ޣައްޒާގެ ކަތިލުންތައް ނުހުއްޓޭ! ޣައްޒާމަތިން ދުނިޔެވަނީ ހަނދާންނައްތާލާފައި!

ޚަބަރު ފަހުގެ ދުނިޔެ

މިދިޔަ ހުކުރު ދުވަހު އެކަނިވެސް އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން އުދުވާނީ ހަމަލާތަކުގައި 13 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި މާބަނޑު އަންހެނަކާއި އޭނާގެ އިތުރު ދެދަރިންވެސް ހިމެނެއެވެ. މި އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވިއިރު އޭގެ ތެރޭގައިވެސް ކުޑަކުދިން ހިމެނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ހޮނިހިރު ދުވަހުވެސް ގާޒާ ސިޓީގެ ޖަބަލިއާގެ މިސްކިތަކަށް ޑްރޯން ހަމައެއްދީ ދެމީހުން ޝަހީދު ކޮށްލާފައިވާއިރު، އެއިން އެކަކީ ކުޑަކުއްޖެކެވެ. އޭގެ ކުރީދުވަހު ޣައްޒާގެ މަގަކުން ދަތުރުކޮށްފައި ދިޔަ ކާރަކަށް ބޮންއަޅައި އެއް އާއިލާގެ 7 މެމްބަރުން ޝަހީދުކޮށްލިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދާފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމާއެކު އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދިޔަ ބޮމާއި މިސައިލްތަކުގެ ވަރުގަދަ އުދުވާނު މެދުކަނޑާލައި، ހަމާސްގެ އަތްދަށުގައި ތިބި އިސްތިއުމާރީ ދައުލަތުގެ ހުރިހާ ރަހީނުންވަނީ މިނިވަންކޮށްގެން ގެންގޮސްފައެވެ.

އެކަމަކު، އޭގެ ފަހުންވެސް ކޮންމެ ދުވަހަކު ގެންދަނީ ޣައްޒާގެ އެތަން މިތަނަށް ވައިގެ ހަމަލާދީ އާންމުން ޝަހީދު ކުރަމުންނެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް ޣައްޒާއަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް 790 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 225 ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތަކުގައި އިތުރު އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

އިސްތިއުމާއީ އިސްރާއީލުގެ އެކިއެކި މަސްއޫލުވެރިން ފާޅުގައި ބުނަމުން ގެންދަނީ، ޣައްޒާގައި ކުށެއްނެތް މީހަކު ނުހުންނާނެ ކަމަށާއި، ޣައްޒާގެ ކުޑަކުދިންނަކީވެސް އެކުދިން ބޮޑެތިވެ މުސްތަގްބަލުގައި އިސްރާއީލަށް ނުރައްކާކުރާނެ ބައެއް ކަމަށާއި، އެހެންވެ ކުޑަކުދިންވެސް “މަރައިހުސްކުރަންޖެހޭ” ކަމަށެވެ.

މިއީ، އިސްތިއުމާރީ ދައުލަތުން، އިސްތިއުމާރީ ޓެރަރިސްޓު ސިފައިންނަށްވެސް ވިސްނައިދޭ ގޮތެވެ. ހަނގުރާމައިގެ މައިދާނަށް ނެރޭއިރު ފީޑްކޮށްދޭ ގޮތެވެ. އެހެންވެ، އެމީހުން ބަލަކީ ކޮންމެ ދުވަހަކުވެސް ޣައްޒާއަށް ހަމަލާދީ ކުޑަކުއްޖެއްވިޔަސް، އަންހެނެއްވިޔަސް މަރާލެވޭތޯއެވެ. އެގޮތުން، ބަޑިޖަހައިގެންނާއި، ބޮންއަޅައިގެން ނުވަތަ ދެވުނު ގޮތަކުން ހަމަލާދީ ކުޑަކުދިން މެރުން އާންމު ކަމަކަށް ހަދާފައި ވެއެވެ.

ހަނގުރާމައިގެ ފަހުން އިސްތިއުމާރީ ސިފައިންވަނީ ޣައްޒާގެ ބިމުގެ ދެބައިކުޅަ އެއްބައިގެ ކޮންޓްރޯލް ނަގާފައެވެ. އަދި ޣައްޒާގެ އާބާދީގައި ހިމެނޭ ދެމިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރު ދިރިއުޅެން ޖައްސާފައިވަނީ ފޭލިގެ އަވަށްތަކުގައި ތޮއްޖެހިފައިވާ ހާލުގައެވެ. އަސާސީ އެއްވެސް ޚިދުމަތެއް، ޟަރޫރީ ކާބޯތަކެއްޗެއް، ސާފު ބޯފެނެއް އެމީހުންނަށް ނުލިބޭއިރު، އިސްތިއުމާރީ ދައުލަތުން އަދިވެސް ގެންދަނީ ޣައްޒާއަށް ބޭނުންވާ މިންވަރާ ގާތަށްވެސް އިންސާނީ އެހީ އެތެރެކުރިޔަނުދީ ހުރަސް އަޅަމުންނެވެ.

ނުވިތާކަށް، އާންމުން ދިރިތިބުމަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ބޭހާއި އެނޫންވެސް ސާމާލު ޣައްޒާއަށް އެތެރެކުރަން ޓެރަރިސްޓުން ގެންދަނީ ހުރަސް އަޅަމުންނެވެ.

އެ ހާލަތުގައި ތިއްބައި، ޓެރަރިސްޓުންގެ ޑްރޯންތަކުން އެންމެ ގިނައިން ބޮންއަޅަމުން ގެންދަނީވެސް ފޭލިގެ އަވަށްތަކަށެވެ. ބައެއް ފަހަރު އަލިފާން ބޮންތައް ވައްޓައި އަވަށްތައް އެކަށް ހުޅުޖަހައި އަންދާލައެވެ.

އިސްތިއުމާރީ ބާރުން ޣައްޒާގައި ހިންގަމުންގެންދާ ޓެރަރިޒަމް ހުއްޓުވަން ދުނިޔެ ވަނީ ނުކުޅެދިފައެވެ. އދއަކަށްވެސް ކުރެވުނު ކަމެއް ނެތެވެ. ދުނިޔޭގެ އެހެން ބާޔަކަށްވެސް ކުރެވުނުކަމެއް ނެތެވެ.

އެމެރިކާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ގެންދަނީ ޣައްޒާގެ ނަސްލުނައްތާލުމުގެ ޖަރީމާ ކުރިއަށް ގެންދަން އިސްރާއީލަށް ހުރިހާ ގޮތަކުން އެހީތެރިވެ މަދަދުދެމުންނެވެ. ހުޅަނގުގެ ގައުމުތަކުންވެސް ގެންދަނީ މި ޖަރީމާއަށް ވާގިވެރިވަމުންނެވެ. ހިތްވަރު ދެމުންނެވެ. އިސްރާއީލާ ދެކޮޅުވާ ކޮންމެ ގައުމަކާ ދެކޮޅަށް އީޔޫ ތެދުވެއެވެ.

އިސްރާއީލާ ގުޅުން ގާއިމްކޮށްފައިވާ އަރަބި އިސްލާމީ ދައުލަތްތަކުން ވަނީ ޣައްޒާގެ ރައްޔިތުންނާއި، ފަލަސްތީނު މުސްލިމުންނަށްވެސް ޣައްދާރުވެފައެވެ. އެ ގައުމުތަކުގެ ވެރިންގެގޮތުގައި ތިބީ މުނާފިގުންކަން ހާމަކޮށްދީފައެވެ. ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތީގައި ޒަޔަނިސްޓުން ކޮށްލާފައިވާ ވަރަކީ ދުނިޔެ މިހާތަނަށް ދެކެފައިނުވާވަރުގެ ލާއިންސާނީ ބޮޑެތި ޖަރީމާތަކެވެ. އެކަމަކު އެ ޖަރީމާތަކާއި، ކަތިލުންތަކާއި، ލޭއޮހޮރުވުންތައް ނުފެންނަ ކަމަށްހަދައި ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ އަނިޔާއާއި ވޭނަށް ދުނިޔެވަނީ އިހުމާލުވެފައެވެ. ޣައްޒާމަތިން ދުނިޔެވަނީ ހަނދާން ނައްތާލާފައެވެ!

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ