ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު ހަދާފައިވާ ދެހަފްތާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އީރާނުން ނޭދޭ ކަމަށް، އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ މުޝީރު މަހްދީ މުހައްމަދީ ވަނީ ވިދާޅުވެފައެވެ.
މަހްދީ ވިދާޅުވީ، ހަނގުރާމައިގައި ބަލިވެފައިވާ ބަޔަކަށް، އީރާނުން ކަންތައް ކުރަންވީގޮތް ނޭންގޭނޭ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރުމަކީ އީރާނު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
އީރާނުގެ ކަނޑުގެމަގު ބަންދުކޮށްގެން އުޅޭ އުޅުމަކީ އީރާނަށް ބޮންއެޅުންފަދަ ކަމެއްގެގޮތުގައި އީރާނު ދެކޭ ކަމަށްވެސް، މަހްދީ މުހައްމަދީ ވިދާޅުވެފައި ވެއެވެ.
ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވެ އަމަލުކުރަން ފެށި ދެހަފްތާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުއެވެ. މުއްދަތު ހަމަވުމުގެކުރިން އެއްބަސްވުމެއް ނުހަދައިފިނަމަ މުޅި އީރާނު ގޮއްވާލާނޭކަމުގެ އިންޒާރު އެމެރިކާގެ ރައީސް ދީފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ވާހަކަ ދައްކަން ދެވަނަ ފަހަރަށް އޭނާގެ ނައިބް ރައީސް ޖޭޑީ ވެންސް ޕާކިސްތާނަށް ފޮނުވަން ނިންމުމުން އީރާނުންވަނީ ޓްރަމްޕް ވަރަށް ހިތުގައިޖެހޭފަދަ ގޮތަކަށް ކަންތައް ކޮށްފައެވެ. އެމެރިކާއިން ސަލާމަތީ ވެހިކަލްތަކާއި ސާމާނާއި ސިފައިން ޕާކިސްތާނަށް ފޮނުވައި އަދި ނައިބް ރައީސް ޕާކިސްތާނަށް ދިއުމަށް ފުރަން ތައްޔާރުވެފައި ވަނިކޮށް އީރާނުން ބުނެފައިވަނީ ވާހަކަތަށް އީރާނު ނުދާނޭ ކަމަށެވެ. ޕާކިސްތާނާއި އީރާނުގެ އެކުވެރި ގައުމުތަކުން އެތައް ނަސޭހަތެއް ދިނުމުންވެސް އީރާނުވަނީ އެކަމަށް އެއްބަސް ނުވެފައެވެ.
އީރާނުން ވާހަކަތަކަށް ދިއުމަށް ދެކޮޅުހެދި މައިގަނޑު ސަބަބަކީ، އެމެރިކާގެ ރައީސްގެ އަމުރަށް އެމެރިކާ ސިފައިން އީރާނުގެ އުޅަނދުފަހަރަށް ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅޭ އުޅުން ހުއްޓާނުލުމާއި އަދި ގަލްފް އޮފް އުމާނުން ދަތުރުކުރި އީރާނުގެ ކޮންޓެއިނަރ ބޯޓެއް އެމެރިކާ ސިފައިން ކަނޑުފޭރިގަތުމުންނެވެ.
ކޮންޓެއިނަރ ބޯޓު ކަނޑުފޭރިގަތުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ޖަރީމާއަކަށްވާތީ މައްސަލަ އީރާނުން މިހާރުވަނީ އދއަށްވެސް ހުށަހަޅާފައެވެ.
އެމެރިކާގެ ރައީސް އޭނާގެ ނައިބް ޕާކިސްތާނަށް ފޮނުވަން ނިންމުމުންވެސް އީރާނު ވާހަކަތަކަށް ދާން އެއްބަސްނުވުމާއި، އީރާނުން ހޮރްމޫޒު ކަނޑުއޮޅިވެސް ހުޅުވާނުލުމުން އެމެރިކާގެ ރައީސް ޓްރަމްޕަށް އެހެން އެއްވެސް ގޮތެއް ނެތި މަޖުބޫރުވެގެން މިހާރުވަނީ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިކަމާ ގުޅޭގޮތުން އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، މުއްދަތު އިތުރުކުރީ އީރާނުގެ ވެރިންގެ ފަރާތުން އެއްބައިވަންތަ ހުށަހެޅުމެއް ހުށަހަޅަންދެން ކަމަށެވެ.
އެއްބައިވަންތަކަމުގެ ހުށަހެޅުމެއް އަންނަންދެން ކަމަށް ޓްރަމްޕް ބުނިއިރު، އީރާނުންވަނީ 10 ނުކުތާގެ ޕްލޭނެއް ހުށަހަޅާފައެވެ. އީރާނުގެ ހުށަހެޅުންތަކަށް އެއްބަސް ނުވެގެން އުޅެނީ ޓްރަމްޕެވެ.
އީރާނު ގޮއްވާލަން ދިން އިންޒާރުތަކާއި، އީރާނުގެ ކަނޑުމަގު ބަންދުކޮށްގެން އުޅޭ އުޅުމާއި، އީރާނުގެ އަތުން ހޮރްމޫޒުގެ ކޮންޓްރޯލް ނުނެގޭއިރުވެސް ޓްރަމްޕް މިޖެނީ، އީރާނުގެ ވެރިންގެ ފަރާތުން ހުށަހެޅުމެއް އަންނަންދެން ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުމުގެ މުއްދަތު ދަންމާލާށެވެ.
އެކަމަކު އީރާނުން ތުހުމަތު ކުރަނީ، ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އަޑީގައި ހީލަތްތެރި އެހެންކަމެއް އެބައޮތް ކަމަށެވެ. އީރާނުގެ އެކިއެކި އޮފިޝަލުން ވިދާޅުވަނީ، މިއީ އީރާނާ ދެކޮޅަށް ކުއްލި އުދުވާނުތައް ފެށުމަށް ވަގުތު ހޯދުމުގެގޮތުން ޓްރަމްޕް ކުރި ކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސްގެ އަމުރަށް ހަނގުރާމައިގެ އިތުރު އެތައް ބިޔަ މަނަވަރަކާއި، ހަނގުރާމައިގެ ޖެޓުތަކާއި މަތިންދާ ބޯޓުތަކާއި، އިތުރު އެތައްހާސް ސިފައިންވެސް ސަރަހައްދަށް ޖަމާކޮށްފައި ވެއެވެ. އެމެރިކާ ސިފައިންގެ އުދުހުންތަކާއި ހަރަކާތްތައްވެސް ސަރަހައްދުގައި އިތުރުކޮށްފައި ވެއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، ޓްރަމްޕް ދައްކަމުންދިޔަ ވާހަކަތަކަށްވުރެ ބޮޑަށް އެމީހުންގެ ފޯކަސް ހުރީ އެމެރިކާއާއި ޒަޔަނިސްޓު ސިފައިންގެ ހަރަކާތްތަކަށް ކަމަށެވެ. ފާރަލަމުންދިޔައީ އެމެރިކާގެ މަނަވަރުތަކަށް ކަމަށެވެ. ޖާސޫސީ މައުލޫމާތު އެއްކުރީ ދުޝްމަނުން އުޅޭނޫޅޭގޮތް ބަލައިގެން ކަމަށެވެ.
އީރާނުގެ ލަޝްކަރު އޮތީ 100 އިންސައްތަ ތައްޔާރީ ހާލަތުގައި ކަމަށާއި، މިސައިލްތައް ހުރީ އުދުއްސާލަން ތައްޔާރުގައި ކަމަށާއި، ހަމަލާތައް ދޭނޭ ތަންތަން ހުރީ ކަނޑައެޅި ނިމިފައި ކަމަށާއި، އީރާނުގެ ލަޝްކަރުން މިފަހަރު ދޭ ހަމަލާތަކަކީ މީގެކުރިން ދުޝްމަނުން ތަޖުރިބާކުރި ހަމަލާތަކަށްވުރެ އެތައްގުނަ ބާރުގަދަ ގެއްލުންދެނިވި ހަމަލާތަކެއް ކަމަށް އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ.
އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު އިބްރާހިމް ޒުލްފިގާރީ ވިދާޅުވީ، ޓެރަރިސްޓު އެމެރިކާއަށާއި، ކުޑަކުދިން މަރާ ޒަޔަނިސްޓު ދައުލަތަށް މިފަހަރު އީރާނުން ރަނގަޅު ފިލާވަޅެއް ދޭނޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީރާނު އަސްކަރިއްޔާގެ އަސްކަރީ ހަރަކާތްތައްވެސް ރަށުތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.



