ހޮރްމޫޒު ހުރަސްކުރާ އިންޑިއާގެ އުޅަނދުފަހަރަށް އީރާނުން ހުރަސްއަޅަމުންދާ މައްސަލާގައި، އީރާނާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގާތް ގުޅުން ގޯސްވީތޯ ނުވަތަ އީރާނާއި އިންޑިއާ ރުޅިވީތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުން އެބަ ދެއެވެ.
މި ސުވާލުތައް އުފެދިގެން ގޮސްފައިވަނީ ހޮރްމޫޒުގައި ތަކުރާރުކޮށް ހިންގަމުންދާ ކަންތައްތަކާ ގުޅިގެންނެވެ.
އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރުމުން މުޅި ދުނިޔެ ޝޮކަކަށް ދިޔައެވެ. ސަބަބަކީ، ދުނިޔޭގައި ކުރެވޭ ތެލާއި ގޭހުގެ ބޮޑު ނިސްބަތެއް ހުރަސްކުރަނީ ހޮރްމޫޒުން ކަމަށްވާތީއެވެ.
އެކަމަކު، ހޮރްމޫޒު ކަނޑުއޮޅި އީރާނުން ބަންދުކުރީ އީރާނަށް އުދުވާނީ ހަމަލާތައް ދެމުންގެންދިޔަ ދުޝްމަނުންނާއި، އީރާނާ ދެކޮޅަށް އުދުވާނު ހިންގުމުގައި ބައިވެރިވާ ގައުމުތަކުގެ އުޅަނދުފަހަރަށެވެ. އީރާނުގެ ރަހްމަތްތެރި ގައުމުތަކާއި، އާންމު މަދަނީ އުޅަނދުތައް އީރާނުގެ ކަނޑުގެ ސިފައިންނާ ކޯޑިނޭޓުކޮށްގެން ހޮރްމޫޒު ހުރަސްކުރެވޭގޮތް އޭރުވެސް އަދި މިހާރުވެސް ހަދާފައި އޮވެއެވެ.
އެގޮތުން، ޔޫރަޕްގެ ގައުމުތަކާއި، މެދުއިރުމަތީގެ ބައެއް ގައުމުތަކާއި، އޭޝިޔާގެ ގައުމުތަކުންވެސް އީރާނާ މުއާމަލާތްކޮށް، އީރާނުން ހުށަހަޅާ ޝަރުތުތަކާއެކު ހޮރްމޫޒު ހުރަސްކުރަމުން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާވެސް އުޅަނދުތައްވެސް ހިމެނެއެވެ. އިންޑިއާ ވަރަށް ބޮޑަށް ކައްކާ ގޭހަށްޖެހި، އެކަމުން ސަލާމަތްވާން އެހީވެދިނީ އީރާނުންނެވެ.
އެމެރިކާއިން ބިރު ދައްކައިގެން އިންޑިއާވަނީ، ޒަމާންވީ “ދޯސްތު” އީރާނަށް ލަނޑުދީފައެވެ. އީރާނަށް އެންމެ ބޭނުންޖެހުނު ވަގުތު އިންޑިއާއިންވަނީ އީރާނުގެ ތެޔޮ ގަތުން ހުއްޓާލާފައެވެ. އީރާނާއި އިންޑިއާ ގުޅިގެން ހިންގަމުންގެންދިޔަ އެތައް މެގަ ޕްރޮޖެކްޓަކުންވެސް އިންޑިއާ ވަކިވެފައި ވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާއާއި އީރާނާ ދެމެދު އެތައް އެތައް ދާއިރާއަކުން އޮތް ގާތް ގުޅުންތަކުގެ ބަދަލުގައި އިސްކުރީ އެމެރިކާއެވެ. އެމެރިކާގެ ރައީސް ދެއްކި ބިރަށް މޯދީ ސިހުނީއެވެ.
އެ ހާލަތުގައިވެސް، އިންޑިއާ ގޭހަށްޖެހި، ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރާން ފެށުމުން މޯދީ އީރާނާ ވާހަކަ ދެއްކީއެވެ. އިންޑިއާގެ ފޮރިން މިނިސްޓަރުވެސް އީރާނަށް ގުޅައި އާދޭސްކުރީއެވެ. ނަތީޖާއެއްގެގޮތުން އިންޑިއާގެ ގޭސް ޓޭންކަރުތައް ހޮރްމޫޒު ހުރަސްކުރަން އީރާނުން ފުރުސަތު ދިނެވެ. އިންޑިއާ ނޭވާހޮޅިއަށް އެޅިފައި އޮއްވައި ސަލާމަތް ކޮށްދިނީ އީރާނުންނެވެ.
އެކަމަކު، އޭގެފަހުން ހިނގައިދިޔަ ކަންތަކާ ގުޅިގެން ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭކަމަށް ގަބޫލު ކުރެވުނެވެ. އީރާނުންވަނީ ހޮރްމޫޒު ހުރަސްކުރަން އުޅުނު އިންޑިއާގެ ދެ އުޅަނދަކަށް ހަމަލާ ދީފައެވެ. އީރާނުގެ ކަނޑުގެ ސިފައިން ހަމަލާދިން އެއް ބޯޓަކީ “ބަގިއާ ލަކްޝްމީ” ނަމަކަށް ކިޔުނު ކާގޯ ބޯޓެކެވެ. އީރާނު ކަނޑުގެ ސިފައިން ދެން ހަމަލާދިނީ “ސަންމަރު ހެރަލްޑް” ނަމަކަށް ކިޔާ އިންޑިއާގެ ސުޕަރޓޭންކަރަށެވެ. އެ ޓޭންކަރު ދަތުރުކުރީ އިރާގުން ގަނެގެން ގެންދިޔަ ދެމިލިއަން ފީފާގެ ތެޔޮ ހިފައިގެންނެވެ.
އިންޑިއާގެ ކާގޯ ބޯޓާއި، އިންޑިއާގެ ސުޕަރޓޭންކަރަށް ހަމަލާ ދޭންޖެހުނީ، ހުއްދަ ނުހޯދައި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރަން އުޅުމާއި، ދަތުރު ހުއްޓަން އީރާނުން ތަކުރާރުކޮށް އެންގުމުންވެސް ނުހުއްޓައި ދަތުރު ކުރަންފެށުމުން ކަމަށް، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން ބުނެފައި ވެއެވެ.
މިމައްސަލާގައި އިންޑިއާއިންވަނީ، އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޑރ. މުޙައްމަދު ފަތުއަލީ، އިންޑިއާގެ ޚާރިޖިއްޔާއަށް ހާޟިރުކޮށް ޝަކުވާކޮށް އަދި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އީރާނު އެމްބަސެޑަރާ ބައްދަލު ކުރީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅައިދޭން އިންޑިއާއިން އެދުނު ކަމަށް ވެއެވެ.
މިކަން މިހެން ހިނގާފައި އޮއްވައި، އަނެއްކާވެސް އީރާނުން މިވަނީ ހޮރްމޫޒު ހުރަސްކުރަން އުޅުނު ދެ އުޅަނދެއް ހުއްޓުވައި، އީރާނު ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެއް އުޅަނދަކީ ދުބާއީގެ ޖަބަލް އަލީ ބަނދަރުން ފުރައިގެން އިންޑިއާގެ ގުޖުރާތުގެ މުދުރާ ބަނދަރަށް ދަތުރުކުރި އުޅަނދެއް ކަމަށް ވެއެވެ.
މިފަހަރު އީރާނު ކަނޑުގެ ސިފައިން އެ އުޅަނދުތަކަށް ހަމަލާދިން ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އައިއާރްޖީސީން ބުނެފައިވަނީ އެދެ ބޯޓުވެސް ހުއްޓުވާފައިވަނީ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުމުން ކަމަށެވެ.
އިންޑިއާގެ ބައެއް މީޑިއާ ވަސީލަތްތަކުން ބުނެފައިވަނީ، އިންޑިއާގެ އުޅަނދުތަކަށް އަމާންކަމާއެކު ހޮރްމޫޒު ހުރަސްކުރުމަށް މަގުފަހި ކުރުމުގެގޮތުން އިންޑިއާގެ ޚާރިޖިއްޔާއިން އީރާނާ މިހާރުވެސް މުއާމަލާތްތައް ކުރަމުން ގެންދާ ކަމަށެވެ. ހޮރްމޫޒު ހުރަސްނުކުރެވި ކަނޑުމަތީގައި ތަށިވެފައިވާ އެތައްސަތޭކަ އުޅަނދުގެ ތެރޭގައި އިންޑިއާގެ 14 ވަރަކަށް ޓޭންކަރު މިހާރުވެސް އެބައޮތް ކަމަށް ވެއެވެ.
މަސްރަހް ދިރާސާކުރާ އެކިއެކި ފަރާތްތަކުންނާއި، މީޑިއާ ރިޕޯޓްތައް ބުނަމުންދަނީ، އިންޑިއާއަށް މިހާލު ޖެހުނީ އިންޑިއާ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށެވެ. އިންޑިއާ މިއަދު ތަޖުރިބާ ކުރަމުންދަނީ ޓްރަމްޕް ބުލީ ކުރުމުން އިންޑިއާއިން އީރާނާ ދެމެދުއޮތް އެތައް ގަރުނެއްވީ ގުޅުންތަކަށް ނުބަލައި ފިޔަވަޅުތައް އެޅުމުން ކަމަށެވެ.
އީރާނާއި އިންޑިއާގެ ގުޅުންތައް ހީނަރު ނުވަތަ ގޯސްވެގެންދިޔަ އެހެންކަމެއް އޮތްކަންވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އެއީ، އެމެރިކާއާއި އިންޑިއާއާ ދެމެދު އޮންނަ ގާތްކަމަށްޓަކައި ޓްރަމްޕް އަންގައިގެން އިންޑިއާއިން އީރާނާ މުހިންމު އެތައް މުއާމަލާތްތަކެއް ކަނޑާލުމުގެ އިތުރުން، އިންޑިއާއާއި އިސްރާއީލާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމެވެ. މިގުޅުން މިފަހުންވަނީ އެތައް ދާއިރާއަކުން އިތުރަށް ބަދަހިވެފައެވެ. ސަލާމަތީ ކަންކަމާއި، ހަތިޔާރާއި، ޓެކްނޯލޮޖީއާއި އެނޫންވެސް އެތައް ދާއިރާއަކުން އިންޑިއާއާއި އިސްރާއީލުގެ ގުޅުން ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އިސްރާއީލަށް ދަތުރެއް ކުރިފަހުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ތާއީދުކުރާ އިންޑިއާގެ އެތައް މީޑިއާ ވަސީލަތަކުން ކެނޑިނޭޅި ގެންދަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައަށް ތާއީދު ކުރަމުންނެވެ. އީރާނަށާއި، ލުބުނާނަށާއި، ޣައްޒާއަށްވެސް ބޮންއަޅަން ފާޅުގައި ގޮވައި އަޑުއުފުލަމުން ގޮސްފައި ވެއެވެ. އީރާނާ ދެކޮޅަށް ވަރަށް ބޮޑަށް އެންޓި ކެމްޕެއިންކޮށް އީރާނަކީ “ޓެރަރިސްޓު” ދައުލަތެއް ކަމަށް ދުނިޔެއަށް ދައްކަން އިންޑިއާގެ އެތައް މީޑިއާއަކުން ފާޅުގައި ދޮގު ވާހަކަތައް ފަތުރަމުން ގޮސްފައި ވެއެވެ.
އިންޑިއާ ގުޅޭގޮތުން ހިނގަމުންދާ އެތައް ކަމެއްގެ ސަބަބުން އިންޑިއާގެ އުޅަނދުފަހަރަށް ހޮރްމޫޒު ހުރަސްކުރުމުގައި ދަތިތައް ކުރިމަތިވަމުން ދަނީކަމަށް ގިނަބަޔަކު ބުނެއެވެ. އީރާނު، އިންޑިއާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ ކަމަށްވެސް ބުނަމުން ގެންދެއެވެ.
އެހެން ނަމަވެސް، އިންޑިއާ ސަރުކާރުންވެސް އަދި އީރާނު ސަރުކާރުންވެސް ދެގައުމުގެ ގުޅުމާ ބެހޭގޮތުން ރަސްމީގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގިނަބަޔަކު ވާހަކަ ދައްކަމުން ގެންދަނީ ހިނގަމުންދާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.



