ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް ހެދުމަށް ޗައިނާ ސަރުކާރާއެކު ސޮއިކުރީ، ޗައިނާގެ ބެއިޖިންގައި ބޭއްވި ތިންވަނަ ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓްގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ.
އެ ކޮންފްރަންސް ކުރިއަށްގެންދިޔައީ މި މަހުގެ 21 އިން 22 އަށެވެ. މާލޭގައި 500 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުން އިންޓްރެސްޓް ފްރީ ފެސިލިޓީއެއް މެދުވެރިކޮށެވެ.
އެ ބައްދަލުވުމުގައި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދެވެ. އަދި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއާމަން ލިއު ޖުންފެންގްއެވެ.
ސީއައިޑީސީއޭއާ އެކު ބައިލޭޓަރަލް ބައްދަލުވުމެއް ބޭއްވި އިރު، ދެގައުމުގެ ދެމެދުގައި ހިލޭ އެހީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.


