އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން ބޭނުންކުރާ، ހަމަލާދޭ ކުދި ބޯޓުތަކުގެ “އުނދަގޫ ބޮޑުވެގެން” އެފަދަ ބޯޓުތަކަށް ހަމަލާދީ ނައްތާލަން އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މިފަދަ ޕްލޭނަކަށް އެމެރިކާ ސިފައިން ތައްޔާރުވާން މިފެށީ، އީރާނުގެ ކަނޑުގެ ލަޝްކަރު އެއްކޮށް ނައްތާލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތާއި، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ތަކުރާރުކޮށް ބުނަމުން ދިއުމާއެކުވެސް އީރާނުން ހޮރްމޫޒުގައި ކާމިޔާބު ކަމާއެކު އޮޕަރޭޝަންސްތައް ކުރިއަށް ގެންދާތީއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ ވެރިން ދައްކަނީ ތާކުންތާކުނުޖެހޭ ދޮގު ވާހަކަތަކެއްކަން، އީރާނުން ދުނިޔެއަށް ސާބިތުކޮށްދެމުން ގެންދާތީއެވެ.
އީރާނުން ކުރިންވެސް އަދި މިހާރުވެސް ބުނަމުންދަނީ ހޮރްމޫޒުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތުގައި ކަމަށެވެ. އެމެރިކާގެ ރައީސް ފޮނުވައިގެން އުޅޭ ލަޝްކަރު އޮތީ އީރާނާ އެތައްސަތޭކަ މޭލު ދުރުގައިކަންވެސް އީރާނުން ފާހަގަ ކުރެއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ އަމުރުތަކާ ޚިލާފްވާ ތެޔޮ ޓޭންކަރުތަކަށާއި، ކޮންޓެއިނަރ ބޯޓުތަކަށް އީރާނުން މީގެކުރިންވަނީ ހަމަލާދީ ހުއްޓުވާފައެވެ. ބައެއް އުޅަނދުތައް އީރާނުގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ވެއެވެ.
އީރާނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފްވި ސުޕަރ ޓޭންކަރަކަށާއި، ކޮންޓެއިނަރ ބޯޓަކަށް އިހަށްދުވަހުވެސް ހަމަލާ ދީފައި ވެއެވެ.
އަދި އީރާނު ކަނޑުގެ ސިފައިންގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު ދެ ކޮންޓެއިނަރ ބޯޓު އީރާނުން އިއްޔެވަނީ އަތުލައިގެންފައެވެ. މިހުރިހާކަމެއް އީރާނުން ކުރަމުންދަނީ ހަމަލާދޭ ކުދި ބޯޓުތައް ބޭނުންކޮށްގެންނެވެ.
މީގެން ބައެއް ކުދި ބޯޓުތަކަކީ މީހުންނާ ނުލައިގޮސް ހަމަލާދޭ ބޯޓުތަކެވެ. އަނެއްބައި ބޯޓުތަކަކީ މީހުންނާއެކު ދަތުރުކުރާ ބޯޓުތަކެވެ. މިއީ އާދަޔާ ޚިލާފް ބާރު ސްޕީޑްގައި ދުވާ ބޯޓުތަކެކެވެ.
މިކަންކަމާހެދި އެމެރިކާވަނީ ވަރަށް ހާސްވެފައެވެ. އެމެރިކާގެ ވެރިން އީރާނާ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ކަން ހިނގަމުންދާ ގޮތް ދިމާނުވާތީ އެމެރިކާގެ ވެރިންގެ އަގު ދަނީ ވެއްޓެމުންނެވެ.
އެހެންވެ، ޓްރަމްޕް އަންގައިގެން އެމެރިކާ ސިފައިން މިހާރު ތައްޔާރުވަމުންދަނީ، ހަމަލާތައް ހުއްޓާލަން މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމާއެކު ހޮރްމޫޒު ކަނޑުއޮޅީގައި އެނބުރޭ ކުދި ބޯޓުތަކުގެ ދުވަސް ދުއްވާލުމަށެވެ.
ހަމަލާދޭ ކުދި ބޯޓުތަކުގެ އިތުރުން، ހޮރްމޫޒުގައި މައިން އެޅުމަށް ދުއްވާ އުޅަނދުތަކާއި، ހޮރްމޫޒު ކޮންޓްރޯލް ކުރުމަށް އީރާނުގެ އައްސޭރިފަށުގައި ގާއިމްކޮށްފައިވާ މިސައިލްތަކާއި އަދި ޑްރޯންތައްވެސް ހަމަލާދީ ނައްތާލަން އެމެރިކާއިން ދަނީ ރާވަމުންނެވެ. މީގެ ބޭނުމަކީ ހޮރްމޫޒު ކޮންޓްރޯލް ކުރުމުގައި އީރާނުގެ ވާގި މުޅީން ނައްތާލުމެވެ.
މިކަންކަމުގެ އިތުރުން، އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށާއި، އީރާނުގެ އަސްކަރިއްޔާގެ އެކި ވިންގުތަކުގެ ވެރިންނަށް ހަމަލާދޭންވެސް އެމެރިކާއިން ރާވަމުންދާ ކަމަށް ރިޕޯޓްތައް ފެތުރެމުން އެބަދެއެވެ.
ހަނގުރާމަ ހުއްޓާލަން އީރާނާއެކު ދެ ހަފްތާގެ އެއްބަސްވުމެއް ހަދައި އަދި އޭގެފަހުން އެ އެއްބަސްވުން މުއްދަތެއް ނެތްގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކުރި ނަމަވެސް، މިއީ އީރާނަށް އަލުން ހަމަލާދޭން ފެށުމަށް ހަތިޔާރާއި ސިފައިން ޖަމާކޮށް ޕްލޭންތައް ހެދުމަށް ވަގުތު ހޯދުމުގެގޮތުން ކުރާ ކަމެއް ކަމަށް ތަޖުރިބާކާރުންނާއި، މަސްރަހް ދިރާސާކުރާ ފަރާތްތަކުންވެސް ގެންދަނީ ބުނަމުންނެވެ.
އެމެރިކާގެ ރައީސާއި، އޭނާގެ ސަރުކާރާއި އަދި އެމެރިކާ ސިފައިންގެ އަމަލުތައް ހުރިގޮތުންވެސް އެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ބުނެއެވެ.
އެހެންވެ، އެމެރިކާގެ ރައީސާއި އަދި އެމެރިކާގެ އެހެން ވެރިޔަކު ދައްކާ ވާހަކައެއްވެސް އީރާނުން ގަބޫލެއް ނުކުރެއެވެ. އެމެރިކާއާއި ދެވަނަ ފަހަރަށް ވާހަކަ ދައްކަން އީރާނު ނުދިއުމުން، އެކަމަށް އެއްޗެއް ނުބުނެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތުވެސް އިތުރުކޮށް ޓްރަމްޕް ހިމޭނުން ހުރީ، އީރާނާ ދެކޮޅަށް ހީލަތްތެރި ރޭވުންތަކެއް ރާވަމުންދާތީ ކަމަށް ޚުދު އީރާނުންވެސް ބުނެފައި ވެއެވެ.



