އެއްބަސްވުމެއް ހެދުމަށް އީރާނުން “އާދޭސް” ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޓްރަމްޕް ބުނީ، އެމެރިކާ ސިފައިން އަނެއްކާވެސް އީރާނަށް ހަމަލާދޭން ޖެހިދާނެ ކަމަށާއި، އީރާނުން އެމެރިކާއާއެކު އެއްބަސްވުމެއް ނުހަދައިފިނަމަ ނުވަތަ ދެފަރާތަށް އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެނަމަ އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދޭން ފަށާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
ޓްރަމްޕް އިއްޔެ ބުނިގޮތުން، އެމެރިކާއިން ނިންމާފައި އޮތީ މިއަދު އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމަށެވެ. ނަމަވެސް، ހަމަލާތައް ނުދީ މަޑުޖައްސާލީ ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީން އެދިގެން ކަމަށާއި، އެމެރިކާ ބޭނުންވާފަދަ އެއްބަސްވުމެއް ހެދުމަށް އެހީތެރިވެދޭނޭ ކަމަށް އެ ގައުމުތަކުން ބުނެފައިވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ބުނެފައިވަނީ، އީރާނަށް އޮތީ ދެތިންދުވަސް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމެއް ނުހެދިއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނޭ ކަމަށާއި، އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗައާއި، ނިއުކްލިއަރ ޕްރޮގްރާއި، މިސައިލް ޕްރޮގްރާމްގެ ތަންތަން މުޅިން ސުންނާފަތި ކޮށްލާނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.
އެމެރިކާއިން ޑިމާންޑް ކުރަމުން ގެންދަނީ، އީރާނުން ނިއުކްލިއަރ ޕްރޮގްރާމްގެ މަސައްކަތް މުޅިން ހުއްޓާލައި އަދި އީރާނުން ފައްކާކޮށްފައި ހުރި ޔޫރޭނިއަމްވެސް އެމެރިކާއާ ހަވާލު ކުރުމަށެވެ.
ޓްރަމްޕް މިއަދުވެސް ބުނެފައިވަނީ، އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބިގެން ނުވާނޭ ކަމަށެވެ.
އެމެރިކާގެ ފަރާތުން އަންނަ ޑިމާންޑްތަކަށް ރައްދު ދެއްވައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އިއްޔެ ވިދާޅުވެފައިވަނީ، އީރާނުގެ ރައްޔިތުންނާއި އަދި އީރާނަށް ލިބިގެންވާ ޝަރުއީ ހައްގުތައް އެއްވެސް ހާލަތެއްގައި ދޫނުކުރައްވާނޭ ކަމަށާއި، އެމެރިކާއަށް އަމާންދީ އީރާނު ފަހަތަށް ނުޖެހޭނޭ ކަމަށެވެ.
އީރާނުން ބުނަމުންގެންދަނީ، ޓްރަމްޕް ޑިމާންޑްކުރި ނަމަވެސް، އީރާނުގައި ހުރި ޔޫރޭނިއަމް އެމެރިކާއާ ހަވާލު ނުކުރާނޭ ކަމަށާއި، އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ބާއްވާ އެއްވެސް ވާހަކައަކަށް އީރާނު ދާނީ، އެމެރިކާއާއި ޒަޔަނިސްޓުން އީރާނާ ދެކޮޅަށް ހިންގި އުދުވާނުތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ބަދަލުދީ އަދި އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ ފައިސާއާއި މުދާ ދޫކޮށްލުމުން ކަމަށެވެ.



