އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު ހުށަހަޅަން ޖެހޭނީ ގޫގުލް ފޯމު މެދުވެރިކޮށެވެ.
ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލާ މީހާގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ އެވެ.


