އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހަށްދުވަހު ބުނީ، އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމަށް ހަމަޖެހިފައި އޮތީ އަންގާރަ ދުވަހު ކަމަށާއި، ހަމަލާތައް މަޑުޖައްސާލަން އޭނާ އަމުރުކުރީ ހަމަލާތައް ފަށަން ގަޑިއިރަކަށް ވެފައި ވަނިކޮށް ކަމަށެވެ.
އީރާނަށް އަސްކަރީ ހަމަލާދޭން ފެށުމަށް އެމެރިކާގެ ރައީސް މަސައްކަތް ކުރަމުންގެންދަނީ އެމެރިކާ ބޭނުންވާފަދަ އެއްބަސްވުމެއް އީރާނުން ނުހަދައިގެންނެވެ. ދެ ފަރާތުންވެސް ވަނީ ޑިމާންޑްކުރާ ކަންކަން ހުށަހަޅާފައެވެ. އީރާނުންވެސް އަދި އެމެރިކާއިންވެސް އެއްވެސް ކަމެއްގައި ދޫދޭކަށް ބޭނުމެއް ނުވެއެވެ. އެކަމަކުވެސް، ގޮތްތަކެއް ހޯދޭތޯ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާއަށް މިހާރުވެސް ބޮޑެތި އެތައް އެތައް ގެއްލުންތަކެއް ވަނީ ލިބި އަދި ދަނީ ލިބެމުންނެވެ. އެމެރިކާގައި ތެލާއި ގޭހުގެ އަގުތައް މައްޗަށްގޮސް ތަކެތީގެ އަގުތައްވެސް ދަނީ އިންތިހާއަށް މަތިވަމުންނެވެ. އާންމުންގެ ނުރުހުމާއި ދެކޮޅުވެރިކަން ޓްރަމްޕްގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެމެރިކާ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން އެތައް ގުނައެއް ވަނީ ދަށަށް ގޮސްފައެވެ.
ނުވިތާކަށް، އީރާނާ ދެކޮޅަށް އަލުން ހަނގުރާމައެއް ފެށުން ހުއްޓުވަން އެމެރިކާގެ ސިޔާސީ މައިދާނުގައި ކުރެވޭ މަސައްކަތްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ސަބަބަކީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވެ، އެމެރިކާ ސިފައިންގެ ބަޔަކު މަރުވެ އަދި އެމެރިކާގެ އަސްކަރިއްޔާ ފަޚުރުވެރިޔާ އަސްކަރީ އެތައް މަތިންދާ ބޯޓެއް އީރާނުން ވައްޓާލުމާއި، ހޮރްމޫޒު ކަނޑުއޮޅި ބަންދުވެ ދުނިޔޭގެ ނުރުހުންވެސް އެމެރިކާއަށް އަމާޒުވެފައިވާތީއެވެ. އެމެރިކާއިން ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލްނުވެ އިތުރަށް ކަންކަން ގޯސްވެގެން ދިއުމުންނެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އިސްތިއުމާރީ އިސްރާއީލުގެ ހައްގުގައިކަން އެންމެނަށްވެސް އެނގެއެވެ. އެއީ އިސްރާއީލަށްޓަކައި ކޮށްދޭ ކަމެއްކަންވެސް އެނގެއެވެ.
އީރާނަށް އަލުން ހަމަލާދޭން ފަށަން ތައްޔާރުވެފައި އެކަން މަޑުޖައްސާލައި އެމެރިކާގެ ރައީސް ޓްރަމްޕް، ފޯނުން މުޖުރިމު ނަތަންޔާހޫއަށް ގުޅީ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށެވެ. އީރާނާއެކު އެއްބަސްވުމެއް ހެދުމާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ. އަދި އެއްބަސްވުމަކަށް ދިއުމަށް އާނއެކޭ ބުނުމަށް ޓްރަމްޕް އެދުނެވެ. އެކަމަކު، ނަތަންޔާހޫ ޓްރަމްޕްއާ “ޒުވާބުކުރީ” އެވެ. އީރާނާއެކު އެއްވެސް އެއްބަސްވުމެއް ހެދުމަށް ބޭނުން ނުވާ ކަމަށާއި، އޭނާ ބޭނުންވަނީ ހަނގުރާމަ ފެށުމަށްކަމަށް ނަތަންޔާހޫ ރުޅިވެރިކަމާއެކު ބުނެފައި ވެއެވެ. މިވާހަކަތައް ހާމަކުރީ މިކަން އެނގޭ މަސްދަރުތަކުންނެވެ.
ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި އީރާނު މިހާރު އޮތީ ވަރަށް ބޮޑަށް “ބަލިކަށި” ކޮށްލެވިފައެވެ. އެހެންކަމުން، އަލުން ހަމަލާދީ އީރާނުގައި އެމީހުން ބޭނުންވާ މަގްސަދު ހާސިލްކުރުމުގެ ވަގުތަކީ މިއީއެވެ. ނަތަންޔާހޫ ބޭނުންވަނީ މިފަހަރުގެ ހަމަލާތަކުގައި އީރާނުގެ މުޅި އިންފްރާސްޓްރަކްޗަރ ސުންނާފަތި ކޮށްލުމަށެވެ. އެއީ، އީރާނުގެ ތެލުގެ ސިނާއަތުގެ ތަންތަނާއި، އީރާނުގެ އެހެން ސިނާއަތްތަކުގެ ތަންތަނާއި، ބްރިޖްތަކާއި، އިންޖީނުގެތަކާއި، ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަނެވެ.
އެއްބަސްވުމެއް ހެދުމަށް އީރާނުން ޑިމާންޑްކުރަމުންދާ އެއްކަމަކީ އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން ހަމަލާ ނުދޭނޭކަމުގެ ޔަގީންކަން ދިނުމެވެ. އެ ޔަގީންކަން ހޯދަން އީރާނުން ބޭނުންވަނީ އދގެ ސަލާމަތީ މަޖިލިސް ތެރެއިންނެވެ. އެކަމަކު، ތަޖުރިބާކާރުން ބުނަމުންދަނީ އިސްރާއީލުން އީރާނަށް ހަމަލާ ނުދޭނޭކަމުގެ ގެރެންޓީއެއް ޓްރަމްޕަކަށް ދެވެން ނެތް ކަމަށެވެ. ނަތަންޔާހޫގެ މައްޗަކަށް ޓްރަމްޕަށް އެއްވެސް ބާރެއް ނެތް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ހުރީ އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކާއި، މުޖުރިމު ނަތަންޔާހޫއާ ދެމެދު ތާށިވެ ފިތިފައެވެ. އީރާނަށް ހަމަލާދޭން ފެށުން ނޫން އިޚްތިޔާރެއް ނެތް ހާލަތެއްގައެވެ. އީރާނުން ކިތަންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅިޔަސް ނަތަންޔާހޫގެ ރުހޭބަސް ނުލިބޭތީ ޓްރަމްޕަށް ޖެހެނީ ދެކޮޅު ހަދާށެވެ.
އެކަމަކު، ޓްރަމްޕަށްވެސް އޭނާގެ ސިޔާސީ ކެރިއަރު ސަލާމަތްކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައި ވެއެވެ. ކުރިއަށްއޮތީ އެމެރިކާގެ މިޑްޓާރމް އިންތިޚާބެވެ. އިހަށްދުވަހު ބޭއްވި ޕްރައިމެރީތަކުން ޓްރަމްޕްގެ ޕާޓީއަށް ދެގޮނޑި ލިބުނެއްކަމަކު، އެހެން ދާއިރާތަކުގެ އިންތިޚާބުތަކާއެކު އިދިކޮޅު ޑިމޮކްރަޓިކް ޕާޓީއަށް ލިބުނު ޖުމްލަ ވޯޓުވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. މިއީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަރަށް ކަންބޮޑުވި ކަމެކެވެ. މިޑްޓާރމް އިންތިޚާބަށް ލިބުނު އިންޒާރެއްކަމަށް ވަނީ ބަލާފައެވެ.
މިޑްޓާރމް އިންތިޚާބު ނިމުމުން އެމެރިކާގެ ޕާލަމެންޓުގެ ދެގޭގެ ނަތީޖާ އިދިކޮޅަށް ބުރަވެގެންގޮސް، ޓްރަމްޕް އިމްޕީޗްކޮށް ޖަލަށްލާނޭކަމުގެ ބިރުވެސް އޭނާއަށް އެބައޮތެވެ.



