އެމެރިކާގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް މައްޗަށް، އީރާނުން އަގުހެޔޮކޮށް ލިބޭ، ޓްރަމްޕް އަދިވެސް އުޅެނީ ދެރަނުވާން!

ޚަބަރު ފަހުގެ ދުނިޔެ

ސާޅީސް ދުވަސްވަންދެން އީރާނުގެ އާންމުންގެ ބޮލަށާއި، މިސްކިތްތަކާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، ހޮސްޕިޓަލްތަކާއި، އީރާނުގެ އެކި ރަށްތަކުގެ އާންމުންނާ ގުޅުންހުރި ތަންތަނާއި، އީރާނު ސަރުކާރުގެ ތަންތަނަށާއި، ބްރިޖްތަކަށް ބޮންއަޅަމުން ދިއުމަށްފަހު ކުރި ނުލިބިގެން އެކަން ހުއްޓާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ބޭނުންވީ، އީރާނުގެ ވެރިކަން ވައްޓާލުމަށެވެ. އަދި އީރާނުގައި އެމީހުން ބޭނުންވާ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުމަށެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޕްރޮގްރާމް މުޅިން ނެތިކޮށްލުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއިން އެއްވެސް ކަމެއް ހާސިލްނުވުމުން ދެން މަސައްކަތް ފެށީ އީރާނު ރައްޔިތުން މަގުތަކަށް ނެރެގެން ސަރުކާރު ވައްޓާލުމަށެވެ. ނަމަވެސް، އެމެރިކާދެކެ އީރާނު ރައްޔިތުންގެ ރުޅި އިހުނަށްވުރެ ގަދަވެ، އެ ދޮރުވެސް ބަންދުވީއެވެ.

ޓްރަމްޕް ދެން މަސައްކަތް ފެށީ އީރާނު ދުނިޔެއިން ނެތިކޮށްލާނޭ ކަމަށް ބުނެ އިންޒާރުދީ، އެމެރިކާ ބޭނުންވާ ގޮތަށް އީރާނު ލައްވައި އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް، އެމެރިކާގެ އެއްވެސް މަސްލަހަތަކަށް ބެލުމެއްނެތި އިސްރާއީލުގެ މަސްލަހަތު އިސްކުރަން ހަދައިގެން ވާހަކަތަކުން އެއްވެސް ކުރިއެރުމެއް ނުލިބި އަދިވެސް އޮތީ ފެށުނު ހިސާބުގައެވެ. އީރާނުން ހުށަހަޅާ އެއްވެސް ކަމަކަށް ޓްރަމްޕް އެއްބަހެއް ނުވެއެވެ. ޓްރަމްޕް ލަފާ ހޯދަނީ ނަތަންޔާހޫގެ ކިބައިންނެވެ. ނަތަންޔާހޫ ހުރީ އީރާނަށް އެއްވެސް ކަމެއްގައި ދޫދޭ ގޮތަކަށް ނޫނެވެ.

އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ވެއްޖެކަމަށް އިއުލާންކޮށް، ހަނގުރާމައިން ދުރަށްދާން ޓްރަމްޕް އެތައް މަސައްކަތެއް ކޮށްފައި ވެއެވެ. ހަނގުރާމަ ކާމިޔާބު ވެއްޖެކަމަށާއި، އީރާނުގެ ވެރިން އަވަހާރަކޮށްލެވި، އީރާނުގެ އަސްކަރިއްޔާ މުޅިން ނައްތާލެވިއްޖެކަމަށް އެމެރިކާގެ ރައީސް ބުނި އަދަދެއްވެސް ނޭނގެއެވެ. ހަނގުރާމަ ނިންމާލައި، ލަޝްކަރުތައް އަނބުރާ ގެންދިއުމަށް ޓްރަމްޕަށް ހުރަސްއަޅަމުންގެންދަނީ ނަތަންޔާހޫކަން އެންމެނަށްވެސް އެނގެއެވެ.

އެމެރިކާގެ ރައީސްކަމުގައި މީހަކު ހުރި ނަމަވެސް، އެމެރިކާ ސަރުކާރާއި، އެމެރިކާގެ ކޮންގްރެސް ކޮންޓްރޯލް ކުރަނީ ކޮން ބައެއްކަން، އެމެރިކާގެ ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަމުން ވަރަށް ސާފުކޮށް އެނގެއެވެ. ޓްރަމްޕަކީ ކިހާ ބާރުގަދަ މީހެއްކަންވެސް އެނގި ފެނެއެވެ.

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ އެމެރިކާއާއި އަދި އީރާނާ ދެކޮޅަށް އުދުވާނު ހިންގަމުންގެންދިޔަ ގައުމުތަކަށް ސީދާ ދަތިކުރުމުގެ ބޭނުމުގައެވެ. އެމެރިކާއަށް ދުނިޔޭގެ ޕްރެޝަރާ ކުރިމަތިކުރުވުމަށެވެ.

އީރާނުގެ މަސައްކަތް ކިތަންމެހާވެސް ކާމިޔާބެވެ. އެމެރިކާއަކަށް ބާރުގެ ބޭނުން ކޮށްގެން ހޮރްމޫޒެއް ނުހުޅެވުނެވެ. އެކަމުގައި ބައިވެރިވާކަށް އެހެން ގައުމަކުންވެސް ބޭނުމެއް ނުވިއެވެ. ސިފައިން ފޮނުވައިގެން ހޮރްމޫޒު ހުޅުވަން އުޅުމުން އީރާނު އަސްކަރިއްޔާ ފުރިހަމަ ބާރުގައި އެބައޮތްކަން ދުނިޔެއަށް ހާމަވެގެންދިޔައެވެ. ޓްރަމްޕް ދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއް ކަންވެސް ހާމަވެގެން ދިޔައެވެ.

އެމެރިކާއާ އެކު ދައްކަމުންގެންދާ ވާހަކަތަކުގައިވެސް އީރާނުން ގެންދަނީ އީރާނުގެ މުލައްދަނޑީގެ ބާރު ދައްކަމުންނެވެ. އީރާނާ ދެކޮޅަށް ސާޅީސް ދުވަސްވާންދެން އުދުވާނު ހިންގައި އަދި އީރާނުގެ ބަނދަރުތައް ބްލޮކްކޮށް އީރާނުން ތެޔޮ ބޭރުވިޔަނުދިނުމަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް އީރާނު ބަލި ނުވާކަމާއި، އީރާނު އަދިވެސް އޮތީ ގަދަކޮށްކަން ދަނީ ހާމަވަމުންނެވެ.

އީރާނުން ޑިމާންޑްކުރަމުންދާ ކަންކަމަށް އެއްބަސްނުވެ ޓްރަމްޕް އެތައް ހުށަހެޅުމެއް އަނބުރާ ފޮނުވާލާފައި ވެއެވެ. އައުކޮށްފައިވެސް ތަރުތީބު ބަދަލުކޮށްފައިވެސް އީރާނުން ހުށަހަޅަނީ ހަމަ އެކަންކަމެވެ. އެއް ކަމަކީ ދާއިމަށް ހަނގުރާމަ ހުއްޓާލުމެވެ. ދެވަނަ ކަމަކީ، އީރާނަށް ދެން އަސްކަރީ ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން އދގެ ސަލާމަތީ މަޖިލިސް ތެރެއިން ހޯދުމެވެ. ތިންވަނަ ކަމަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. މިފަދަ މުހިންމު 14 ނުކުތާއެއް ހިމެނޭ ހުށަހެޅުމެއް އީރާނުން ހުށަހަޅާފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްވެސް ފެންނަނީ އީރާނަށް ދޫނުދޭން އުޅޭތަނެވެ. ދުނިޔޭގެ ކުރިމަތީގައި އީރާނަށް އަމާން ދިނީކަމަށް ލޭބަލް ކުރެވިދާނެތީއެވެ.

ހަނގުރާމައިގެ ސަބަބުންނާއި، ހޮރްމޫޒު ބަންދުކުރުމާއި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެން އުޅޭ މައްސަލާގައި އެމެރިކާއަށް ގެއްލުމެއް ނުލިބޭ ކަމަށް، ޓްރަމްޕަށް ލިބޭނޭ ގެއްލުމެއް ނެތްކަމަށް ދައްކަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. ހަގީގަތަކީ އީރާނުގެ ރައްޔިތުންނަށް މިހާރުވެސް ތެލުގެ ބާވަތްތަކާއި ގޭސް، ކުރިންވެސް ލިބެމުންއައި އަގުގައި ލިބޭ ކަމެވެ. އެޔާ ޚިލާފަށް އެމެރިކާގައި ތެލާއި ގޭހުގެ އަގުތައްވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެމެރިކާގެ ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި، ދެކޮޅުވެރިކަމުގެ އަޑުތައް ގަދަވެ އާންމުން މަގުތަކަށްވެސް ނުކުމެ އަޑުއުފުލަން ފަށާފައި ވެއެވެ.

އެމެރިކާއާއި ހުޅަނގުގެ މީޑިއާއިން މިކަމުގެ ޚަބަރުތައް ނުގެނެސްދެއެވެ. އެ މަންޒަރުތައް ނުދައްކައެވެ. ބޭނުމަކީ، ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ކަމެއް ނުވާކަން ދެއްކުމެވެ.

ޓްރަމްޕް އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ، އީރާނާއެކު ހަދާ އެއްބަސްވުމަކީ ހަނގުރާމައިން އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެކަން އިއުލާން ކުރެވޭނެފަދަ އެއްބަސްވުމަކަށް ހެދުމަށެވެ. އިސްރާއީލު ރުހޭފަދަ އެއްބަސްވުމެއް ހެދުމަށެވެ.

އެހެން ނަމަވެސް، އީރާނުގެ ވެރިން ވިދާޅުވަމުން ގެންދަވަނީ، ހަމަ ހިލާ އެފަދަ އެއްބަސްވުމެއް ހެދިޔަ ނުދޭނޭ ކަމަށާއި، ވާހަކަތަކުގައި އެފަދަ ކަމަކަށް އީރާނު އެއްބަސް ނުވާނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ