަތައް ބާއްވަން ބޭނުންވަނީ އީރާނު ބޭނުންވެގެންނެއް ނޫނެވެ. އެމެރިކާ ބޭނުންވެގެންނެވެ. އެއީ، އީރާނުގެ މައްޗަށް އެއްވެސް ކަމެއްގައި އެމެރިކާއަށް ކުރި ނުހޯދިގެންނެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާ ބޭނުންކުރާ ތަނެއް ނޫންކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ކިތަންމެ ވަރަކަށް ބުނިނަމަވެސް، އެތަނުގެ ބޭނުން އެންމެބޮޑުވެފައި ވަނީ އެމެރިކާއަށްކަން އެންމެނަށްވެސް އެނގެއެވެ. އެހާވަރުން ހޮރްމޫޒު ނުހުޅިގެން ޓްރަމްޕް އުޅެނީވެސް އެހެންވެގެންނެވެ.
އީރާނުގެ ކިބައިން އެމެރިކާގެ ރައީސަށް ސަލާމަތް ނުވެވިގެންއުޅޭ މައިގަނޑު ސަބަބަކީ މުޖުރިމު ނަތަންޔާހޫއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ނަތަންޔާހޫ އަންގައިގެންނެވެ. ނަތަންޔާހޫ އިއްޔެވެސް ބުނީ އީރާނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަފެށި މައިގަނޑު ކަންތައް “އަދި ނުނިމޭ” ކަމަށެވެ. އެކަން ކުރިއަށް އޮތީ ކަމަށެވެ.
މާނައަކީ، އީރާނާ ދެކޮޅަށް ހިންގާ އުދުވާނުތައް އެމެރިކާއަށް ހުއްޓާލެވެން އޮތީ ނަތަންޔާހޫ އެގޮތަށް ނިންމުމުންނެވެ. އެކަމުގައި ގޮތް ކިއުމުގެ ބާރު އެމެރިކާގެ ރައީސަކަށް ނެތެވެ. އީރާނުގެ ދުވަސް ދުއްވާލުމުގައި އީރާނުގެ އާބާދީގައި ހިމެނޭ 94 މިލިއަން ރައްޔިތުން މަރައި ދުނިޔެއިން ނެތިކޮށްލިނަމަވެސް ނަތަންޔާހޫއާއި ޓްރަމްޕަކަށްވެސް ފަރުވާލެއް ނެތެވެ.
އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފަށައި، އެތައްސަތޭކަ ކުދިންނާއި އާންމުން މަރައި، އީރާނަށް އުމްރާނީ ބޮޑެތި ގެއްލުންތައްދީ އަދި އީރާނު ދުނިޔޭގެ ޗާޓުންވެސް ފޮހެލާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް އެތައް އިންޒާރުތަކެއް ދެމުން ގެންދާއިރު، ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ކޮންގްރެސްއަށް ވެއްދި ހުރިހާ ބިލެއް ވަނީ ބޭރުކޮށްލާފައެވެ. މާނައަކީ ސިފައިން ފޮނުވައިގެން އެމެރިކާގެ ރައީސް، އީރާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަކީ އެމެރިކާގެ ކޮންގްރެސް ތާއީދުކުރާ ކަމެއް ކަމެވެ. ޒަޔަނިސްޓުންގެ ނުފޫޒު އެމެރިކާގެ މައްޗަށް އޮތް މިންވަރު މިކަމުން އެކަނިވެސް ހާމަވެއެވެ.
އެކަމަކު، އީރާނު މިފަހަރު އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އީރާނުން ބުނެފައިވަނީ، އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށައިފިނަމަ އެއީ، ސަރަހައްދުގެ ހަނގުރާމައަކަށް ދެން ނުވާނޭ ކަމަށާއި، އެ ހަނގުރާމަ ވާނީ މުޅި ދުނިޔޭގައި ފެށިގެންދާނޭ ހަނގުރާމައަކަށް ކަމަށެވެ. އަލުން ހަނގުރާމަ ފަށައިފިނަމަ ސަރަހައްދުގެ ހުރިހާ ކަނޑުމަގެއް ބަންދުކުރަން އީރާނުންވަނީ އިންޒާރު ކޮށްފައެވެ. އެއީ، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު ކަނޑުތަކެވެ. އީރާނުން އެފަދައިން ކަންކޮށްފިނަމަ ތެލާއި ވިޔަފާރި މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުން މުޅީން ހުއްޓި މުޅި ދުނިޔެއަށް އިގްތިސާދީ “ކާރިޘާއެއް” އަންނާނެއެވެ.



